ދަރިވަރުންނަށް ތަޅުންގަނޑުމަތީ ނާސްތާ ނުދޭން އަންގައިފިން: އެޑިއުކޭޝަން

ރަށެއްގެ ސްކޫލުގައި ނާސްތާ ކުރަނީ--ފޮޓޯ: ފޭސްބުކް

ދެ ކްލާސްރޫމްގައި ނާސްތާ ދީފައިވަނީ އުސޫލާ ހިލާފަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ރަށެއްގެ ސްކޫލެއްގެ ކްލާސްރޫމްގައި ދަރިވަރުން ކާން ހުރި ކާނާ ހުރީ ޓިޝޫއަކަށް ލައި ބިންމަތީގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނާސްތާ ޕްރޮގްރާމަކީ ވަރަށް މާތް މަގުސަދެއްގައި ހިންގާ ޕްރޮގްރާމެއް ކަމަށާއި އެހެން ނަމަވެސް އެފަދަ ގޮތަަކަށް ނާސްތާ ކުރުމަކީ ބެލެނިވެރިންގެ އިތުބާރު ގެއްލޭނެކަމެއް ކަމަށެވެ.

"މަދު މުވައްޒަފުންތަކެއް އެފަދަ އަމަލުތަކެއް ހިންގާފައިވާތީ އެކަން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރުމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ މިއަދު ހިނގި ހާދިސާއާ ގުޅިގެން މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ނާސްތާ ޕްރޮގްރާމްގެ ސާފުތާހިރުކަން މޮނީޓާކޮށް ބަލަހައްޓާނެ ކަމަށެވެ.

ރައީސް ސޯލިހްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ނާސްތާ ޕްރޮގްރާމު ރަސްމީގޮތުން މިއަދު ހުރިހާ ސްކޫލެއްގައި ވަނީ ފަށައިފައެވެ. އެއާއެކު ރާއްޖޭގެ 180 ރަށެއްގައި، 57،817 ދަރިވަރުންނަށް ނާސްތާ ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް