އިންޑިޔާގެ ބޮޑުވަޒީރު ޝްރީ ނަރެންދްރަ މޯދީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅު

އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއީ 8 ޖޫން 2019 ވީ ހޮނިހިރު ދުވަހު، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި، އިންޑިޔާގެ ބޮޑުވަޒީރު ޝްރީ ނަރެންދްރަ މޯދީ ދެއްކެވި ވާހަކަފުޅުގެ ދިވެހި ތަރުޖަމާއެވެ.

----------

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް، އަދި އަޅުގަނޑުގެ މިތުރު މުޙައްމަދު ނަޝީދު ސާހަބް.

މަޖިލީހުގެ އިއްޒަތްތެރި މެންބަރުން.

އެންމެހައި އިއްޒަތްތެރީން،

އިއްޒަތްތެރި މެހުމާނުން،

ނަމަޝްކާރް!

ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު، އަޅުގަނޑުގެ އަދި އިންޑިޔާގެ 130 ކުރޯޑު ރައްޔިތުންގެ ހެޔޮ އެދުންތައް އަރިސް ކުރަން.

ބަރަކާތްތެރި ފިޠުރުޢީދުގެ އުފާވެރިކަމާއި މީރުވަސް އަދިވެސް މި ޖައްވުގައި އެބަ ހުރި. ތިޔަ ހުރިހާ ބޭފުޅުންނަށް އަދި ދިވެހިރާއްޖޭގެ އެއްމެހައި ރައްޔިތުންނަށް، އަޅުގަނޑު މި މުނާސަބަތުގައި ވަރަށް ބޮޑަށް މުބާރަކުބާދީ ދަންނަވަން.

އިއްޒަތްތެރި ރައީސް،

ދިވެހިރާއްޖެ ނުވަތަ ހާހަށް ވުރެ ގިނަ ރަށްތަކުގެ ހާރު، މިއީ ހަމައެކަނި ހިންދު މާކަނޑުގެއެއް ނޫން، މުޅި ދުނިޔޭގެ ޖަވާހިރުތަކުގެ ތެރެއިން ވެސް ނާދިރު ޖަވާހިރެއް.

މި ތަނުގެ ދެވަނައެއް ނެތް ފަދަ ރީތިކަމާއި ގުދުރަތީ މުއްސަނދިކަން ވެފައި ވަނީ އެތައް ހާސް އަހަރެއް ކުރީއްސުރެ، ޝައުގުވެރިކަން ދަމައިގަންނަ މަރުކަޒަކަށް.

ތަބީއަތުގެ ބާރުގެ ކުރިމަތީގައި މި ގައުމަކީ އިންސާނުންގެ ދެވަނައެއް ނެތް ހިތްވަރުގެ ވިދަވިދައި ހުރި މިސާލެއް.

ވިޔަފާރިއާއި، މީހުންގެ އައިސް ގޮސްވުމާއި، ސަގާފީ ތަފާތުތައް، މެދުކެނޑުމެއް ނެތި، ދިވެހިރާއްޖެ ވަނީ ދެކެ ތަޖުރިބާ ކޮށްފައި.

އަދި، މި ވެރިރަށް، މާލެއަކީ ހަމަ އެކަނި ފުޅާވެގެންވާ ނޫ ކަނޑުތަކަށް ފަތުރުވެރީން ވާސިލުވުމަށް ހުރި ދޮރޯށްޓެއް ނޫން. މިއީ ހަގީގީ ސުލްހަވެރި، އަމާން، އޮމާން ހިންދު މާކަނޑުގެ ސަރަހައްދެއް މުޅި ދުނިޔެއަށް ފޯރުކޮށް ދިނުމުގެ، މިއީ ތަޅުދަނޑި ވެސް މެ.

އިއްޒަތްތެރި ރައީސް،

މިއަދު ދިވެހިރާއްޖޭގައި އަދި މި މަޖިލީހުގައި ތިޔަ ހުރިހާ ބޭފުޅުންނާ އެކު ހުރެވޭތީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް އެބަ ލިބޭ.

މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން، އަޅުގަނޑަށް ދައުވަތު ދެއްވުމަށް، އިއްޒަތްތެރި ނަޝީދު ސާހަބް މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގަތުމަށް ފަހު، ބޭއްވި ފުރަތަމަ ޖަލްސާގައި ނިންމެވި.

ތިޔަ ބޭފުޅުންގެ މި "ގެސްޗަރ" އިންޑިޔާގެ ކޮންމެ ރައްޔިތެއްގެ ހިތުގައި ބީހިލައިފި. އަދި އެމީހުންގެ އިއްޒަތާއި ފަޚުރުވެރިކަމުގެ އިހުސާސް އިތުރުކޮށްދީފި.

މިކަމަށް ޓަކައި، އިއްޒަތްތެރި ރައީސް، އަޅުގަނޑު މަނިކުފާނަށާއި މި އިއްޒަތްތެރި މަޖިލީހުގެ ހުރިހައި އިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި މުޅި އިންޑިޔާގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އިއްޒަތްތެރި ރައީސް،

މިއަދު، އަޅުގަނޑު ދެވަނަ ފަހަރަށް، ދިވެހިރާއްޖެއަށް މިއައީ. އެއް ގޮތަކުން ބަލާއިރު، ދެވަނަ ފަހަރަށް މި މަޖިލީހުގެ ތާރީޚީ ހަރަކާތެއްގައި އަޅުގަނޑު ބައިވެރި މިވަނީ.

މިދިޔަ އަހަރު، އަޅުގަނޑު ވަރަށް އުފަލާއި ފަޚުރުވެރިކަމާ އެކު، ރައީސް ސޯލިހް ހުވާ ކުރެއްވި ރަސްމިޔާތުގައި ބައިވެރިވިން. ޑިމޮކްރަސީގެ ކާމިޔާބުގެ އެ އީދު، ހުޅުވާލެވިފައިވާ ސްޓޭޑިއަމްގައި ކުރިޔަށް ގެންދެވުނީ. އުފަލުން ފޮޅިފައި ތިބި އެތައް ހާސް މީހުންނެއް ތިބި. އެމީހުންގެ ބާރާއި ޔަގީންކަން، ހިތްވަރާއި އަޒުމް، އެ ކާމިޔާބީގެ ބިންގަލަކީ. އެ ދުވަހު، ދިވެހިރާއްޖޭގައި، ހަގީގީ ޑިމޮކްރަސީގެ ހަކަތަ ހުރި މިންވަރު އިހުސާސް ކޮށް، އަޅުގަނޑަށް، ވަރަށް ތަފާތު ބޮޑު ތަޖްރިބާއެއް ކުރެވުނު.

އެ ދުވަހު، އަޅުގަނޑަށް ދިވެހިރާއްޖޭގެ އާއްމު ރައްޔިތުން ޑިމޮކްރަސީއަށް ދީފައި އަހައްމިއްޔަތު، އަދި އިއްޒަތްތެރި ރައީސް، މަނިކުފާނު ފަދަ ސިޔާސީ ލީޑަރުންނަށް އެ ރައްޔިތުންގެ ހިތްތަކުގައިވާ ލޯތްބާއި ގަދަރު، ފެނުނު.

އަދި މިއަދު މި އިއްޒަތްތެރި މަޖިލީހުގައި، އަޅުގަނޑު، ޑިމޮކްރަސީގެ ދިދަ ހިއްޕަވައިގެން ކުރިޔަށް ވަޑައިގަންނަވާ ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ސެލިއުޓް ކުރަން.

އިއްޒަތްތެރި ރައީސް،

މި ތަނަކީ، މި މަޖިލީހަކީ، ގަލާއި ސިމެންތީން ބިނާ ކުރެވިފައިވާ، ހަމައެކަނި ހުސް އިމާރާތެއް ނޫން.

މިއީ ބައެއްގެ އާދައިގެ ބައްދަލުވުމެއް ނޫން.

މިއީ ޑިމޮކްރަސީގެ ހަކަތައިގެ މަރުކަޒު. މިތަނުގައި، ގައުމުގެ ވިންދާއި ގައުމުގެ ހިތުގެ އަޑު ތިޔަ ބޭފުޅުންގެ ވިސްނުންފުޅާއި އަޑުފުޅުން ގެންދަވަނީ އިއްވަވަމުން.

މި ތަނުގައި ތިޔަ ބޭފުޅުން މެދުވެރިވެގެން، އާއްމު ރައްޔިތުންގެ ހުވަފެންތަކާއި އެދުންތައް ދަނީ، ހަގީގަތަކަށް ބަދަލުވަމުން.

މިތަނުގައި ތަފާތު އެކި ފިކުރުތަކާއި ޕާޓީތަކަށް ނިސްބަތްވާ މެންބަރުން، ގައުމުގައި، ޑިމޮކްރަސީއާއި ތަރައްގީއާއި ސުލްހަ މަސަލަސްކަމަށް ޓަކައި، އެ ބޭފުޅުންގެ ކިބައިގައިވާ ތަފާތުތައް، އެއް މިސްރާބަކަށް ސީދާ ކުރައްވާނެ.

އެއީ ހަމަ އެ ގޮތަށް، މީގެ ކުޑަ ދުވަސްކޮޅެއް ކުރީން، ދިވެހިރައްޔިތުން ގުޅިގެން ވަނީ މުޅި ދުނިޔޭގެ ކުރިމަތީގައި ޑިމޮކްރަސީގެ ރީތި މިސާލެއް ގާއިމު ކޮށްފަ.

ތިޔަ ބޭފުޅުންގެ އެ ދަތުރުފުޅު ވަނީ ގޮންޖެހުންތަކުން ފުރިފަ.

އެކަމަކު ދިވެހިރާއްޖެ ދައްކުވައިދީފި. ތިޔަ ބޭފުޅުން ދައްކުވައިދެއްވައިފީމު. ކާމިޔާބު އާޚިރުގައި ވާނީ ރައްޔިތުންގެ އެއްޗަކަށް ކަން.

މިއީ އާދައިގެ ކާމިޔާބީއެއް ނޫން.

ތިޔަ ބޭފުޅުންނަށް ތިޔަ ލިބިވަޑައިގަތް ކާމިޔާބީއަކީ، މުޅި ދުނިޔެއަށް ޓަކައި ވެސް ހިތްވަރު ލިބިގަތުމުގެ މިސާލަކަށް ވެގެންދާނޭ ކާމިޔާބީއެއް.

ދިވެހިރާއްޖެއަށް މި ހާސިލު ކުރެވުނު ކާމިޔާބީއާ މެދު އެންމެ ބޮޑަށް ފަޚުރުވެރިވާނީ އަދި އެކަމުން އެންމެ ބޮޑަށް އުފާ ލިބޭނީ ކޮން ބަޔަކަށް ތޯ؟

ޖަވާބު ވަރަށް ސާފު.

ތިޔަ ބޭފުޅުންގެ އެންމެ ގާތް މިތުރު. ތިޔަ ބޭފުޅުންގެ އެންމެ ގާތް އަވަށްޓެރިޔާ. އަދި ދުނިޔޭގައި އޮތް އެންމެ ބިޔަ ޑިމޮކްރަސީ. އިންޑިޔާއަށް.

މިއަދުގެ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި، އަޅުގަނޑު އަޑަށް ބާރުލާފައި ދަންނަވާން ބޭނުން. ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ޓަކައި، އިންޑިޔާއާއި އިންޑިޔާގެ އެއްމެހައި ރައްޔިތުން ކުރީންވެސް ތިބީ ތިޔަބޭފުޅުންނާ އެކުގައޭ. އަދި އަބަދުވެސް ތިބޭނީ ތިޔަބޭފުޅުންނާ އެކުގައޭ.

އިއްޒަތްތެރި ރައީސް،

އިންޑިޔާ ވެސް، މި ދިޔަ މަހު، އިންސާނީ ތާރީޚުގައި ދުށް ޑިމޮކްރަސީގެ އެންމެ ބޮޑު ހަރަކާތް، ފުރިހަމަ ކޮށްފައި ވަނީ.

