ސައުދީގެ އަބްހާ އެއާޕޯޓަށް ދިން މިސައިލް ހަމަލާއެއްގައި 26 މީހަކަށް އަނިޔާވެއްޖެ

ހޫޘީންގެ މިސައިލް ހަމަލާއެއް ވަނީ ސައުދީ އަރަބިއާގެ އަބްހާ އެއާޕޯޓަށް އަމާޒުކޮށްފައި -- ފޮޓޯ: މިރާ

ރިޔާޒު (ޖޫން 12): ސައުދީ އަރަބިއާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް މިސައިލް ހަމަލާއެއް އަމާޒުވެ، 26 މީހަކަށް އަނިޔާވެއްޖެ އެވެ.

ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެހަމަލާ ދިނީ ހޫޘީންނެވެ. އަދި ހަމަލާގައި އަނިޔާވި 26 މީހުންގެ ތެރޭގައި އިންޑިއާ، ޔަމަން އަދި ސައުދީއަށް ނިސްބަތްވާ ތިން އަންހެނުންނާއި ސައުދީގެ ދެ ކުޑަކުދިން ހިމެނެ އެވެ. އޭގެ ތެރެއިން 18 މީހަކަށް ހާދިސާ ހިނގި ތަނުގައި ފަރުވާ ދިން އިރު އަށް މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އަބްހާ އެއާޕޯޓުގެ އެރައިވަލްސް ހޯލަށް އަމާޒުވި އެހަމަލާ ދީފައި ވަނީ ކޮން ބާވަތެއްގެ މިސައިލަކުންކަން އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް ސައުދީން ވަނީ ހަމަލާއިން އެނގިގެންދަނީ، އީރާނުގެ ފަރާތުން ހޫޘީންނަށް "ކުރިއަށް ވުރެ ވަރުގަދަ ހަތިޔާރު" ލިބިފައިވާ ކަން ކަމަށް ބުނެފަ އެވެ.

އަދި ހޫޘީންނާ ގުޅުން ހުރި މަސީރާ ޓީވީން ވަނީ އެހަމަލާ ދިނީ ކްރޫޒް މިސައިލަކުން ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުން ވަނީ ހޫޘީންނަށް އެހީތެރިވެދޭ ކަމަށް ބުނާ ތުހުމަތުތައް މީގެ ކުރިން ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.

އެހަމަލާ ދީފައި ވަނީ ހޫޘީން މިދިޔަ ހޯމަ ދުވަހު ސައުދީއަށް ފޮނުވި ދެ މިސައިލެއް ހުއްޓުވި ކަމަށް އެގައުމުން ބުނި ފަހުންނެވެ. އެހަމަލާ އަމާޒު ކުރީ ކިންގް ޚާލިދު އެއާބޭސްއަށެވެ.

މިދިޔަ މަހު ހޫޘީން ވަނީ ސައުދީގެ ދެ ތެޔޮ ސްޓޭޝަނަކަށް ޑްރޯން ހަމަލާތަކެއް ދީފަ އެވެ. އަދި ސައުދީން ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ކައިރިން ހަތަރު ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނީ ވެސް ހޫޘީން ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ސައުދީގެ ދެ ޓޭންކަރުވެސް ހިމެނުނެވެ.

ހޫޘީން ޔަމަނުގެ ވެރިރަށް ހިފައި، އެޖަމާއަތުގެ ވެރިކަމެއް ގާއިމު ކުރީ 2014 ވަނަ އަހަރެވެ. އަދި ސައުދީ ކޯލިޝަނުން އެހަނގުރާމައިގައި ބައިވެރިވީ ހޫޘީން ބަލިކޮށް، ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ރައީސް އަބްދުރައްބުމަންސޫރު ހާދީގެ ސަރުކާރު ރުޖޫއަ ކުރާނެކަމަށް ބުނެ އެވެ.

comment ކޮމެންޓް