އެމެރިކާ ބާއްވާ އިގްތިސާދީ މަހާސިންތާގައި ބައިވެރި ނުވަން ލުބްނާނުންވެސް ނިންމައިފި

ލުބްނާނުގެ ޚާރިޖީ ވަޒީރު ޖުބްރާން ބާސިލް

ބައިރޫތު (ޖޫން 12) : މެދުއިރުމަތީގެ ސުލްހައާ ގުޅުގައިގެން ބަހްރައިންގައި އެމެރިކާ ބާއްވާ އިގްތިސާދީ މަހާސިންތާ ގައި ބައިވެރި ނުވުމަށް ލުބްނާނުން ވެސް ނިންމައިފި އެވެ.

މިކަން ހާމަކުރައްވަމުން ލުބްނާނުގެ ޚާރިޖީ ވަޒީރު ޖުބްރާން ބާސިލް ވިދާޅުވީ އިސްރާއީލުން ލުބްނާނުގެ ބިންތަކަކަށް ވެރިވެގެންފައިވާއިރު އަދި އިސްރާއީލުގެ އަނިޔާވެރި ކަމުގެ ސަބަބުން ރެފިއުޖީންނަށް ވެފައިވާ ފަލަސްތީނުގެ މިލިޔަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ލުބްނާނުގައި ކަމަށްވާތީ ފަލަސްތީނުގެ ހައްގުތައް ގެއްލޭ މަހާސިންތާއެއްގައި ލުބްނާން ބައިވެރި ނުވާނެކަމުގަ އެވެ.

ބާސިލް ވިދާޅުވީ ބަހްރައިންގެ މަހާސިންތާ ބޮއިކަޓް ކުރުމަށް ލުބްނާނުން ނިންމީ އެއީ ފަލަސްތީނުގެ ހައްގުތަކާ ފުށުއަރާ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ މަހާސިންތާ އަކަށްވެފައި އެ މަހާސިންތާގައި ބައިވެރި ނުވުމަށް ފަލަސްތީނުން ވެސް ނިންމާފައިވާތީ އެވެ. އެމެރިކާ އިސްވެ އޮވެގެން މިމަހުގެ ފަހުކޮޅު ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާއަކީ މެދުއިރުމަތީގައި ސުލްޙަ ގާއިމް ކުރުމުގެ ނަމުގައި އެމެރިކާ އިއްލާންކުރަން ތައްޔާރުވާ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއު ޕްރޮމޯޓްކޮށް އޭގައި ހިމެނޭ އިގްތިސާދީ ބައި ފެށުމަށް ބާއްވާ މަހާސިންތާއެއް ކަމަށްވެ އެވެ.

ފަލަސްތީނުގެ މަސްއޫލުވެރިން ވަނީ "ޑީލް އޮފް ދަ ސެންޗަރީ" އަކީ ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަތުމުގެ މަޝްރޫއެއް ކަމަށް ސިފަކުރައްވައި އެއީ އުފަންވުމުގެ ކުރިން މަރުވެފައިވާ މަޝްރޫއެއްކަމަށް ވިދާޅުވެފަ އެވެ. "ޑީލް އޮފް ދަ ސެންޗަރީ" އިއްލާން ކުރުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާ އިސްވެ އޮވެގެން މިމަހުގެ ފަހުކޮޅު ބަހްރައިންގައި ބާއްޗވާ މި މަހާސިންތާ ބޮއިކަޓް ކުރުމަށް ފަލަސްތީނުންވަނީ އެންމެ ކުރިން ވެސް ނިންމާފައެވެ. އަދި ފަލަސްތީނުން ވަނީ އެ މަހާސިންތާގައި ބޮއިކަޓް ކުރުމަށް ފަލަސްތީނަށް ހަމްދަރްދީވާ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.

"ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއަކީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފާބައި އަދި ފަލަސްތީނަށް މިނިވަން މުސްތަގިއްލު ދައުލަތެއް އުފައްދައި ނުދީ އަދި އެނބުރި ވަޒަނަށް އައުމުގެ ހައްގު ފަލަސްތީނުގެ ރެފިއުޖީންނަށް ވެސް ނުދީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނަށް އިގްތިސާދީ އަދި އިންސާނީ އެހީތަކެއް ދީގެން ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް އެމެރިކާ ރާވާފައިވާ މަޝްއެއް ކަމަށް ފަލަސްތީނުން ބުނެއެވެ.

އެހެންކަމުން ފަލަސްތީނުން މިމަޝްރޫއު ސިފަކުރަނީ ފަލަސްތީނުގެ ހައްގުތައް ފައިސާއަށް ވިއްކާލުމަށް އެމެރިކާއާއި އިސްރާއީލު ރާވާ ނުރައްކާތެރި ރޭވުމެއްގެ ގޮތުގައެވެ. "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއަށް ފަލަސްތީނުގެ ތާއީދު ނެތުމުން އެމަޝްރޫއު ތަންފީޒު ކުރުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް އިސްރާއީލުގެ މަސްއޫލުވެރިންނާ ހަވަލާދީ އިސްރާއިލުގެ ނޫހަކުންވަނީ ބުނެފަ އެވެ.

ނަންހާމަކުރަން ނޭދޭ އިސްރާއީލުގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އިސްރާއީލުގެ މަޝްހޫރު ނޫހެއްކަމަށްވާ "ޔަދިއޯތު އަހްރަނޯތު" ބުނެފައި ވަނީ ފަލަސްތީނުގެ ތާއީދުނެތި "ޑީލް އޮފް ދަ ސެންޗަރީ" އަމަލީ ގޮތުން ތަންފީޒު ކުރުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއް ކަމަށާއި އެކަން އެމެރިކާގެ މަސްއޫލުވެރިން ވެސް މިހާރު ގަބޫލުކުރައްވާ ކަމުގަ އެވެ.

"ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއު ވުޖޫދަށް އައުމުގެ ކުރިން އެމަޝްރޫއަށް ފަލަސްތީނުން ދެކޮޅު ހެދުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށް ވިދާޅުވެ މެދުއިރުމައްޗަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ޖެސޮން ގްރީންބްލެޓް ދާދިފަހުންވަނީ މާޔޫސްވެ ވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް