ޔޫތު މިނިސްޓަރީއިން މުޖުތަމައު ބާރުވެރިކުރުމަށް މުޅިން އައު އުކުޅެއް

ޔޫތް މިނިސްޓަރީގެ ފަރާތުން ރައްޔިތުން ބާރުވެރި ކުރުމަށް ނެރުނު ހުދު ކަރުދާސް ލޯންޗު ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ ޔޫތް މިނިސްޓަރީ

ޔޫތް މިނިސްޓްރީގެ ފަރާތުން މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިންގަން ރާވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނެރޭ "ހުދު ކަރުދާސް" އިފްތިތާހު ކޮށްފި އެވެ.

ރޭ ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ބޭއްވި ހާއްސަ ހަފްލާއެެއްގައި ހުދުކަރުދާސް ލޯންޗު ކޮށްދެއްވީ ޕްރޮފެސާ ހަސަން އުގެއިލާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ޔޫތް މިނިސްޓަރީގެ ފަރާތުން ރައްޔިތުން ބާރުވެރި ކުރުމަށް ނެރުނު ހުދު ކަރުދާސް ލޯންޗު ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ ޔޫތް މިނިސްޓަރީ

ރޭ އިފްތިތާހު ކުރި މި ކަރުދާހަކީ އަމިއްލަ ފަރުދުންނާއި ޢާއިލާތަކުންނާއި މުޖްތަމަޢުގެ އެކިއެކި ކްލަބްޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން އަދި އެކިއެކި ބަހާތަކުގެ އިތުރުން އަމިއްލަ ދިރިއުޅުމަށާއި، އަދި ރަށްތައް ކުރިއެރުން ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަހި ކޮށްދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީއިން ކުރިއަށް ގެންދިއުމަށް ހުށަހަޅާ ޙަރަކާތްތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ކަރުދާހެކެވެ.

އަދި މި ކަރުދާހުގެ ސަބަބުން ދިވެހި މުޖްތަމަޢުގައި އެފަދަ ވިސްނުން އިތުރުކޮށް، އެފަދަ ކަންތަކަށް ހިތްވަރުދިނުމާއި އެހީތެރިވެދީ، އެކަންކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދައިދީ އެކަންކަން ފަހިވެގެންދާނެ ކަމަށް ޔޫތް މިނިސްޓަރީއިން ވަނީ ބުނެފަ އެވެ.

ރޭގެ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގަން ބޭނުންވާ ޕްރޮގުރާމުތަކާއި އެ ރަށްރަށަށް ނިސްބަތްވާ މީހުންގެ ޙިޔާލުތައް ވަކިވަކިން ހޯދުމަކީ މިނިސްޓަރީއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ނަމަވެސް ރޭ އިފްތިތާހު ކުރެވުނު ހުދު ކަރުދާހާ އެކު އެކަން ބަދަލުވެ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތައް މެދުވެރިކޮށް އެ ރަށެއްގައި ހިންގޭނެ އެކި ޕްރޮގްރާމްތައް ދެނެގަންނަން ފަސޭހަވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޕްރޮފެސަރު އުގެއިލް ވިދާޅުވީ ޔޫތް މިނިސްޓަރީއިން ނެރުނު މި ކަރުދާހަކީ ސުކޫލުގެ ކުލާސް ރޫމުތަކުގައި ދަސްނުކޮށްދޭ، ދިރިއުޅުމުގެ އެތައް މުހިއްމު ކަމެއް ހިމެނޭ ކަރުދާހެއް ކަމަށެވެ. އަދި މި ކަރުދާހުގެ ސަބަބުން ރަށްރަށުގައި ހިޔާލު ހުށައަޅާނެ ފުރުސަތެއް ނުލިބި ތިިބި ބޭފުޅުންނަށް އެކަން ފަހިވެގެންދާނެ ކަމަށް އުގެއިލް ވިދާޅުވި އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް ޔޫތް މިނިސްޓަރީއިން މި ނެރުނު ކަރުދާސް ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުގެ އިތުރުން ޔޫތް މިނިސްޓްރީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް އެ މިނިސްޓަރީއިން ބުނެފި އެވެ. އަދި އެ ކަރުދާހަށް އުނި އިތުރު ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މި މަހުގެ 30 ގެ ނިޔަލަށް ހުޅުވާލައިފައި ވާ ކަމަށް ވެސް ޔޫތް މިނިސްޓަރީއިން ބުނެ އެވެ.

comment ކޮމެންޓް