އަދީބު ބޭހަށް ބޭރަށް ފޮނުވަނީ ފުލުހުންނާއި ކަރެކްޝަންސްގެ ބޭފުޅުންއާ އެކު

04 އޭޕްރީލް 2017: އަހްމަދު އަދީބް ކުރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވާއިރު އެމަނިކުފާނާ އެކު ކަރެކްޝަނަލް ސާވިސަސް އާއި ފުލުހުންގެ އޮފިސަރަކު ދާގޮތަށް ނިންމައިފި އެވެ.

އަދީބު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ކަރެކްޝަންސް އިން ވަނީ އިއްޔެ ދީފަ އެވެ. އެ ހުއްދަ ދިނީ މެޑިކަލް ބޯޑްގެ ލަފާގެ މަތިން އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަނީ ލޮލުގެ ފެނުން ގެއްލޭ ފަދަ ބައްޔެއް ކަމަށްވާ "ގުލްކޯމާއަށް" ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ތިން ޑޮކްޓަރަކު އަދީބަށް ލަފާދީފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން އަދީބު ބޭރަށް ނުފޮނުވާ އައިޖީއެމްއެޗަށް ބޭރުގެ އައި ސްޕެޝަލިސްޓެއް ގެނެސްގެން ވެސް އަދީބު ޑޮކްޓަރަށް ދެއްކުވި ކަމަށާއި އޭނާ ވެސް ލަފާދިނީ، ބޭރުން ފަރުވާ ހޯދުމަށް ކަމަށެވެ.

އެހެން މީހުންނެކޭ ވެސް އެއްގޮތަށް އަދީބަށް ވެސް ބޭސްފަރުވާ ކުރުމުގެ އިންސާނީ ހައްގު ސަރުކާރުން ދިނުމުން އެކަމަށް ޝުކުރު އަދާކުރަމުން ނަޝްވާ ވިދާޅުވީ، ބޭސްފަރުވާއަށް ދާ ދަތުރުގައި އަދީބުގެ ލޮލުގެ ރެޓީނާގެ އޮޕަރޭޝަނެއް ކުރާނެ ކަމަށެވެ. އަދި ޑޮކްޓަރުން ލަފާދީފައިވާ ގޮތަށް އަދީބުގެ ކެންސާ ސުކްރީނިން ޓެސްޓްތަކެއް ވެސް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދީބުގެ ބޭސްފަރުވާއަށް މިދާތަރުގައި އަހަރުމެންނާ އެކު ފުލުހުންނާއި ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުން ވަޑައިގަންނަވާނެ ކަމަށް އޮތީ އަންގާފައި. މުޅި ދަތުރު ނިމެންދެން އެބޭފުޅުން ތިއްބަވާނެ،" އަދީބުގެ އަނބިކަނބަލުން ވިދާޅުވެފައިވެ އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އަދީބު ބޭސްފަރުވާއަށް ފުރުވާލަނީ ފުލުހުންގެ ތިން އޮފިސަރުންނާއި ކަރެކްޝަންސްގެ ތިން އޮފިސަރުންނާ އެކު އެވެ.

މިފަހަކަށް އައިސް، ކުށްވެރިން ރާއްޖެއިން ބޭރަށް ފޮނުވާއިރު ކަރެކްޝަންސް އާއި ފުލުހުންގެ އޮފިސަރުން ވަޑައި ނުގަންނަވަ އެވެ. އަދި މީގެ ކުރިން ޖަލަށް ލާފައިވާ ސިޔާސީ ކުށްވެރިން ރާއްޖެއިން ބޭރަށް ބޭހަށް ފޮނުވި އިރުވެސް ކަރެކްޝަންސް އާއި ފުލުހުންގެ އޮފިސަރުން ވަޑައިގެންފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް އަދީބުގެ ކިޑްނީގައި ހިލަތަކެއް ހުރުމުން އެތަކެތި ނެގުމުގެ އޮޕަރޭޝަނެއް ވަނީ އައިޖީއެމްއެޗްގައި ކޮށްފަ އެވެ. އެ އޮޕަރޭޝަނަށް ފަހު އަދީބުގެ ގޭބަންދަށް ވެސް ބަދަލު ކުރި އެވެ. ނަމަވެސް ފަހުން އަދީބު ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފަ އެވެ.

އެ މުއްދަތުގައި އަދީބު އިސްވެ ހުރެ ވަނީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ.

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާ ގޮއްވާލި މައްސަލަ އާއި ހިޔާނާތުގެ މައްސަލައެއްގައި އިއްވާފައިވާ ހުކުމެއް އަދި ފިސްތޯލައެއް ގެންގުޅުމުގެ ތުހުމަތުގައި އިއްވި ހުކުމް ހިމެނޭނެހެން، އަދީބުގެ މައްޗަށް އިއްވާފައިވާ ބޮޑެތި ހުރިހާ ހުކުމްތަކެއް މިހާރު ވަނީ ކޯޓުންތަކުން ބާތިލްކޮށްފަ އެވެ. އޭނާ މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓްގެ ހުރުމަށް ކަނޑައިގެން އިއްވާފައިވާ 15 ދުވަހު ޖަލު ހުކުމެކެވެ.

އެ ހުކުމް ވެސް އޭނާ ތަންފީޒު ކުރަނީ ގޭ ބަންދުގައި ބަހައްޓައިގެން އެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާ މައްސަލައިގައި އާންމުންގެ ހިތްހަމަ ނުޖެހުން ވަނީ ބޮޑުވެފަ އެވެ. ރައީސް އެކުލަވާލައްވާފައިވާ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުން ވަނީ އަދީބުގެ ބަޔާނެއް ވެސް މިހާރު ނަގައިފަ އެވެ. އެ ކޮމިޝަނުން ބުނީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މިނިވަނުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލީ މައްސަލަ އާއި އެހެން ވެސް މައްސަލަތަކުގައި އަދީބާ ސުވާލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް