ބޭރަށް ފޮނުވިޔަސް އަދީބު އިންސާފުގެ ކުރިމައްޗަށް ގެންނަން ހުރަހެއް ނޭޅޭނެ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ---

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވި ނަމަވެސް އިންސާފުގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރުމަށް ހުރަސް ނޭޅޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ކުރީގެ ނައިބު ރައީސް ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވަނީ މާދަމާ އެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. އެއީ އަދީބު ރާއްޖޭން ބޭރަށް ފޮނުވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ.

މިއަދު ހޯމް މިނިސްޓަރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބު ރާއްޖޭން ބޭރަށް ދާން ސަރުކާރުން ހުއްދަ ދިނީ ރާއްޖޭން ލިބެންނެތް ފަރުވާއެއް ހޯދުމަށް ސަރުކާރުން ތަކުރާރުކޮށް ލަފާދީފައިވާތީ ކަމަށެވެ. އަދި އެގޮތަށް ނިންމީ ރާއްޖޭން ބޭރުގެ ކަމާ ބެހޭ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުން ވެސް އިތުރު ގޮތެއް ނުފެނިގެން ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"އަހުމަދު އަދީބު އަބްދުލްޣަފޫރު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހާ ކަންކަން ސަރުކާރުން ވަނީ ހަމަޖައްސާފައި." ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދީބު ރާއްޖޭން ބޭރަށް ކުރާ ދަތުރުކުގައި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިޝަލުން ބައިވެރިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ހޯމް މިނިސްޓްރީން ބުނީ އަދީބުގެ ސިއްހީ ހާލަތު ހުރިގޮތުން ކަށަވަރުކޮށްދޭން ޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓަކައި ރާއްޖޭން ބޭރަށް ފޮނުވި ނަމަވެސް އަދުލު އިންސާފަށް ހުރަސް ނެޅޭނެ ކަމަށެވެ.

އަދީބު ރާއްޖޭން ބޭރަށް ފުރަން ހަމަ ޖެހިފައިވަނީ މާދަމާ އެވެ. މާދަމާ އަކީ އަދީބު މިހާރު ތަންފީޒު ކުރަމުންދާ 15 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވެ، އަދީބު މިނިވަންވާ ދުވަހެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވަނީ ކަރެކްޝަންސްގެ ބޭފުޅުންނާއި ފުލުހުންގެ ބޭފުޅުންނާއެކު އެވެ.

comment ކޮމެންޓް