އަމީތާބުގެ ޓުވިޓާ ހެކު ކޮށް އިމްރާން ޚާންގެ ފޮޓޯ ޖަހައިފި

ބޮލީވުޑްގެ މެގަ ސްޓާ، އަމީތާބު ބައްޗަންގެ ޓުވިޓާ އެކައުންޓު ހެކް ކޮށް، ޑިސްޕްލޭ ފޮޓޯ އަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފޮޓޯ ޖަހައިފި އެވެ.

ރޭގެ ވަގުތެއްގައި އަމީތާބުގެ ޓުވިޓާ ހެކް ކޮށް، އިންޑިއާއަށް ފާޑުކިޔައި ޕާކިސްތާނަށް ތަރުހީބު ދީފައިވެ އެވެ. އެގޮތުން އިންޑިއާ އަކީ ރަމަޟާން މަހު ރޯދައަށް ތިބޭ އިންޑިއާގެ މުސްލިމުން އެއްވެސް ރަހުމެއް ނެތި މަރާ ޤައުމެއް ކަމަށް ބުނެ ޓުވީޓެއް ކޮށްފައިވެ އެވެ.

އަދި "އައްޔިލްދީޒް ޓިމް ޓާކިޝް ސައިބާ އާމީ"ގެ ލޯގޯ ޓުވީޓުކޮށް، އައިސްލޭންޑް އިން ތުރުކީ ފުޓުބޯޅަ ޓީމާ ދޭތެރޭ ތަފާތުކުރުން ގެންގުޅޭ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ބުނެ ސައިބާ ހަމަލާއެއްގެ އިންޒާރު ދީފައިވެ އެވެ.

އޭގެ އިތުރުން އިމްރާން ޚާންގެ ދެ ފޮޓޯއެއް ޓުވީޓުކޮށް، އިމްރާން ޚާން އަށް އިހްތިރާމާއި ލޯބި ފޮނުވާފައިވެ އެވެ. ޓުވީޓުތަކުގައި ޕާކިސްތާނު އަދި ތުރުކީގެ ދިދަ ބޭނުންކޮށްފައިވެ އެވެ.

މިހާރު އަމީތާބުގެ އެކައުންޓު ރިކަވާ ކޮށް، ހެކް ކޮށް ކުރި ޓުވީޓުތައް ވެސް ވަނީ ފުހެލައިފަ އެވެ. މި ހަމަލާ އާއި ގުޅިގެން އަމީތާބު އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

comment ކޮމެންޓް