އިންޑިޔާގެ 130 ކުރޯޑު ރައްޔިތުންނަށް މިއީ ހަމައެކަނި އާދައިގެ އިންތިޚާބެއް ނޫން. އެއީ ރަސްމިއްޔާތެއް. އެއީ ޑިމޮކްރަސީގެ ބޮޑު އީދެއް. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައިމީހުން ވޯޓުލާން ނުކުތް. ގާތްގަނޑަކަށް 60 ކުރޯޑު މީހުން ވޯޓު ލި.

އެމީހުންގެ ގައުމުގެ ތަރައްގީއާއި ހަމަޖެހުމަަށް ޓަކައި، އެމީހުން އެ ދިނީ ވަރަށް ފުރިހަމަ އިޖާބައެއް. އެ ހަވާލު ކުރީ ވަރަށް ވެސް ބޮޑު މަސްއޫލިއްޔަތެއް.

އިއްޒަތްތެރި ރައީސް،

އަޅުގަނޑުގެ ސަރުކާރުގެ އުސޫލީ ފަލްސަފާއަކީ، "ސަބްކާ ސާއްތް. ސަބްކާ ވިކާސް، އޯރް ސަބްކާ ވިޝްވާސް." (ހުރިހާ އެންމެން ގުޅިގެން. ހުރިހާ އެންމެންގެ ތަރައްގީއަށް. އަދި ހުރިހާ އެންމެންގެ އިތުބާރާކަމާއެކު.) މިއީ ހަމަ އެކަނި އިންޑިޔާގައެއް ނޫން. އަދި ކީއްތޯ، މުޅި ދުނިޔޭގައި ވެސް އަދި ހާއްސަކޮށް އަޅުގަނޑުމެންގެ އަވަށްޓެރީންނާ އެކު، އަޅުގަނޑުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ބިންގަލަކީ ވެސް މިއީ.

"އެންމެ ފުރަތަމައަށް އަވަށްޓެރީން." އަޅުގަނޑުމެން އެންމެ އިސްކަން ދެނީ މިއަށް.

އަދި އަވަށްޓެރީންގެ ތެރެއިން ދިވެހިރާއްޖެއަށް، އަޅުގަނޑުމެން އެންމެ އިސްކަން ދެނީ.

އެހެންވީމާ، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިއަދު އަޅުގަނޑު ހާޒިރުވެ ހުރުމަކީ އިއްތިފާގެއް ނޫން.

ފާއިތުވި ޑިސެންބަރު މަހުގައި، ރައީސް ސޯލިހް ވަނީ، އެ މަނިކުފާނު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ މަންޒިލަކަށް އިންޑިޔާ ހައްދަވާފަ.

އަދި މިހާރު، ދިވެހިރާއްޖެއިން ދިން ދައުވަތަކަށް އަޅުގަނޑު، އަޅުގަނޑުގެ މި ދައުރުގައި ގައުމުން ބޭރަށް ކުރާ ފުރަތަމަ ދަތުރުގައި ދިވެހިރާއްޖެއަށް އައިސް މިހިރީ.

މި ދަތުރުގައި، ގައުމުން ބޭރު މީހުންނަށް، ތިޔަބޭފުޅުންގެ ގައުމުން ދޭ އެންމެ މަތީ އިއްޒަތް ވެސް އަޅުގަނޑަށް ވަނީ ދެއްވާފަ. އަޅުގަނޑުގެ އަތުގައި ޝުކުރު އަދާ ކުރާނޭ ލަފްޒުތަކެއް ނެތް.

އިއްޒަތްތެރި ރައީސް،

ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުން، އަޅުގަނޑުމެންނަށް އެނގޭ ތާރީޚަށް ވުރެ މާ ދޮށި.

އެންމެ ކުރީއްސުރެ މި ނޫކަނޑުގެ ރާޅުތައް ދިޔައީ އަޅުގަނޑުމެން ދެ ގައުމުގެ ގޮނޑުދޮށްތަކުގައި ބީހެމުން. މި ރާޅުތައް ވެފައި ވީ އަޅުގަނޑުމެންގެ މީހުންގެ މެދުގައި ރަހުމަތްތެރިކަން ދެމެހެއްޓުމުގެ މެދުވެރީން ކަމުގައި. އަޅުގަނޑުމެންގެ ސަގާފަތާއި ޙަޟާރަތަށް ވަނީ މިކަމުގެ އަސަރުކޮށްފަ.

އަޅުގަނޑުމެންގެ ގުޅުމަށް ވަނީ ކަނޑުތަކުގެ ފުންކަމާއި ފުޅާކަމުގެ ހެޔޮއެދުން ލިބިފަ.

ދުނިޔޭގެ އެންމެ ގަދީމީ ބަނދަރުތަކުގެ ތެރެއިން ބަނދަރެއް، ލޯތާލް އަކީ. އަޅުގަނޑުގެ އަމިއްލަ އުފަން ސްޓޭޓު ކަމުގައިވާ ގުޖަރާތުގައި، ލޯތާލް އޮންނަނީ. 2500 އަށް ވުރެ ވެސް ގިނަ އަހަރު ކުރީން، ލޯތާލްއާއި އަދި އޭގެ ފަހުން ގުޖަރާތުގެ ސޫރަތު ފަދަ ޝަހަރުތަކާ އެކު ވެސް ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުންތައް އޮތް.

ދިވެހިރާއްޖޭގެ ރީތި ބޮލިތައް ވަނީ އިންޑިޔާގެ ކުޑަކުދީންނާ ހަމަޔަށް ވެސް ފޯރާފަ.

މިއުޒިކާއި، މިއުޒިކީ އާލަތްތަކާއި، އާދަތަކާއި ސަގާފަތަކީ އަޅުގަނޑުމެން ހިއްސާކުރާ ތަރިކައިގެ ފާޅުކަން ބޮޑު މިސާލުތަކެއް.

މިސާލަކަށް ދިވެހި ބަސް ނަގަމާ.

އިނގިރޭސި ބަހުން މި ކިޔާ "ވީކް" އަށް އިންޑިޔާގައި ކިޔަނީ "ހަފްތާ". ދިވެހި ބަހުން ވެސް ކިޔަނީ ހަމަ އެހެން. ހަފްތާގެ ދުވަސްތަކުގެ ނަންތަކަށް ބަލަމާ. "ސަންޑޭ" އަކީ އާދީއްތަ، ދިވެހި ބަހުން. މި އާދީއްތަ ގުޅިފައިވަނީ އިރާ. ސޯމްވާރް ނުވަތަ "މަންޑޭ" އަކީ ދިވެހި ބަހުން ހޯމަ. އެ ގުޅިފައިވަނީ ސޯމް ނުވަތަ ހަނދާ.

އަދި އިނގިރޭސި ބަހުން މި ކިޔާ "ވޯލްޑް" އަށް ދިވެހި ބަހުން ކިޔަނީ ދުނިޔެ. އަދި އިންޑިޔާގައި ކިޔަނީ ދުންޔާ.

އަދި ދިވެހިރާއްޖޭގައި "ދުންޔާ" އަކީ މީހުންނަށް ކިޔާ މަޝްހޫރު ނަމެއް ވެސް މެ.

އަދި ހަމައެކަނި މި ދުނިޔޭގެ ވާހަކައެއް ނޫން. ބަހުގެ މި ގުޅުން ވަނީ މިތަނުގެ ބޭރުން ހިންދީ ބަހުގެ ސުވަރަގްއާއި ނަރަކްއާ ހަމަޔަށް ވެސް ފޯރާފަ. މި ދެ ތަނަށް ދިވެހި ބަހުން ބޭނުން ކުރަނީ ސުވަރުގެއާއި ނަރަކަ މި ދެ ލަފްޒު.

މި ލިސްޓު ވަރަށް ދިގު. ކިޔަމުން ގޮސްފި ނަމަ، ބޮޑު ބަސްފޮތަކަށް ފުދޭހައި ލަފްޒު މި ގޮތުން އަޅުގަނޑުމެންނަށް ލިބޭނެ.

