އެމެރިކާގެ ހަރުކަށި ސިޔާސަތުތައް ބަދަލު ކުުރުމަށް އުތުރު ކޮރެއާ ގޮވާލައިފި

ޓްރަމްޕާއި ކިމް ޖޮންގް އުންގެ ފުރަތަމަ ސަމިޓް

ޕިޔޮންގްޔަންގް (ޖޫން 11): އުތުރުކޮރެޔާއާ މުއާމަލާތް ކުރުމުގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ކާމިޔާބު ނުވާނެ ކަމަށްބުނެ އުތުރު ކޮރެއާ އިން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އުތުރު ކޮރެޔާގެ ރަސްމީ ނޫސް އެޖެންސީން ދުރަށް ފޮނުވި ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތު ބަދަލުނުކުރާނަމަ މީގެ އެއް އަހަރު ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ސިންގަޕޫރުގައި ބައްދަލުކުރައްވައި ދެގައުމުގެ ސުލްޙައަށްޓަކައި ސޮއިކުރެއްވި އެއްބަސްވުންތައް ބޭކާރު އެއްޗަކަށް ވެގެންދާނެކަމުގައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި އެދެބޭފުޅުން ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އުތުރުކޮރެޔާގެ ނިއުކްލިޔާ ހަތިޔާރު ނައްތާލުމާއި ކޮރެޔަން ޕެނިންސިއުލާގައި ސުލްޙަ ގާއިމް ކުރުމާއި އެމެރިކާއާއި އުތުރުކޮރެއާގެ ގުޅުންތައް ރަނގަނޅުކުރުމަށްޓަކައި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ލުއިދިނުމާއި އަދި މުސްތަގްބަލް އިގްތިސާދީ އެހީތައް އުތުރު ކޮރެޔާއަށް ދިނުން ފަދަ ކަންކަމެވެ.

އުތުރު ކޮރެޔާއިން މި ބަޔާން ނެރެފައި މިވަނީ ޓްރަމްޕާއި ކިމް ޖޮންގް އުންގެ ސިންގަޕޫރު ސަމިޓަށް އެއް އަހަރު ފުރުމާ ގުޅިގެންނެވެ. އެ ސަމިޓަށް އެއް އަހަރު ފުރިފައިވާއިރު އެސަމިޓްގައި ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި އެއްވެސް ކަމެއް އަމަލީގޮތުން ތަންފީޒު ކުރެވިފައެއް ނުވެއެވެ. އެކަންކަން އަމަލީ ގޮތުން ތަންފީޒު ކުރެވިފައި ނުވަނީ އުތުރުކޮރެޔާއިން ނިއުކްލިޔާ ހަތިޔާރު ނައްތާލުމަށް މަސައްކަތްކުރާއިރު އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް އެމެރިކާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

އެމެރިކާ ބޭނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ބާއްވައިގެން އެމެރިކާ ބޭނުންވާ ހުރިހާ ކަމެއް އުތުރު ކޮރެޔާގެ ކިބައިން ހާސިލް ކުރުމަށެވެ. އެކަންކަން ހާސިލް ކޮށް ނިމުމަށްފަހު އުތުރުކޮރެޔާއަށް ލުއި ދިނުމަށެވެ. މީގެތެރޭގައި ދަތިކުރުމުގެ ފިޔަވަޅު ތަކަށް ލުއި ނުދީ އުތުރު ކޮރެޔާގެ ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމާއި ނިއުކްލިޔާ ސައިޓްތައް ރޫޅާލުމާއި އުތުރުކޮރެޔާގެ ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުމަކަށް ގެނައުން ހިމެނެއެވެ. ނަމަވެސް އުތުރުކޮރެޔާ ވަނީ މިއީ ހަރުކަށި ސިޔާސަތެއްކަމަށްބުނެ އެމެރިކާގެ މިސިޔާސަތު ގަބޫލުކުުރުމަށް ދެކޮޅު ހަދާފައެވެ.

މިދިޔަ ފެބްރުއަރީ މަހު ވިއެޓްނާމްގައި ބޭއްވި ޓްރަމްޕާއި ކިމް ޖޮންގް އުން ގެ ސަމިޓް ނާކާމިޔާބުވީ މި ހަރުކަށި ސިޔާސަތު ދޫކޮށްލުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމުންނެވެ. އުތުރުކޮރެޔާއާމެދު އެމެރިކާ ގެންގުޅޭ ދޫނުދިނުމުގެ ސިޔާސަތުގެ ފަހަތުގައިވަނީ އެމެރިކާގެ ހަރުކަށި ނިއުކޮންޒަވެޓިވް ފިކުރުގެ ދެބޭފުޅުން ކަމަށްވާ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ކަމަށް އުތުރުކޮރެޔާއިންވަނީ ތުހުމަތުކޮށްފައެވެ. (ރޮއިޓާސް)

comment ކޮމެންޓް