ނާސްތާއާ އެކު ދަރިވަރުން ރަނގަޅު ނަތީޖާ ހޯދަން ވާނެ: ނައިބު ރައީސް

ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށުން ފައިސަލް އިފްތިތާހްކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށިގެންދިއުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ދަރިވަރުންނަށް ލިބޭ ފަހި ފުރުސަތެއް ކަަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހުރިހާ ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވަނީ އެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ އެ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް އިސްކަންދެއްވާ ޕްރޮގްރާމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭ ކަމަށާއި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި، މުޅި ދުވަހު ކިޔެވުން ކުރިޔަށްގެންދެވޭ ވަރަށް ކުދިން ތައްޔާރުވާންޖެހޭ ކަމަށެވެ.

އެ ޕްރޮގްރާމަކުން ހަމައެކަނި ލިބިގެންދަނީ ނާސްތާކުރުމުގެ ފުރުސަތު އެކަނި ނޫންކަން ފައިސަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިހުތިރާމު ކުރުމާއި އެހެންމީހުންގެ ހައްގުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރުންފަދަ އެތައްކަމެއް ދަސްކުރުމުގެ ފުރުސަތު އެ ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ނާސްތާ ޕްރޮގްރާމު ރަސްމީގޮތުން މިއަދު ފެށުމާއެކު ރާއްޖޭގެ 180 ރަށެއްގައި، 57،817 ދަރިވަރުންނަށް ނާސްތާ ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް