މަޖިލިސް ބަހުސްގައި ޝަރީފާއި ޖާބިރުގެ ވާދަވެރިކަމެއް

މެންބަރު ޝަރީފާއި ޖާބިރު: މަޖިލިސް ތަޅުމުގެ ބަހުސްގައި މި ދެ މެންބަރުންގެ ޒުވާބު ބޮޑު.

ނަވާރަ ވަނަ މަޖިލީހުގައި މިހާތަނަށް އެންމެ ގިނައިން ބަހުސް ކުރި މެމްބަރަކީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަދި ދެވަނައަށް އެންމެ ގިނައިން ބަހުސް ކުރި މެމްބަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމަށް ރިޔާސަތުން އިއުލާނުކޮށްފި އެވެ.

ނަވާރަ ވަނަ މަޖިލީހުގައި މިއަދު ކުރިއަށް ދަނީ ހަވަނަ ޖަލްސާ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންމެ ގިނަ ފަހަރު ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ކަމަށެވެ. އެއީ 14 ފަހަރު ބަހުސްގައި ބައިވެރިވެ ވަޑައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަހުސް ކުރުމުގައި ދެވަނައިގައި އުޅުއްވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމަށް ނަޝީދު ވިދާޅުވި އެވެ. ޖާބިރު 12 ފަހަރު ބަހުސްގައި ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު 10 ފަހަރު ބަހުސްގައި ބައިވެރިވެ ވަޑައިގެން ތިން ވަނަ ހޯއްދަވާފައިވާއިރުގައި ވަރަށް ގާތް ހަތަރުވަނައެއްގައި ކުޑަހުވަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ނުވަ ފަހަރު ބަހުސްގައި ބައިވެރިވެވަޑައިގެންފައިވޭ." މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އެންމެ ގިނައިން ބަހުސް ކުރެއްވި ޝަރީފު އަދި ދެވަނަ ހޯއްދެވި ޖާބިރުގެ މެދުގައި ތަޅުމުގައި ވާދަވެރިކަމެއްވެސް އޮވެ އެވެ. މި މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައިވެސް ޝަރީފާއި ޖާބިރުގެ މެދުގައި ބަހުގެ ހަމަލާތަކެއް ރައްދު ކުރެވެ އެވެ.

ބަހުސް ކުރަން ފުރުސަތު ހުޅުވާލާ މައުލޫއީން ބޭރުން ޖާބިރު ވާހަކަފުޅުދައްކަވާތީ ޝަރީފު ނިޒާމީ ނުކުތާ ނަންގަވާ އެކަން ފާހަގަ ކުރައްވަ އެވެ. އެއާއެކު ޖާބިރު ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރުން ދައްކާނެ ވާހަކަތައް މަރަދޫ ދާއިރާގެ މެމްބަރަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.

ނިމިދިޔަ ހަފްތާގައި ބޭއްވި ޖަލްސާއެއްގައި ޖާބިރު ބޭ އަދަބީ ބަސް ބޭނުން ކޮށްފައިވަނީވެސް ޝަރީފަށް ދިން ރައްދެއްގެ ތެރެއިންނެވެ.

https://sun.mv/119940

comment ކޮމެންޓް