ގައުމީ ޔުނިވާސިޓީ އަށް ލަންކާ ކުންފުންޏަކުން އެހީވަނީ

ގައުމީ ޔުނިވާސިޓީއާއި ސީއެސްސީއާ ދެމެދު އެމްއޯޔޫގައި ސޮއި ކުރަނީ --

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާގެ ސިވިލް ސްޓްރަކްޗަރިން އެންޑް އިންޖިނިއަރިން ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑް (ސީއެސްއީސީ) އާ ދެމެދު މަޝްވަރާ ކުރުމަށްފަހު، އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފެވެ. ސީއެސްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝިރޯމަލް ފެނާންޑޯ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައަކަވަމުން ސީއެސްއީސީގެ މެނޭޖިން ޑިރެކްޓަ ޝިރޮމާލް ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގައި މިހާރު ވެސް އިންޖިނިއަރިން މަސައްކަތްތައް ކުރަމުން އަންނަ ބަޔަކަށްވާއިރު ރާއްޖޭގެ ޒުވާނުންނަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޮޑު އުފަލެއް ކަމަށެވެ.

ގައުމީ ޔުނިވާސިޓީއާއި ސީއެސްސީއާ ދެމެދު އެމްއޯޔޫގައި ސޮއި ކުރަނީ --

ދެފަރާތުން ސޮއި ކުރި އެމްއޯޔޫގެ ދަށުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ފުރަތަމަ ޑިގްރީގެ ކޯސްތަކަށް ސްކޮލަޝިޕް ދިނުމާއި އިންޓާންޝިޕް ފުރިހަމަ ކުރުމަށް އެހީތެރިވުމާއި ޔުނިވާސިޓީގެ ލެކްޗަރާއިންނަށް ފަންނީ ތަމްރީނު ދޭނުން ހިމެނެ އެވެ. އަދި ރިސާޗް ހަދާ ދަރިވަރުންނަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން ރިސާޗް އެސިސްޓެންސް ފޯރުކޮށްދިނުމާއި ދެ ޔުނިވާސިޓީގެ ދަރިވަރުން ގުޅިގެން އެކަޑަމިކް ލިޔުންތައް ޕަބްލިޝް ކުރުމުގެ ފުރުސަތު ފަހިކުރުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބިގެންދާނެ އެވެ.

މީގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި ހިމެނޭ، ގެސްޓް ލެކްޗަރާއިންގެ ޓްރެއިނިންތަކުގައި ބައިވެރިވުމުމުގެ ފުރުސަތާއި ބައިނަލްއަގުވާމީ ކޮންފަރެންސްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތްކުރުމަކީ ވެސް މި އެއްބަސްވުމުގައި ހިމަނާފައިވާ ކަމެކެވެ. އަދި ސްރީ ލަންކާގެ އޯޕަން ޔުނިވާސިޓީއާ ގުޅިގެން ޑިސްޓަންސް ލާނިން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.

ސީއެސްއީސީ އަކީ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ކޮންސަލްޓެންސީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ކުންފުންޏެކެވެ. އެކުންފުނިން ދަނީ ބ. ވައްކަރު ލަގްޒަރީ ރިސޯޓާއި ނަސަންދުރަ ރެޒިޑެންސްގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ސްރީ ލަންކާގެ ކޮލޮމްބޯ ލޮޓަސް ޓަވާ އާއި ކޮލޮމްބޯ ސިޓީ ސެންޓާ ހިމެނެ އެވެ.

ރާއްޖޭގެ ވިޔަފާރި މާހައުލު ދެނެގަތުމަށާއި ރާއްޖޭގެ ވިޔަފާރިތަކާ ގުޅުން ދެމެހެއްޓުމަށް ސީއެސްއީީގެ ފަރާތުން ރާއްޖޭގެ ސްޓްރެޖިކް ޕާޓްނަރެއްގެ ގޮތުގައި ހަމ ޖައްސައިފައިވަނީ، ނައިން ސިކްސްޓީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެވެ.

comment ކޮމެންޓް