މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާ އިން

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

ނިމިގެންދިޔަ މެއި މަހު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ މުދާ އެތެރެކުރީ ޗައިނާ އިން ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހު 3.6 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވެއެވެ. އޭގެ ތެރެއިން 22 ޕަސެންޓު މުދަލަކީ ޗައިނާ އިން ރާއްޖެ އެތެރެކޮށްފައިވާ މުދަލެވެ.

ޗައިނާ އަށްފަހު ދެން އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 21 ޕަސެންޓެވެ. ޖުމްލަ އިމްޕޯޓުގެ 12 ޕަސެންޓު ސިންގަޕޫރުން އެތެރެކުރި އިރު، ޖުމްލަ އިމްޕޯޓުގެ އަށް ޕަސެންޓަކީ އިންޑިއާ އިން އެތެރެކޮށްފައިވާ މުދަލެވެ.

ރާއްޖެއަށް އެތެރެކުރި މުދަލަށް ބަލާއިރު އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާބަތްތަކެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 20 ޕަސެންޓު (713 މިލިއަން ރުފިޔާ) އެވެ.

ރާއްޖެ އިން ބޭރަށް އެކްސްޕޯޓު ކުރި މުދަލަށް ބަލާއިރު މެއި މަހު232 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން ބޭރަށް އެކްސްޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 47 ޕަސެންޓު މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. 12 ޕަސެންޓުމުދާ ޖަރުމަނުވިލާތަށް އެކްސްޕޯޓު ކުރިއިރު އަށް ޕަސެންޓު އެކްސްޕޯޓު ކޮށްފައިވަނީ އެމެރިކާ އަށެވެ.

ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދަލުގެ 32 ޕަސެބްޓަކީ ބޮޑު ކަންނެއްޔެވެ. އެއީ ޖުމްލަ އެކްސްޕޯޓުގެ 32 ޕަސެންޓެވެ.

މިދިޔަ މަހު ކަސްޓަމްސް ޑިއުޓީގެ ގޮތުގައި 271 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15 ޕަސެންޓު އިތުރު އަދަދެކެވެ.

comment ކޮމެންޓް