އެއް ދަންފަޅީގެ ސްކޫލްތަކުގެ ކިޔެވުން ފަށާނީ ފަތިސް ނަމާދުން: މިނިސްޓަރު

ޖޫން 7، 2018: އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ސްކޫލްތައް ބަންދު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ދަރިވަރުން ފަށާނީ ފަތިން ނަމާދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްއެގް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އިއްޔެ 22 ސްކޫލެއްގައި ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެކަމުގެ ބޭނުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދީގެން ދަރިވަރުން ދުނިޔެ އާއި ދިރިއުޅުމަށް ތައްޔާރުކޮށް ދިނުމެވެ.

"އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން. އެއަށްފަހު ކުދިން ތަފާތު ކުޅިވަރު، ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ސުކޫލަށް ތައްޔާރުވެގެން ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ. "ވަށާޖެހޭ ތައުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި، އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ، ހުނަރުވެރި، ތައުލީމީ، ދީނަށް ލޯބިކުރާ، ހަށިހެޔޮ ކުދިން ތަކަކަށް ހެދުން،"

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބުމެވެ. އަދި އެއީ ބުރަކޮށް މަސައްކަތް ކުރާ ޓީޗަރުންނަށް ދެވޭ ވަރަށް ބޮޑު ފަސޭހައެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، މިކަމުގެ ސަބަބުން ދުޅަހެޔޮ އާއިލާތަކެއް ބިނާ ކުރުމަށް އެހީތެރިއަކަށްވާނެ ކަމަށެވެ.

"އެއްދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދަނީ ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ފަރާތްތަކުގެ ލަފައާ މަޝްވަރާއާއެކު،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ އަދި ވިދާޅުވީ، ތައުލީމީ އާ މަންހަޖުގެ މަގުސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓްތަކުން ހަމައެކަނި ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިރިއުޅުމަށް ފުރާފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖްތަމައަށް ނެރެދިނުމަކީ ބޮޑު އަމާޒެއް ކަމަށް ވިދާޅުވި އެވެ.

އިއްޔެ ވަނީ ރާއްޖޭގައި ހުރި ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެސް ފަށައިފަ އެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ނާސްތާ ދިނުމުގައި ވަރަށް ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައި ކަމަށެވެ. އަދި ޕައިލެޓް ޕްރޮޖެކްޓްގައި ފާހަގަވި ކަންކަން ވެސް އިސްލާހުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމް މުޅިރާއްޖެއަށް ފެށުމުގައި ދިމާވި އެންމެބޮޑު ދައްޗަކީ މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ކާތަކެތި ތައްޔާރުކުރާނެ ފަރާތްތައް ރައްރަށުން ހޯދުން ކަމަށެވެ.

"ނާސްތާ ޕްރޮގްރާމްގައި ބައިވެރިވުމަކީ އެއްވެސް ދަރިވަރަކަށް މަޖުބޫރު ކަމެއް ނޫން. ދަރިވަރުން ބައިވެރިކުރަނީ ބެލެނިވެރިންގެ ރުހުމާއިއެކު. ނާސްތާ ޕްރޮގްރާމްގައި ބޭނުންކުރާ ފުލްކްރީމް ކިރުގައި ފޮނިރަހަ ނުދިނުމުގެ ސަބަބުން ބައެއް ދަރިވަރުން ކިރުޕެކެޓް ނުބޯކަން ޕައިލެޓް ޕްރޮގްރާމް ފަށައިގެން އުޅުނުއިރު ފާހަގަކުރެވުނު. އެހެން ނަމަވެސް މަޑުމަޑުން ދަރިވަރުން ފުލްކްރީމް ކިރުޕެކެޓް ބުއިމަށް ވަނީ އާދަވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ނާސްތާ ޕްރޮގްރާމް ދިނުމުގައި އުސޫލުތަކާ ހިލާފުވާ ނަމަ، ވަގުތުން އެކަމެއް ބަލައި ފިޔަވަޅު އަޅާނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމްގެ ސަބަބުން ފައިދާ ލިބެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަމަށެވެ. އެކަމަނާ ވިދާޅުވީ، އެކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ވެސް ލިބޭ ފައިދާތައް އެބަ ހުއްޓެވެ. މިއީ ކުދި ވިޔަފާރިތަކަށް ހުޅުވޭ ފަހި ދޮރެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ނާސްތާ ޕްރޮގްރާމުން ފައިދާވެގެންދާނީ ހަމައެކަނި ދަރިވަރުންނަށް ނޫން. މިއީ ރަށްރަށާއި މުޅި މުޖްތަމަޢަށް ނުހަނު ފައިދާ ލިބޭނޭ ޕްރޮޖެކްޓެއް. ނާސްތާ ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދަށްވެސް ހުޅުވިގެންދިޔަ ފަހިދޮރެއް. ކުދި ވިޔަފާރިތައް ކުރިއަރައި ފައިސާ ދައުރުވާ މިންވަރު އިތުރުވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް