ނައިޓު މާކެޓުތަކުގައި ވިއްކޭނީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާ ކަމަށް ބުނާ އުސޫލެއް

ދަރުބާރުގޭގައި ކުރިށް ގެންދިޔަ ނައިޓް މާކެޓް ގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނައިޓު މާކެޓުތަކުގައި ވިއްކާ މުދަލަކީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް ބުނާ އުސޫލެއް އެކުލަވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އެކުލަވާލާ، އިއްޔެ ގެޒެޓުކޮށްފައިވާ "ފެއާ، ނައިޓު މާކެޓު ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލު" ގައި ބުނެފައިވަނީ ނައިޓުމާކެޓުގައި ބައިވެރިވާ ފަރާތްތަކަކީ ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކަށް ނުވަތަ ޖަމްއިއްޔާ އަކަށް ވާންޖެހޭނެ ކަމަށެވެ. އެކަން ޔަގީން ކުރަންޖެހޭނީ ނައިޓުމާކެޓު ބާއްވާ، އިންތިޒާމުކުރާ ފަރާތުން ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވާގޮތުން ނައިޓުމާކެޓުތަކުގައި ކެއިންބުއިމުގެ ހިދުމަތްދޭ ފަރާތްތަކަކީ އާންމުސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގާފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ނައިޓުމާކެޓުގައި ވިއްކާ ހުރިހާ މުދަލެއްގައި އަގު ޖަހާފައި ހުންނަވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ނައިޓްމާކެޓް -- ސަން ފޮޓޯ

ސަރުކާރުގެ މުވައްސަސާތަކުން ހާއްސަ ހުއްދައެއް ނަގައިގެން ވިއްކޭނެ މުދާ، ހުއްދަ ނެތި ވިއްކައިގެން ނުވާނެ ކަމަށާއި ބޭސް ސިޓީއަށް ދޫކުރާ ބޭސް ވެސް ނައިޓުމާކެޓުތަކުގައި ވިއްކައިގެން ނުވާނެ ކަމަށް އުސޫލުގައި ވެއެވެ.

އަލަށް އެކުލަވާލި އުސޫލުގައި ވާގޮތުން އިމްޕޯޓު މުދަލުގެ ވިޔަފާރި ހުނިމެނޭގޮތައް ހިންގާ ފެއާތަކަށް އުސޫލުގައި ބުނާ ހުއްދަތައް ނަގާކަށް ނުޖެހޭނެއެވެ. ނައިޓުމާކެޓު ބޭޢްވުމުގެ ހުއްދަ ދޫކުރާނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލު ތަކުންނެވެ. ނައިޓު މާކެޓު ބޭއްވުމުގެ ދެ ހަފްތާ (14 ދުވަސް) ކުރިން އެކަމުގެ ހުއްދައަށް އެދި ހުށަހަޅަން ވާނެ ކަމަށާއި ނައިޓުމާކެޓު ބޭއްވޭނީ ގިނަވެގެން ހަތް ދުވަހުގެ މުއްދަތަކަށް ކަމަށްވެސް އުސޫލުގައި ވެއެވެ.

ހުޅުމާލޭގައި ބޭއްވި ނައިޓްމާކެޓެއް -- ސަންފޮޓޯ/ކިޔުންތެރިއެއް

އުސޫލުގައިވާގޮތުން އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރެވޭގޮތަށް ނައިޓުމާކެޓުތައް ބާއްވަންވާނީ ކޮންމެވެސް މުނާސަބަތަކާ ގުޅުވައިގެންނެވެ. މި މުނާސަބަތުތައް ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން ކޮންމެ އަހަރަކުވެސް އެއް ފަހަރު އާންމު ކުރަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން އެކުލަވާލި އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން ނައިޓުމާކެޓު ހިންގުމުގެ ހުއްދަ ދޫކުރާނީ ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމްއިއްޔާ ތަކަށާއި ވިޔަފާރިތަކަށެވެ.

comment ކޮމެންޓް