އެކަމަކު، ކުރުކޮށް ބުނާ ނަމަ، މި އިން ކޮންމެ ފިޔަވަޅަކުން ވެސް ސާފު. އަޅުގަނޑުމެންނަކީ އެއް ބަގީޗާއެއްގެ މާތަކެއް ކަން.

އެހެންކަމުން، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމާއި، ދިވެހިރާއްޖޭގެ ގަދީމީ ފަތްފުށް ރައްކާތެރި ކުރުމާއި، ދިވެހި ބަހުގެ ރަދީފު ތަރައްގީ ކުރުން ފަދަ މަޝްރޫއުތަކުގައި ދިވެހިރާއްޖެއަށް އެހީތެރިވުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް.

އަދި މި ސަބަބަށް ޓަކައި، މާލޭގެ ތާރީޚީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގައި، އިންޑިޔާއިން އެހީތެރިކަން ދޭނެ ކަން އިއުލާން ކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ހިރިގަލުން ބިނާ ކުރެވިފައިވާ މި ތާރީޚީ މިސްކިތް ފަދަ ދެވަނަ މިސްކިތެއް، މުޅި ދުނިޔޭގައި ވެސް، ދިވެހިރާއްޖެ ނޫން އެހެން ތަނެއްގައި ނެތް.

ދިވެހިރާއްޖޭގެ މީހުން، މީގެ އެތަކެއް އަހަރުތަކެއް ކުރީން، ކަނޑުގެ ނިއުމަތް ބޭނުންކޮށްގެން، އެ ތަން، ލާމަސީލު ފަރުމާއަކަށް ބިނާ ކުރީ.

މިއިން އެމީހުން، އެމީހުންގެ ވަށައިގެންވާ ވެށްޓަށް ކުރި އިހުތިރާމާއި އެ ވެށްޓާ އެކު ގުޅިގެން ކުރިޔަށް ދިއުމަށް ސަމާލުކަން ދިން މިންވަރު އެނގިގެން ދޭ.

ހިތާމައަކީ، މިއަދު، ކަނޑުގެ މިފަދަ ވަސީލަތްތަކަށް ތަޣައްޔަރުކަމުގެ ބޯ ވިލާތަކާ ކުރިމަތިލާން ޖެހިފައިވާ ކަން.

މި ގޮތަށް މި މިސްކިތް ގިނަ ޒަމާނަށް ދެމެހެއްޓުމަށް ކުރެވޭ މި މަސައްކަތުން، ހަމަ އެކަނި ތާރީޚީ ގޮތަކުން ނޫން، އަޅުގަނޑުމެންގެ ވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މެސެޖު މުޅި ދުނިޔެއަށް ދޭނެ.

އިއްޒަތްތެރި ރައީސް،

ދިވެހިރާއްޖޭގައި އަމިއްލަ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް އެހީތެރިވުމުގައި އަދި ދިވެހިރާއްޖޭގެ ކުރިއެރުމާއި ސުލްހައަށް ޓަކައި، އިންޑިޔާ އޮތީ ދިވެހިރާއްޖެއާ އެކު، ކޮނޑާކޮނޑު ޖައްސައިގެން ސާބިތުކަމާއެކު.

އެއީ 1988 ގައި ދިމާވި ހާދިސާ ކަމުގައި ވިޔަސް، ނުވަތަ 2004 ގައި ދިމާވި ސުނާމީ ފަދަ ގުދުރަތީ ކާރިސާތަކުގައި ކަމަށް ވިޔަސް. ނުވަތަ ވަރަށް ފަހުން މާލޭގައި ދިމާވި ފެން ނުލިބުމުގެ ހާދިސާ ކަމަށް ވިޔަސް.

