ނާސްތާ ހުރިހާ ސްކޫލަކަށް، މެނޫއަށް ފައިދާހުރި ކާނާ އިތުރުކުރަނީ

ހުރިހާ ސްކޫލުތަކެއްގައި ނާސްތާ ދޭން ފެށުން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ތަނުގައި ސްކޫލް ނާސްތާ ޕްރޮގްރާމުގައި ކުދިން ހެދި ބޮޑުުވުމަށާއި ދަރިވަރުންގެ ގައިގާ ވަރުޖެއްސުމަށް ބޭނުންވާ ކާނާ އިތުުރުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ސްކޫލުކުދިންނަށް ދެމުން އައި ނާސްތާ ޕްރޮގްރާމް ފުޅާކޮށް އެ ޕްރޮގްރާމް ހުރިހާ ސްުކޫލުތަކެއްގައި އިފްތިތާހްކުރުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ނާސްތާތަކުގައި މިވަގުތު އަދި ވަކި ބާވަތްތަކެއްގެ ކާނާ ހުރި ނަމަވެސް، މުސްތަގުބަލުގައި އިތުރު ބާވަތްތައް ތައާރަފް ކުރާނެ ކަމަށެވެ.

" ތަޖުރިބާއަށް ބަލައި، ރާއްޖޭގައި ލިބޭ، ރާއްޖޭގައި ހެއްދޭ ހެއްދޭ ކުދިން ހެދިބޮޑުވެ، ވަރުޖެހުމަށް ބޭނުންވާ މިންހެޔޮ ކަނާތުގެ ބައިތައް ހިމެނޭ ކަނާތައް ނާސްތާ ޕްރޮގްރާމަށް އިތުރުކުރެވިގެން ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ރޮށި، ޕާން، ބިސްގަނޑު، ދޮންކެޔޮ، ކިރު، ފަތު މަސްހުނި، ބޭކަޑްބީންސް، ސޭންޑްވިޗް، ބަރަބޯ މަސްހުނި، ޗީޒް ސޭންޑްވިޗް، ބަށި މަސްހުނި، ޕީނަޓް ބަޓާ އަދި ތަރުކާރީ މަސްހުނި ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ދިނުމަކީ އަލަށް ރައްޖޭގެ ސްކޫލުތަކުގައި ފެށި ކަމަކަށްވާތީ މިވަގުތު ކްލާސްރޫމްގައި އެކަން ކުރި ކަަމަށްވިޔަސް ކުރިއަށް އޮތް ތަނުގައި، އަލަށް ހަދާ ސްކޫލުތަކުގައި ކާ މާލަމްތަކާއި ބަދިގެތައް ބިނާކުރާނެ ކަމަށެވެ.

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ފެށިފަހުން ސްކޫލުކުދިން ފިލާވަޅުތަކަށް އަހައްމިއްޔަތުކަން ދޭ މިންވަރު އިތުރުވެފައިވާ ކަަމަށެވެ.

"ސްކޫލަށް ގަޑިޖެހިގެން އަންނަ ކުދިން ވަނީ މަދުވެފައި. އެސެމްބްލީގައި އަނބުރައިގަނެގެން ވެއްޓޭ ކުދިން ވަނީ ދަށްވެފައި. އަދި ބަނޑާއި ބޮލުގައި ރިއްސާތީ ހެލްތު ރޫމްއަށް ދާ ކުދިންގެ އަދަދު ވަނީ މަދުވެފައި. މީގެ އިތުރުން ދަރިވަރުންގެ މެދުގައިވާ އިޖުތިމާއީ ގުޅުންތައް ބަދަހިވެ ކެއިންބުއިމުގެ އާދަތައް އެކުދިން ދަނީ އަހުލުވެރިވަމުން" މިނިސްޓަރު ވިދާޅުވި އެވެ.

ނާސްތާ ޕްރޮގްރާމްގެ ސަަބަބުން ހަމައެކަނި ފައިދާކުރާނީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެކަނި ނޫން ކަަންވެސް އެކަމަނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެކަމުގެ ސަބަބުން ރަށްރަށުގައި އިގްތިސާދީގޮތުން އެތައް މަސައްކަތެއް ފެށިގެންދާނެ ކަމަަށެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް މިހާތަަނަށް އޮތީ ކުރިއަށް ނުގެންގޮހެވެ.

comment ކޮމެންޓް