ޗުއްޓީގައި ހުރެ އަދީބުގެ މައްސަލަ ނިންމުމުން ޝުޖާއު އުސްމާންގެ މައްސަލަ ޖޭއެސްސީ އަށް

ޝޫޖައު އުސްމާން: އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އަށް ވަނީ ހުށަހެޅިފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޢަފޫރުގެ ހިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު، ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ބުނެ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަޙަޅައިފި އެވެ.

ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމެވެ.

އެ މައްސަލަ ހުށަހަޅުއްވާ އޭނާ ވަނީ ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފައެވެ.

ރާއްޖޭގެ ނޫހަކާ ހަވާލާދީ، މެމްބަރު މީކާއިލް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، އަދީބު 77 މިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވިކަމުގެ މައްސަލަ އިސް ފަނޑިޔާރު ޝުޖާއު ނިންމަވާފައި ވަނީ ޗުއްޓީގައި ހުންނަވައިގެން ކުއްލިއަކަށް ކޯޓަށް ވަޑައިގެން ކަމަށެވެ.

އެ މައްސަލަ ބައްލަވައި އަދީބު ކުށުން ބަރީއަކުރުމަށް ފަހު އަނެއްކާވެސް ޗުއްޓީ ކުރިއަށް ގެންދެވި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

"އެހެންކަމުން، މިކަމުގައި މި ދެންނެވި ފަނޑިޔާރުގެ [ޝުޖާއުގެ] އެއްވެސް ސުލޫކީ މައްސަލައެއް އުޅޭ ނަމަ، މިކަން ވީ އެންމެ އަވަސް ފުރުސަތެއްގައި ބައްލަވައި ދެއްވުމަށް،" އާރިފަށް ފޮނުއްވި ސިޓީގައި މީކައިލް އެދިވަޑައިގެންފައި ވެއެވެ.

އެކިއެކި ކުށްތަކުގައި މީގެ ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އައި އަދީބުގެ ހުރިހާ މައްސަލަތަކެއް ވަނީ ބާތިލް ކުރެވިފައެވެ. އެންމެ ފަހުން ގޭބަންދުގައި ހުންނަވަައިގެން އޭނާ ތަންފީޒުކުރައްވަމުން ގެންދަވާ 15 ދުވަހުގެ ޖަލު ބަންދުގެ ހުކުމް ތަންފީޒުކޮށް ނިމޭނީ މާދަމާއެވެ. މާދަމާ އޭނާ މިނިވަންވާއިރު، އިއްޔެ ކަރެކްޝަންސް އިން ވަނީ އަދީބުގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުން ލަފާ ދީފައިވާތީ، އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމަށް ނިންމަވާއެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސް އިން އޭނާ ބޭރަށް ފޮނުއްވާއިރު، ފިލިޔަ ނުދޭން އެކަށީގެންވާ ފިޔަވަޅު އަޅައިފައިވޭތޯ ވޭތޯ ކަރެކްޝަންސްއާއި ފުލުހުން މަޖިލީހުގެ ސަލާމަތާއި ހާރިޖީ ގުޅުމުގެ ކޮމިޓީއަށް ހަޒިރުކޮށްދިނުމަށް އެދި މިއަދު މީކާއިލް ވަޏީ މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން ސަލާމަތު ކޮމެޓީން މިއަދު ހެނދުނު ބޭއްވި ކުލި ބައްދަލުވުމުގައި އެކޮމޓީން ވަނީ އެކަމާ ގުޅުން ހުރި ހަތަރު މުއަސަސާއެެއްގެ ވެރިން މިއަދު ހަވީރު ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމަވާފައެވެ. އެއީ ހޯމް މިނިސްޓްރީއާއި ފުލުހުނާއި ކަރެކްޝަންސް އަދި އިމިގްރޭޝަންގެ އިސްވެރިންނެވެ. އެ ހަތަރު މުއަސަސާ ހާޒިރު ކުރަނީ، އަދީބު ރާއްްޖެއިން ބޭރަށް ގޮސް ފިލުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމުގެ ގޮތުން އެވެ.

https://sun.mv/120285

comment ކޮމެންޓް