ރޯމާގެ ކޯޗަކަށް ފޮންސެކާ ހަމަޖައްސައިފި

ރޯމާގެ ކޯޗުކަމާ އަލަށް ހަވާލުވި ޕައޮލޯ ފޮންސެކާ --- ފޮޓޯ/ބެން ސްޕަރެޓް

ވޭތުވެ ދިޔަ ސީޒަނުގައި ޝަކްތަރަށް ކޯޗުކަން ކޮށްދިން ޕައޮލޯ ފޮންސެކާ ކުރިއަށް އޮތް ދެ ސީޒަނުގެ އެއްބަސްވުމަކަށް ރޯމާގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ނިމިގެން މިދިޔަ ސީޒަނުގައި ކުރިމަތިވި ނާކާމީޔާބީއަށްފަހު ރޯމާގެ ކޯޗަކަށް ހުރި ކްލޯޑިއޯ ރެނެއިރީ ވަނީ އަންނަ ސީޒަނުގައި އެ ޓީމުގައި މަޑު ނުކުރާނެކަން ވަނީ އިއުލާން ކޮށްފަ އެވެ. އެއާ އެކު ރޯމާގެ ޓީމަށް އިރުޝާދު ދޭނެ ކޯޗެއް ހޯދުމަށް އެ ކުލަބުން މަސައްކަތް ކުރި އިރު ކުރީގެ އެ ޓީމުގެ ކޯޗު މޯރީސިއޯ ސަރީއާއި އެންޓޯނިއޯ ކޮންޓޭގެ އިތުރުން ރަފާ ބެނިޓޭޒް ވެސް ހޯދަން އެކުލަބުން ބޭނުންވި އެވެ.

ނަމަވެސް ރޯމާއިން މިއަދު އިއުލާން ކޮށްފައިވަނީ އަންނަ ސީޒަނުގައި އެ ޓީމަށް އިރުޝާދު ދޭނީ ފޮންސެކާ ކަމަށެވެ.

ރޯމާގެ ކޯޗުކަމާއި ފޮންސެކާ މިއަދު ހަވާލުވުމަށްފަހު އޭނާ ބުނީ މިފަދަ ބޮޑު ކުލަބަށް ކޯޗުކަން ކޮށްދެން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

"އަހަރެން ފުރަތަމައިން ވެސް ބޭނުންވަނީ މި ފުރުސަތު އަހަންނައް ދިނިީތީވެ މި ކުލަބުގެ މެނޭޖްމެންޓަށް ޝުކުރު އަދާ ކުރަން. އަހަރެން މިހުރީ ވަރަށް ޖޯޝާ އެކު. ޓީމުގެ ކުޅުންތެރިންނާއި ބައްދަލު ކޮށްލައި ފަރިތަކުރުންތައް ފަށަން ކެތް މަދުވެފައި މިހުންނަނީ،" ފޮންސެކާ ބުންޏެވެ.

އުމުރުން 46 އަހަރުގެ ފޮންސެކާ އެންމެ ފަހުން ކޯޗުކޮށްދީފައި ވަނީ ޔުކްރޭނުގެ ޝަކްތަރު ޑޮނެސްކަށެވެ. އޭނާ ވަނީ ވޭތުވެ ދިޔަ ތިން އަހަރުވެސް ޔުކްރޭނިއަން ލީގު އެ ޓީމަށް ހޯދައިދީފަ އެވެ.

ރޯމާގެ ރައީސް ޖޭމްސް ޕަލޯޓާ ބުނީ ފޮންސެކާ އަކީ ރޯމާ ބޭނުންވާ ފަދަ ގާބިލިއްޔަތާއި ތަޖުރިބާ ހުރި ކޯޗެއް ކަމަށެވެ. އަދި އޭނަގެ އިރުޝާދާ އެކު ޓީމުގެ ފަރާތުން އަންނަ ސީޒަނުގައި ތަފާތު ކުޅުމެއް ދައްކާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް