ޕާކިސްތާނުގެ ކުރީގެ ރައީސް ހައްޔަރު ކުރިކުރުމާ ސަރުކާރާ ގުޅުމެއްނެތް: ޕާކިސްތާނުގެ ދާޚިލީ ވަޒީރު

ޒަރުދާރީ ހައްޔަރު ކޮށްގެން ގެންދަނީ

އިސްލާމް އާބާދު (ޖޫން 11) : ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީ ހައްޔަރުކުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޕާކިސްތާނުގެ އިދާރާ ކަމަށްވާ "ނެޝަނަލް އޮފީސް އޮފް އެކައުންޓަބިލިޓީ" އިން ހިންގާ ތަހްގީގަކަށް ކޯޓު އަމުރެއްގެ ދަށުން ކަމަށާ އެއީ ޕާކިސްތާން ސަރުކާރާ ގުޅުންހުރި ކަމެއް ނޫންކަމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ބުނެފި އެވެ.

ޕާކިސްތާނުގެ ފުލުހުން އިއްޔެ ޒަރުދާރީ ހައްޔަރު ކުރުމާ ގުޅިގެން އެގައުމުގެ ދާޚިލީ ވަޒީރު އިޢްޖާޒް ޝާހު ވިދާޅުވީ ޒަރުދާރީ ހައްޔަރުކުރި ކުރުމަކީ ސިޔާސީ ކަމެއްނޫންކަމަށާއި ޕާކިސްތާން ސަރުކާރަކީ ސިޔާސީ މަގްސަދުތަކުގައި މީހުން ހައްޔަރުކުރާ ސަރުކާރެއް ނޫންކަމުގަ އެވެ.

އަވަހާރަކޮށްލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ހުވަފަތް ފިރިކަލުން އަދި އެގައުމުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީ އިއްޔެ ވަނީ އޭނާ ގޭގައި އުޅުއްވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ޒަރުދާރީ ހައްޔަރުކުރީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި "ނެޝަނަލް އޮފީސް އޮފް އެކައުންޓަބިލިޓީ" އިން ޒަރުދާރީގެ މައްޗަށް ކުރަމުން ގެންދާ ތަހްގީގްތަކަކާ ގުޅިގެން ކަމަށް އެއިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ ރައީސްކަން ކުރެއްވުމުގެ ކުރިން ޒަރުދާރީގެ އަނބިކަނބަލުން ބޭނަޒީރު ބުއްޓޫގެ ބޮޑުވަޒީރުކަމުގައި ނުފޫޒުގެ ބޭނުން ކުރައްވައިގެން ހިންގެވި ކޮރަޕްޝަނުގެ އަމަލުތަކެއް ޒަރުދާރީގެ މައްޗަށް ސާބިތުވެގެން ޒަރުދާރީ ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.

ނަމަވެސް 11 އަހަރަށް ފަހު ޖަލުން މިނިވަންވެ ވަޑައިގެން ޒަރުދާރީ ވަނީ 2008 ވަނަ އަހަރުން 2013 ވަނައަރަށް ޕާކިސްތާނުގެ ރައީސް ކަމުގެ މަގާމު އަދާކުރައްވާފަ އެވެ. އެއީ ޕާކިސްތާން ޕީޕަލްސް ޕާޓީ އިން ޕާކިސްތާނުގެ ވެރިކަން ކުރި ދުވަސްވަރުގަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޕާކިސްތާނުގެ އިދާރާ ކަމަށްވާ "ނެޝަނަލް އޮފީސް އޮފް އެކައުންޓަބިލިޓީ" އިން މިހާރު ކުރިޔަށްގެންދަނީ އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ޒަރުދާރީގެ ބެލުމުގެ ދަށުން އޭނާގެ ވެރިކަމުގައި ހިންގެވި ކަމުގެ މައްސަލައެއް ތަހްގީގް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު