ރައީސް ތަސްދީގު ނުކުރެއްވި އިނާޔަތްތަކުގެ ބިލްތައް މަޖިލީހުން ބޭރުކޮށްލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ މަޖިލިސް

ނައިބު ރައީސްކަން ކޮށްފައިވަ ފަރާތްތަކަށް އިނާޔަތް ދިނުމަށާއި ފަނޑިޔާރުންނަށް އިނާޔަތް ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު ބޭރުކޮށްލައިފި އެވެ.

އެ ދެ ބިލުވެސް ހުށަހަޅައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ ދެ ބިލު ތަސްދީގު ނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލީ 19 މަޖިލިސް ހުވާ ކުރި ފަހުންނެވެ.

މިއަދު ޖަލްސާގައި އެ ދެ ބިލު މަޖިލީހުން ބޭރުކޮށްލުމަށް 67 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ ކޮންމެ ފަރާތަކަށް އިނާޔަތުގެ ގޮތުގައި މަހަކު 35،000 ރުފިޔާ ދޭން 18 ވަނަ މަޖިލީހުން އޭރު ފާސްކުރި އެވެ.

ފަނޑިޔާރުންނަށް އިނާޔަތް ލިބިދެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ 18 ވަނަ މަޖިލީހުގައި ވިލުފުށީ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި ރިޔާޒު ރަޝީދު އެވެ.

ރިޔާޒު ހުށަހެޅުއްވި އެ ބިލްގައި ވަނީ، ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިވުމަކީ ތަހުޒީބްވެފައިވާ މުޖުތަމައުތަކުގައި އާންމު އުސޫލެއް ކަމަށާއި އެގޮތުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން ފަނިޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށެވެ.

ގާނޫނު އަސާސީގެ 285 މާއްދާގެ (ހ) ގައި ވަނީ، ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަގާމުގައި ތިބޭނެ ކަމަށެވެ.

comment ކޮމެންޓް