ހޮންކޮންގައި މުޒާހަރާ ކުރާ މީހުން ސަރުކާރުގެ އިމާރާތްތައް ހިސޯރުކޮށްފި

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ މައި އޮފީސްތައް ވަށާލާފަ -- ފޮޓޯ: ރޮއިޓާސް

ހޮންކޮން (ޖޫން 12): ހޮންކޮންގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ އެތައް ހާސް މީހުން ސަރުކާރުގެ މައި އޮފީސްތައް ހުންނަ އިމާރާތްތައް ވަށާލައިފި އެވެ.

ހޮންކޮންގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާ އަދި ޓައިވާނާ ހަވާލު ކުރުމަށް ހުއްދަ ދޭނެ އެބިލުގެ ދެވަނަ ބަހުސް މިއަދު ލެޖިސްޓޭލިވް ކައުންސިލްގައި ބާއްވަން އޮތް ނަމަވެސް، އެބަހުސް މިހާރު ވަނީ ލަސްކޮށްފަ އެވެ. އަދި ބަހުސް ދެން އޮންނާނެ ތާރީހެއް ފަހުން އަންގާނެ ކަމަށް ބުނެފަ އެވެ. އެބިލު ފާސް ކުރުމަށް ވޯޓު ނަގަން ހަމަޖެހިފައި ވަނީ މިމަހުގެ 20ގަ އެވެ.

ހޮންކޮންގެ ފުލުހުން ވަނީ އެމުޒާހަރާގެ ބައިވެރިން ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ، މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެމުޒާހަރާގެ ބައިވެރިން ވަނީ ބިލް ފާސް ކުރުމުން ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޗައިނާގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް މީހުން ހައްޔަރު ކުރުމާއި، ހައްޔަރު ކުރާ މީހުންނަށް އަނިޔާކޮށް، ގަދަކަމުން ކުށަށް އިއުތިރާފު ކުރުވުން އެފަރާތްތަކުން ފާހަގަ ކުރެ އެވެ.

ނަމަވެސް ހޮންކޮންގެ އޮފިޝަލުން ވަނީ އެބިލު ފާސްކުރި ނަމަވެސް، ޗައިނާއާ ކުށްވެރިން ހަވާލު ކުރުމާ ބެހޭ ގޮތުން އެންމެ ފަހު ނިންމުން ނިންމާނީ ހޮންކޮންގެ ކޯޓުތަކުން ކަމަށް ބުނެފަ އެވެ. އަދި ސިޔާސީ ކުށްތަކާއި ދީނީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ނުކުރާނެ ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް އެބިލާ ދެކޮޅަށް މުޒާހަރާކޮށް، ޕެޓިޝަންތައް އަދިވެސް ދަނީ ހަދަމުންނެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި މުޒާހަރާގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އިންތިޒާމު ކުރި ފަރާތްތަކުން ބުންޏެވެ. އަދި އެހާ ވަރަށް ގިނަ މީހުން އެމުޒާހަރާގައި ބައިވެރިވި ނަމަ، އެވާނީ 1997 ވަނަ އަހަރު ހޮންކޮން ޗައިނާގެ ބާރުގެ ދަށަށް ގެނައި ފަހުން އެސަރަހައްދުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާއަށެވެ.

ހޮންކޮންއަކީ ޗައިނާގެ ސަރަހައްދަކަށްވީ ނަމަވެސް، "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ޕްރިންސިޕަލްގެ ދަށުން ހޮންކޮންއަށް ޝަރުއީ މިނިވަންކަން ލިބި، އަމިއްލަ ގާނޫނު ހަދާ މަޖިލީހަކާއި އިގުތިސާދީ ނިޒާމެއް ބޭނުން ކުރެވެ އެވެ.

comment ކޮމެންޓް