ކުޅުދުއްފުށީ އެއާޕޯޓަށް ރާޅުއަރާތީ ބައުންޑް ވޯލް ޖަހަން ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދަށް ރާޅު އަރަނީ --- ފޮޓޯ: ކުޅުދުއްފުށީ އޮންލަން

ކުޅުދުއްފުށީ އެއާޕޯޓަށް ރާޅުއަރާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ބައުންޑް ވޯލް ޖަހަން ފަށައިފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު "ސަން" އަށް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަށް ބިން ހިއްކި ސަރަހައްދުގައި ޖަހާފައިވާ ހިލައިގެ ތޮށި ވެއްޓި ރާޅު އަރާތީ އެކަމަށް ވަގުތީ ހައްލެއް ގެނައުމަށް ބައުންޑް ވޯލް ޖަހަނީ ވަގުތީ ގޮތުން ކަމަށެވެ.

"މީގެ ކުރިން ވެސް ރާޅު އަރައި، ތޮށި ވެއްޓުނު. އެކަން އިސްލާހުކޮށްފައި ވަނިކޮށް އަލުން މިކަން ދިމާވީ. މިހާރު އެމްޓީސީސީ އާ ގުޅިގެން މިދަނީ ވެލި ބަންޑު ޖެހުމުގެ މަސައްކަތް ކުރަމުން. އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ވެސް މަސައްކަތް ކުރާނެ،" ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ޝީޓް ޕައިލް ކޮށްގެން ނޫނީ މިހާރަށް ވުރެ އުސްކޮށް ހިލަތޮށި ޖަހައިގެން ކަމަށެވެ.

"ރިވެޓްމެންޓުގެ ޑިޒައިނަށް ބަދަލު ގެންނަންޖެހޭނީ. ރާޅު ގަދަވެ، މޫސުން ގޯސްވުމުން މިކަން މި ދިމާވަނީ. ބައިޓަނުގެ ހިލަ ޖަހާފައި މިހާރު ހުންނާނީ. އެވަރުން ނުހިފަހައްޓާތީ، އެއަށްވުރެ ބޮޑު ކުރަން ޖެހޭކަން މިހާރު މި އެނގެނީ. އެބަދަލު ވެސް ގެންނާނެ،"

ކުޅުދުއްފުށީ އެއާޕޯޓުގެ ބިންހިއްކުމާއި ރަންވޭގެ މަސައްކަތްކުރި އެމްޓީީސީސީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ހިލަ ތޮށީގައި ޖަހާފައި ވަނީ މަސައްކަތުގެ ޑިޒައިންގައި ބުނާ ވަރުގެ ހިލަ ކަމަށެވެ.

މޫސުން ގޯސްވެ، ހިލަތޮށި ވެއްޓެނީ އީއައިއޭގައި ބުނާވަރަށް ވުރެ ލުއި ހިލަ ޖެހުމުން ކަމަށް ބުނެ ކުޅުދުއްފުށީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އީއައިއޭގައި ބުނފައި ވަނީ އެ ސަރަހައްދުގައި ޖަހަންވާނީ ދެ ޓަނު ނުވަތަ 1.5 ޓަނުގެ ހިލަ ކަމަށެވެ.

ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ އެރަށު އުތުރު ފަރާތުގެ މޫދާއި ކުޅިން ބައެއް ހިއްކައިފަ އެވެ. އަދި އެ ސަރަަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ބޮޑު ބައެއްގައި ވަނީ ހިލަތޮށި ވެސް ޖަހައިފަ އެވެ. މީގެ ކުރިން ވެސް ވިއްސާރަވެ ހިލަ ތޮއްޓަށް ގެއްލުން ވުމުން އެމްޓީސީސީ އިން ވަނީ އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށްފަ އެވެ.

comment ކޮމެންޓް