ދެ ކޮމިޝަނަށް ބާރުދޭ ބިލް މަޖިލީހަށް ބަލައިގަނެފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަންފި އެވެ.

ދެ ކޮމިޝަނަށް ބާރު ދޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މި ހަފްތާގެ ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންގޮސް މިއަދު ވަނީ ނިންމާލާފަ އެވެ.

ދެ ކޮމިޝަނަށް ބާރުދޭ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްވީ 79 މެމްބަރުންގެ ވޯޓާ އެކު އެެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދޭ އިނީ އެއް މެމްބަރެކެވެ.

ދެ ކޮމިޝަނަށް ބާރުދޭ ބިލަށް އިބްތިދާއީ ބަހުސް ކުރިއަށް ދިޔަ އިރު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ބައެއް އިސްލާހުތައް ހުށަހެޅުއްވި އެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ލިބިދެވޭ އިރު އެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ކޮމިޝަންތަކަށް އިހުތިޔާރުތައް ދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭގެއިތުރުން އެ ކޮމިޝަންތަކުން ތަހުގީގުކުރާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މަދަނީ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގައި އަމަލުކުރަމުން އަންނަ މަދަނީ އިޖުރާއަތުތަކަށް ތަބާވާން ޖެހޭނެ ކަމަށް ބިލުގައި ހިމަނަން ޖެހޭ ކަމަށް ހިސާންވިދާޅުވި އެވެ.

"ކޮމިޝަންތައް އުވާލުމާ ބެހޭގޮތުން މި ބިލުގައި އޮތް މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް އެބަ ލިބިވަޑައިގަންނަވާ އިހުތިޔާރު ރިޔާސީ ކޮމިޝން އުވާލުމުގެ. އަޅުގަނޑު ހުށަހަޅަން ކޮމިޝަންތައް އުވާލަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާއިރު އެ ކޮމިޝަންތަކުން އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ވާނެ ގޮތެއް މި ބިލުގައި ސާފުކޮށް އަޅުގަނޑުމެން ބަޔާން ކުރަން." މަޝްހޫރު ގާނޫނީ ވަކީލުންގެ ތެރޭގައި ވެސް ހިމެނޭ މެންބަރު ހިސާން ވިދާޅުވި އެވެ.

ތަހުގީގީ އިދާރާއަކަށް ބޭނުންވާ ގިނަ ބާރުތަކެއް ދެ ކޮމިޝަނަށް ދޭންވެސް ބިލުގައި ލިޔެފައިވެ އެވެ.

ކޮމިޝަންތަކަށް ދޭނެ ބާރުތައް

  • ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުން
  • ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން
  • ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން
  • ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
  • ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުން
  • ކޯޓު އަމުރަށް އެދެވުން

ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއްވެސް ދީފަ އެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ އެވެ.

އޭގެ އިތުރުން ކޮމިޝަނުން ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލު ކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އެ ދެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ލިޔެފަ އެވެ. އެފަދަ ފަރާތެއްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅޭނެ ކަމަށްވެސް ބިލުގައި ވަނީ ލިޔެފަ އެވެ.

comment ކޮމެންޓް