އެމްޑީޕީގެ މެޖޯރިޓީގައި ގަވާއިދު ކޮމެޓީގެ މުގައްރިރުކަން އާމިރަށް

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: އޭނާ ވަނީ ގަވާއިދު ކޮމެޓީގެ މުގައްރިރަކަށް ހަމަޖައްސާފައި --- ފޮޓޯ/ މަޖިލިސް

ސަރުކާރު ހިންގާ މައި ޕާޓީގެ މެޖޯރިޓީގައި ގަވާއިދު ކޮމެޓީގެ މުގައްރިރަކަށް އިދިކޮޅު އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ހަމަޖައްސަވައިފި އެވެ.

މަޖިލީހުގައި 65 މެމްބަރުން ތިއްބަވާ އެމްޑީޕީގެ ހަތް މެމްބަރަކު ގަވާއިދު ކޮމެޓީގައި ތިއްބަވައެވެ. އެ ކޮމެޓީގައި ތިއްބަވަނީ ޖުމްލަ ނުވަ މެމްބަރުންނެވެ. އާމިރަށް ކޮމެޓީގެ މުގައްރިރުކަން ލިބިވަޑައިގަތީ ކޮމެޓީގެ އިއްތިފާގުންނެވެ.

ގަވާއިދު ކޮމެޓީގެ ރިޔާސަތާ ހަވާލުވުވެވަޑައިގަތުމަށްފަހު އާމިރު ވަނީ އޭނާ މުގައްރިރަކަށް ގެނައުމަށް ތާއީދު ކުރުމަށް ނިންމުމުން ކޮމެޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"ޑިމޮކްރަސީގެ ރީތި މިސާލެއްގެ ގޮތުގައި އަޅުގަނޑުމިކަން ފާހަގަ ކުރަން،" އެމްޑިޕީން އޭނާ އަށް ތާއީދު ކުރައްވާ ކޮމެޓީގެ އިއްތިފާގުން މުގައްރިރުކަމަށް ހޮއްވަވައިދިން ކަމަށްޓަކައި ޝުކުރު އަދާކުރަމުން އާމިރު ވިދާޅުވި އެވެ.

އެ ކޮމެޓީގެ ނައިބު މުގައްރިރެއްގެ ގޮތުގައި ކަނޑައެޅީ، މުލަކު ދާއިރާގެ މެމްބަރު އިބްރާޙިމް ނަސީރެވެ. އެ ދެބޭފުޅުންގެ އިތުރުން އެ ކޮމެޓީގައި ތިއްބަވަނީ، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު (އެމްޑީޕީ)، މެދުހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް (އެމްޑީޕީ)، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަ (އެމްޑީޕީ)، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް (އެމްޑީޕީ)، ފޭދޫ ދާއިރާގެ މެމްބަރު، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން (އެމްޑީޕީ) މުހައްމަދު ނިހާދު (އެމްޑީޕީ އަދި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް (އަމިއްލަ) އެވެ.

މީގެ ކުރިން މިޙާރުގެ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު، އޭރުގެ އިދިކޮޅު ޕާޓީތަކަށް މުގައްރިރުކަން ދީފައި ނުވެއެވެ. އަދި އޭރު އެމްޑީއޭ ސަރުކާރު ކޯލިޝަންގައި އޮތް އިރު އާމިރަށް ވެސް މުގައްރިރު ކަން ލިބިފައި ނުވެއެވެ.

ގަވައިދު ކޮމެޓީގެ އިތުރުން ބަކީ ހުރި 16 ކޮމެޓީތަކަށް ވެސް މިއަދު ވަނީ މުގައްރިރުންނާއި ނައިބު މުގައްރިރުން ހަމަޖައްސަވާފައެވެ. އާމިރަކީ އެމްޑީޕީ ފިޔަވާ އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ހަމައެކަނި މުގައްރިރެވެ.

comment ކޮމެންޓް