އަދީބު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލައިފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު --- ސަން ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވާލަން އިއްޔެ ކަރެކްޝަންސް އިން ނިންމުމާ ގުޅިގެން އޭނާ އަށް ފިލުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ކަމާ ގުޅުންހުރި ސަރުކާރުގެ ހަތަރު މުއަސަސާއެއްގެ އިސްވެރިން މިއަދު ހަވީރު، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

އަދީބު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އަދި އެބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

އިނގުރާއިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، އަދީބަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމޭނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އަދީބު މިހާރު ގޭ ބަންދުގައި ބަހައްޓާފައިވާތީ އޭނާއަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރަމުން ނުދާތީ އޭނާ މިނިވަން ވުމުގެ މުއްދަތު އެއަށްވުރެވެސް ލަސް ވާނެ ކަމަށް މުނާޒު ވިދާޅުވި އެވެ.

"ޖަލުގައި ހުންނަ ގައިދީއަކު ބޭސްފަރުވާއަށް ޖަލުން ނެރޭ ވަގުތުން ފެށިގެން ހުކުމުގެ މުއްދަތު ހުއްޓާލެވޭނެ. މިސާލަކަށް އާއިލާގެ ބެލުމުގެ ދަށުގައި [މިހާރު] އެ ހުންނަނީ. ހުކުމުގެ މުއްދަތު އޮންނާނީ ހުއްޓިފައި އެހިސާބުން. ހުކުމުގެ ބާކީ ދުވަސްކޮޅު ގުނަން ފަށާނީ އަނެއްކާވެސް އަބުރާ ޖަލަށް ގެންދިޔުމުން،" މުނާޒު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކޮމިޓީގައި ވާހަަކަ ދައްކަވަނީ: އެނާ ވިދާޅުވީ އަދީބުގެ ޖަލު ހުކުމުންގެ މުއްދަތު ނިމޭނީ 18 ޖުލައިގެ ފަހުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދީބު ގޭބަންދުގައި ހުުރުމުން ޖަލުގެ މުއްދަތު ބަކީ އޮތީ ކިހާ ދުވަހެއްތޯ ސުވާލު ކުރުމުން މުނާޒު ވިދާޅުވީ، އެސުވާލަށް ތައްޔާރުވެފައި ނެތުމުން އަދީބު ޖަލުން މިނިވަންވާ ތާރީޚު އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ހުރި ހުކުމްތަކުގެ ޖުމްލަ އަދަދު، ސީދާ އެ ސުވާލު ކުރައްވާނެ ކަމަށް ނޫން ވަޑަައިގެންނެވީ، ނަމަވެސް މީޑިއާގައި ދައުރުވާ ދުވަސް [މާދަމާ އަދީބު މިނިވަންވާނެ ކަމަށް] އެއީކީ ރަނގަޅު ދުވަހެއް ނޫން،" މުނާޒު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ މުސާ ރަމީޒު ވިދާޅުވި ގޮތުގައި އަދީބު ރާއްޖެއިން ބޭރަށް ފުރުވާލަނީ އެއް އަހަރު ދުވަހުގެ ވަގުތީ ޓްރެވެލް ޑޮކުމެންޓެގައެވެ. އަދި ޓްރެވެލް ޑޮކުމަންޓުގައި ފުރޭނީ ހަމައެކަނި އިންޑިއާއަށް ކަަމަށާއި ޓްރެވެލް ޑޮކުމަންޓް ދެނީ އޭނާގެ ޕާސްޕޯޓުވެސް އަތުލުމަށްފަހު ކަމަށް މޫސާ ރަމީޒު ވިދާޅުވި އެވެ.

ކޮމިޓީގައި މިއަދު ވަނީ އަދީބު ޖަލު ހުކުމުގެ ބާކީ މުއްދަތު ސާފު ނުވާތީ އެކަން ސާފުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ސިޓީއެއް ފޮނުވުމަށް ފާސްކޮށްފައެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަދީބަށް ފިލުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ސުވާލު ކުރީ ހަމަ އެެކަނި އެމްޑީޕީގެ މެމްބަރުންނާއި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމެވެ. ކޮމިޓީއަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހާޒިރުވަޑައިނުގަންނަވައެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އޭގެތެރެއިން މިހާރު ބާކީ އޮތީ، ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް އެކަންޏެވެ.

comment ކޮމެންޓް