މާމުއިގެ ޓިކެޓް ބާރަށް ވިކެނީ

"މާމުއި"ގެ ޕޯސްޓަރު---

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ކޮމެޑީ ފިލްމު "މާމުއި"ގެ ޓިކެޓް ވިއްކަން ފެށުމުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ސަން" އަށް ބުނީ މިހާރުވެސް ޓިކެޓް އޮލިމްޕަހުން ލިބެން ހުންނާނެ ކަމަށާއި ޓިކެޓް ވިއްކާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.

ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓް އުޅެނީ 150 ރުފިޔާ އަށެވެ. އެހެނިހެން ޝޯތަކުގެ ޓިކެޓް ވިއްކަނީ 100 ރުފިޔާއަށެވެ.

ފިލްމު އަޅުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ފިލްމު އިއުލާންކުރި ހިސާބުން ފެށިގެންވެސް ފިލްމުގެ ހާއްސަ ވާހަކަ ޕްރޮޑިއުސަރު މުހައްމަދު އަލީ(މޮގާ) އާއި އޭނާގެ ޓީމުން އަންނަނީ ދައްކަމުންނެވެ.

ފިލްމުގެ ޕްރޮމޯޝަން ލަވަ ދައްކާލި ދުވަހުން ފެށިގެން ބެލުންތެރިން އަންނަނީ ފިލްމު ބެލުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ހެއްވާ މަޖާ މި ފިލްމު ތަފާތު ލޮކޭޝަންތަކުގައި ޝޫޓްކޮށް ނިންމާލިއިރު އެ ފިލްމު ބެލުމަށްފަހު ބެލުންތެރިން "ސޮނިވެއްޓޭހާ" ފުރިހަމަވާނެއެވެ.

"ފިލްމުގެ މަންޒަރު ހުންނާނެ ޔޮޓްގައި ޝޫޓްކޮށްފައި. ދެން ޖެޓެއް ގައި ވެސް އިންނާނެ މަންޒަރެއް ޝޫޓްކޮށްފައި،"

މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާވެސް މި ފިލްމުން ހިމެނޭނެ އެވެ.

ފިލްމު އަވަހަށް ބަލައިލަން ބޭނުންނަމަ އަވަހަށް ގޮސް ޓިކެޓް ގަންނާށެވެ، "މާމުއި" ޓިކެޓް މިހާރު ވެސް ދަނީ ވިކެމުންނެވެ.

comment ކޮމެންޓް