ކުއްޑޫ އެއާޕޯޓުގައި ބަލިމީހުން އުފުލާނެ އިންތިޒާމް ހަމަޖައްސަން އެދެފި

ކޫއްޑޫ އެއާޕޯޓު: އެތަނުގެ ފަނެވަރު ދަށްވެ، ދަތުރުވެރިންނަށް ވަނީ މާޔޫސަކަށްވެފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ގއ. ކޫއްޑޫ އެއާޕޯޓުގައި ބަލި މީހުން އުފުލުމަށް ހާއްސަ ގޮތެއް އިންތިޒާމް ކުރުމަށް އެއާޕޯޓު ހިންގާ ކުންފުޏަށް އަންގާފައިވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެފި އެވެ.

ކުއްޑޫ އެއާޕޯޓުގެ ފެންވަރު ދަށްވެ ގިނަ މީހުންގެ ޝަކުވާތަކާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް އިން މިދިޔަ މަހު 29 ވަނަ ދުވަހު އެއާޕޯޓުގެ އިންސްޕެކްޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑީރެކްޓާ ޖެނެރަލް ސާމީ އަގީލް މިއަދު "ސަން" އަށް ވިދާޅުވީ، ކޫއްޑޫ އެއާޕޯޓުގައި ބަލި މީހުން އުފުލުމަށް ހާއްސަ ވެހިކަލެއް ނެތް ކަން ފާހަގަ ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން، މިހާރު އެއާޕޯޓު ހިންގާ ކުންފުންޏަށް ބަލި މީހުން އުފުލުމުގައި ހާއްސަ އިންތިޒާމެއް ހަމަޖެއްސުމަށް ދަންނަވާފައިވާ ވާނެ ކަމަށް ސާމީ އަގީލް ވިދާޅުވި އެވެ.

"އިންސްޕެކްޝަނަށް ފަހު، އެއާޕޯޓު ހިންގާ ކުންފުންޏަށް ވަނީ އެއް މަސްދުވަހު މުއްދަތެއް ދީފައި ބަލި މީހުން އުފުލުމުގައި ހާއްސަ އިންތިޒާމެއް ހަމަ ޖެއްސުމަށް،" ސާމީ ވިދާޅުވި އެވެ.

https://sun.mv/119039

ހާއްސަ ހާލަތަކީ ކޮބާތޯ ސުވާލުކުރުމުން ސާމީ ވިދާޅުވީ "ބަލި މީހުން ޓްރޯލީގައި އުފުލުމަކީ ރީޖަނަލް އެއާޕޯޓްސް އަށް ބަލައިގަނެވޭނެ ކަމެއް ނޫން. ބަގީއެއް ނަމަ ބަގީއެއްގައި. ވޭނެއް ނަމަ ވޭނެއްގައި. އެކަން ނިންމަވާނީ އެއާޕޯޓުން،" ކަމަށެވެ.

ސާމީ ވިދާޅުވީ، ހުރިހާ އެއާޕޯޓުތަކުގައި ވެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވޭނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އިންސްޕެކްޝަނަށް ފަހު މިއަދަށް 14 ދުވަސް ވެފައިވާ އިރު، މިއަދާ ހަމަށް ވެސް އަދި އެއާޕޯޓްގައި ހާއްސަ ވެހިކަލެއް ނެތެވެ.

އެއާޕޯޓުން ދޭ ހިދުމަތްތަކާ ގުޅިގެން އާންމުންގެ ޝަކުވާތައް ބޮޑުވެ، ރީޖަނަލް އެއާޕޯޓްސް އިން އެއާޕޯޓުގެ އިންސްޕެކްޝަނެއް ކޮށްފައިވާއިރު، އެއާޕޯޓުގައި ވޭނެއް ނެތުމުގެ އިތުރުން، އެއާޕޯޓުގައި ފެން ބޭނުން ނުކުރެވި، ނުބައި ވަސްދުވުމާއި ޖެޓީ ހިޔާނުވުން އަދި ޓްރޯލީ ނެތުން ވެސް އެއީ އާންމުންގެ ކަންބޮޑުވުމެކެވެ.

ސާމީ ވިދާޅުވީ ބަލި މީހުން އުފުލުމުގައި ހާއްސަ ވެހިކަލެއް ނެތުން ނޫން އެހެން މައްސަލައެއް އެއާޕޯޓުގެ އިންސްޕެކްޝަނުން ފާހަގަވެފައި ނުވާ ކަމަށެވެ.

"ފެނުގެ މައްސަލައެއް އުޅޭ ކަމަށް އިންސްޕެކްޝަނުން ފާހަގަވެފައި ނެތް. ހަމަ އެކަނި ބަލި މީހުންނަށް ހާއްސަ ވެހިކަލެއް ނެތުން އިންސްޕެކްޝަނުން ފާހަގަވީ،" ބޭނުން ނުކުރެވޭ ވަރަށް ފެނުން ނުބައި ވަސް ދުވުމާއި އެހެން ވެސް މައްސަލަތައް އެއާޕޯޓުގެ އިންސްޕެކްޝަނުން ފާހަގެވެފައިވޭ ތޯ ސުވާލު ކުރުމުން ސާމީ ވިދާޅުވި އެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީކުރީ، އޭރު ރައީސް ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު ދިގުރަށް ކިޔާ ފަޅު ރަށެއްގައި ރިސޯޓެއް ތަރައްގީކުރުމަށް 50 އަހަރަށް ބޮނަވެއްޗާ މޯލްޑިވްސްއާ ހަވާލުކޮށްގެން އެވެ. އެފަހުން 2012 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން، އެއާޕޯޓު ހިންގައި ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ، ކޭއެޗްއޭ ކޮންސްޓްރަކްޝަންއާ އެވެ. އެއާޕޯޓު ހިންގުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޫއްޑޫ އަނެއް ފަޅީގައި ރިސޯޓެއް [މާކިއު ރިސޯޓްސް މޯލްޑިވްސް] ތަރައްގީކޮށް ހިންގުމަށެވެ.

ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ކޫއްޑޫ އެއްޕޯޓު ތަރައްގީކޮށް އިތުރަށް ބޮޑު ކުރުމަށް އަތޮޅުގެ އެންމެ ބޮޑު ފަޅު ރަށް، މާމުޓާ ވެސް ރިސޯޓެއް [ޕުލްމަން މޯލްޑިވްސް މާމުޓާ] ތަރައްގީކުރުމަށް ވަނީ މި ކުންފުންޏަށް ދީފަ އެވެ.

comment ކޮމެންޓް