އަދީބުގެ މައްސަލައާ ގުޅިގެން ގައުމީ ސަލަމާތު ކޮމިޓީ ކުއްލި ބައްދަލުވުމަކަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އެނާ ރާއްޖެއަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް ސަލަމާތީ ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމައިފައި -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ.

އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން މެޑިކަލް ބޯޑުން ބޭސްފަރުވާއަށް އޭނާ ރާއްޖެއަށް ބޭރަށް ފޮނުވާލުމަށް ލަފާދީފައިވާތީ، މޯލްޑިވްސް ކަރެކްޝަންސްއިން ވަނީ އިއްޔެ އަދީބު ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ނިންމާފައެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާލާ އިރު އޭނާ ފިލައިފި ނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ނުބެލޭނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރިއެވެ.

އެ މައްސަލަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާ އިރު، އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދުނު 11:30 އަށް ތާވަލުކޮށްފައި ވެއެވެ.

މައްސަލަ ހުށަޅުއްވަމުން މެމްބަރު މީކާއީލް ވިދާޅުވީ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީ އާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލިކަމަށް ތުހުމަތުކުރެވޭ މީހުން ރާއްޖޭން ބޭރަށް ފުރުވާލިކަމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭ ކަމަށެވެ.

މީކައިލް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ، އަދީބު ރާއްޖެއިން ބޭރަށް ގޮސް ފިލިޔަ ނުދޭސް ވިސްއިން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ކޮމިޝަނާ އޮފް ޕްރިސަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް އެދިފައެވެ. އެހެން ކަމުން މިއަދު ސަލާމަތީ ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހާޒިރު ކުރާނެއެވެ.

އަދީބު ބޭރަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާތީ، ހޯމް މިނިސްޓްރީން މިއަދު އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވި ނަމަވެސް އިންސާފުގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރުމަށް ހުރަސް ނޭޅޭނެ ކަމަށެވެ.

ފުލުހުންނާއި ކަރެކްޝަންސްގެ ބޭފުޅުންނާއެކު އަދީބު ރާއްޖޭން ބޭރަށް ފޮނުވުމަށް ނިންމާފައިވަނީ އިންޑިއާ އަށެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމްތައް ކޯޓުން ބާތިލުކޮށްފައިވާއިރު، އެ މައްސަލަތައް އަލުން ބެލުމަށް ވަނީ ނިންމައިފައެވެ. އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓު ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ. ހުކުމް މާދަމާއަށް ނިމުމުން އަދީބު އެކޮށް މިނިވަން ވާނެއެވެ.

comment ކޮމެންޓް