ތައިލެންޑު ކޮޅަށް 13 ގޯލު ޖަހައި އެމެރިކާގެ އަންހެން ޓީމު ރެކޯޑް ހަދައިފި

އެމެރިކާގެ އަންހެން ޓީމު ތައިލަންޑު ކޮޅަށް ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ޖޭމްސް ވިލޫބީ

މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑު ކަޕުގައި ރޭ އެމެރިކާ އިން ތައިލަންޑު ކޮޅަށް 13 ގޯލު ޖަހައި، މިހާތަނަށް ވޯލްޑް ކަޕެއްގައި އެއް ޓީމަކުން އެންމެ ގިނަ ގޯލު ޖެހި މެޗުގެ ރެކޯޑް ހަދައިފި އެވެ.

ކުރީ މުބާރާތުގެ ވެސް ޗެމްޕިއަން ޔޫއެސްއޭއިން މިއަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ މެޗު ރޭ ކުޅުނު އިރު އެ ޓީމުން ރޭ ހެދި ރެކޯޑަކީ 2007 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕުގައި ޖަރުމަނުން އާޖެންޓީނާ 0-11 އިން ބަލިކުރުމަށްފަހު އެ ގޯލު ރެކޯޑް މުގުރާލި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ޔޫއެސްއޭއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ ފެންވަރު މުޅި ދުނިޔެއަށް އަނެއްކާވެސް ސާބިތު ކޮށްދީފަ އެވެ. އެ މެޗުގައި ޔޫއެސްއޭއަށް ގޯލު ހުޅުވައިދިނީ އެ ޓީމުގެ ހުނަރުވެރި ފޯވާޑް އެލެކްސް މޯގަން އެވެ. މޯގަން ގެ ގޯލާ އެކު ތައިލަންޑުން އެ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް ކުޅުންތެރިން ފަހަތައް ޖެހިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް އޭގެ އިރަކޮޅެއް ފަހުން ރޯސް ލަވެލް ވަނީ ޔޫއެސްއޭއަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ރޯސްގެ ގޯލަށް ފަހު ވެސް ޔޫއެސްއޭއަށް ވަނީ ގޯލު ޖަހަން ހުސް ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ތިން ގޯލަށް ފުޅާ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ލިންޑްސޭ ހޯރަން އެވެ.

ދެވަނަ ހާފު ފެށުމާ އެކު ޔޫއެސްއޭއިން ދިޔައީ ތައިލަންޑު ކޮޅަށް ގޯލުތައް ބަރިބަރިއަށް "އޮއްސަމުންނެވެ." އެގޮތުން ދެވަނަ ހާފުގައި އެ ޓީމުން ވަނީ ތައިލަންޑު ކޮޅަށް 10 ގޯލު ޖަހާފަ އެވެ. އެ ހާފުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ އެލެކްސް މޯގަންއާއި ސަމަންތާ މެވިސްއާއި ރޯސް ލެވިލް އަދި މެގަން ރެޕިނޯއާއި މެލޮރީ ޕަފްގެ އިތުރުން ކާލީ ލޯޑް އެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ފަސް ގޯލު ޖެހި އެލެކްސް މޯގަން އެވެ. އޭނާ ވަނީ ގޯލުތަކުގެ އިތުރުން އެހެން ކުޅުންތެރިންނަަށް ގޯލު ޖަހަން ތިން އެސިސްޓް ވެސް ކޮށްދީފަ އެވެ.

ޔޫއެސްއޭގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ޗިލީއާ ދެކޮޅަށެވެ. ރޭގެ މެޗުން ލަދުވެތި ގޮތަކަށް ބަލިވި ތައިލަންޑު ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރާނީ ސްވިޑަންއާ އެވެ.

comment ކޮމެންޓް