އުތުރުގެ 11 ސަރަހައްދެއް ހިމާޔަތްކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---

އުތުރުގެ 11 ސަރަހައްދެއް ހިމާޔަތް ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ކޮންމެ އަތޮޅެއްގައި އެއް ރަށާއި އެއް ފަޅު، އެއްފަރު، އަދި އެއް ކަނޑޫފާ ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިގެންފައިވާ ވައުދުގެ ދަށުން ބޮޑުތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ 11 ސަރަހައްދަކީ ހއ. ގައްލަންދޫ ތިލަ، ހއ.ކެލާ ޗަސްބިން، ހއ.ބިލެތްދޫ ތިލަ، ހދ.ފިނޭ ތިލަ، ހދ.އިންނަފުށި، ށ.ބޮލިއްސަފަރު، ށ.ނާލާހުރާ، ނ.ފޮއްދިއްޕަރު، ނ.ބޮޑުޅައިމެންދޫ، ނ.ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ.އޮރިމަސްތިލަ އެވެ.

މި ސަރަހައްދުތައް ހިމާޔަތްކުރުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތައް ކަމަށާއި މިގޮތުން ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަޙައްދުތަކާއި، ހިމާޔަތްކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދެއްގެ ދޫނީސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެންމަޑި، ވެލާކަހަނބު، މާހުޅުނބު ލަނޑާ އަދި މިޔަރުގެ އިތުރުން މުރަކައާއި ފަރުގެ މުއްސަނދި ސަރަޙައްދުތައް މީގެ ތެރޭ ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަރަޙައްދުތައް ޙިމާޔަތް ކުރީ އެ ސަރަޙައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ އާ މަޝްވަރާ ކުރުމަށް ފަހުއެވެ.

comment ކޮމެންޓް