އިންޑިއާއިން އަންނަ މަހު ހަނދަށް ފޮނުވާ އުޅަނދު ދައްކާލައިފި

އިންޑިއާއިން ވަނީ އެ ގައުމުން ހަނދަށް ފޮނުވާ އުޅަނދު، ޗާނދުރަޔާން-2 ދައްކާލާފަ -- ފޮޓޯ: ޕީއައިބީ

ދިއްލީ (ޖޫން 12): އިންޑިއާއިން އަންނަ މަހު ހަނދަށް ފޮނުވާ އުޅަނދުގެ ތައްޔާރީތައް ކުރިއަށް ގެންދާ މަންޒަރު ފެންނަ ފޮޓޯތަކެއް އެގައުމުގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އައިއެސްއާރުއޯ)އިން ދަައްކާލައިފި އެވެ.

އިންޑިއާއިން ބޭނުން ވަނީ ޗާނދުރަޔާން-2ގެ ނަން ދީފައިވާ އެ އުޅަނދު ހަނދުގައި ޖައްސުވާށެވެ. އެއުޅަނދުގައި ހަނދު ވަށައި ބުރު ޖަހާނެ އޯބިޓާއަކާއި ހަނދުގައި ތަހުލީލުކޮށް، މައުލޫމާތާއި ފޮޓޯ ދުނިޔެއަށް ފޮނުވާނެ ރޮބޮޓިކް ރޯވާއެއް ހިމެނޭނެ އެވެ.

އިންޑިއާއިން ވަނީ މީގެ ކުރިންވެސް، ޗާނދުރަޔާން-1 ކިޔާ އުޅަނދެއް ހަނދަށް ފޮނުވާފަ އެވެ. ނަމަވެސް އޮކްޓޯބަރު 2008 އިން އޮގަސްޓު 2009 އަށް ކުރިއަށް ގެންދިޔަ އެމިޝަނުގައި ހަނދުގެ ތަހުލީލުތައް ހެދީ ހަނދުގެ ވަށައިގެން ބުރު ޖަހަމުންނެވެ.

އިންޑިއާއިން ވަނީ އެގައުމުން ހަނދަށް ފޮނުވާ އުޅަނދު، ޗާނދުރަޔާން-2 ދައްކާލާފަ -- ފޮޓޯ: ޕީއައިބީ

އައިއެސްއާރުއޯގެ ޗެއާޕާސަން ކޭ ސިވާން ވިދާޅުވި ގޮތުގައި މިހާރު ރާވަފައި އޮތީ ޗާނދުރަޔާން-2 އަންނަ މަހު ލޯންޗު ކުރާށެވެ. އަދި އުއްމީދަކީ ހަނދުގެ ސައުތް ޕޯލްގައި ޖައްސާ ފުރަތަމަ އުޅަނދަކަށް އެއުޅަނދު ވާނެ ކަމަށެވެ.

"އެރޯވާއިން ހަނދުގައި ތަހުލީލުތައްކޮށް، މައުލޫމާތާއި ފޮޓޯތައް ދުނިޔެއަށް ފޮނުވާނެ،" ސިވާން ވިދާޅުވި އެވެ.

އެހިސާބަށް އުޅަނދަށް ދެވޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު ހަޔެއްގައެވެ. އަދި ރޯވާ ހަނދުގައި މަސައްކަތް ކުރާނެ ކަމަށް ބެލެވެނީ 14 ދުވަހަށެވެ.

އެމިޝަން ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވާނީ ހަނދުގައި އުޅަނދެއް ޖައްސާ ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާގެ އުޅަނދުތައް ހަނދުގައި ޖައްސާފައިވެއެވެ.

comment ކޮމެންޓް