އަޅުގަނޑުމެން ފަޚުރުވެރިވަން. އިންޑިޔާ، ކޮންމެ ދަތިއުނދަގޫ ވަގުތެއްގައި، ތިޔަބޭފުޅުންނަށް ކުރިމަތިވި ކޮންމެ މިފަދަ ކަމެއްގައި، ހުރިހާ ވަގުތަކު، ހުރިހާ ފިޔަވަޅެއްގައި، ތިޔަބޭފުޅުންނާ އެކު ސާބިތުވެ ތިބީ. ތިޔަބޭފުޅުންނާ އެކު ކުރިޔަށް ދިޔައީ.

އަދި މިއަދު އަޅުގަނޑުމެންގެ ދެ ގައުމުގައި ވެސް، ތަރައްގީއާއި ކުރިއެރުމާއި ހަމަޖެހުމަށް ބޭނުން ވެފައި އޮތް އޮތުން، ދެ ފަރާތް ގުޅިގެން އެހީތެރިވެ އެއްބާރުލުން ދިނުމަށް، އާ މަގުތަކެއް މި ހުޅުވައި ދެނީ.

ރައީސް ސޯލިހު އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި، 1.4 ބިލިޔަން އެމެރިކާ ޑޮލަރުގެ އިގްތިސޯދީ ޕެކޭޖަކަށް އެއްބަސްވެވުނު. އެ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ދަނީ ބާރަށް ކުރިޔަށް.

ދިވެހިރާއްޖޭގެ ތަރައްގީއަށް ޓަކައި، އިންޑިޔާގެ އެހީތެރިކަމުގައި ބަދަލުވުމެއް ނެތް އަމާޒަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ.

އެއީ ރަށްރަށުގައި ފެނާއި ނަރުދަމާގެ ވަސީލަތްތައް ތަރައްގީ ކުރުމުގައި އެއްބާރުލުން ދިނުން ކަމުގައި ވިޔަސް. ނުވަތަ ތަރައްގީއަށް ޓަކައި ކޮންމެހެން ބިނާ ކުރާން ޖެހޭ އަސާސީ ބިނާތައް ބިނާ ކުރުން ކަމުގައި ވިޔަސް. ނުވަތަ ސިއްހީ ވަސީލަތްތަކާއި ތައުލީމީ ވަސީލަތް ތަރައްގީ ކުރުމުގައި އެއްބާރުލުން ދިނުން ކަމުގައި ވިޔަސް. އިންޑިޔާގެ އެހީތެރިކަން ބިނާ ވާނީ މީހުންގެ ވެލްފެޔަރ އަށް. އަދި ދިވެހިރާއްޖޭގެ ބޭނުންތަކާއި ދިވެހީން އިސްކަން ދޭ ކަންކަމަށް.

އަޅުގަނޑުމެން ހިންގާ އެއްބާރުލުމުގެ އަދި އިޖްތިމާއީ އެތައް މަޝްރޫއަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގައި ކައިރިން ދަނީ ބީހެމުން. އަދި އެއީ އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނެވުމަށް ތިޔަބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކަށް ލިބޭ އިތުރު ބާރެއް.

ދިވެހިރާއްޖޭގައި ޑިމޮކްރަސީއާއި ފާގަތިކަމަށް ޓަކައި، އިންޑިޔާ، އޮންނާނީ ވަރުގަދަ، އަދި އިތުބާރު ކުރެވޭ، އިސްބައިވެރިއެއްގެ ގޮތުގަ. އަދި އަޅުގަނޑުމެންގެ މި އެހީތެރިކަން ދިވެހީންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ތިޔަ ބޭފުޅުންގެ ވަސީލަތްތައް ވެސް އިތުރަށް ވަރުގަދަ ކޮށްދޭނެ.

އިއްޒަތްތެރި ރައީސް،

ގައުމުތަކުގެ ގުޅުންތައް، އޮންނަނީ ހަމަ އެކަނި ސަރުކާރުތަކުގެ މެދުގައެއް ނޫން.

އެ ގައުމުތަކުގެ މީހުންގެ މެދުގައި އޮންނަ ގުޅުންތައް، އޭގެ ހަގީގީ ރޫހަކީ.

އެހެންކަމުން އެކަމަށް ޓަކައި ކުރެވޭން ހުރި ކަންކަމަށް އަޅުގަނޑު ހާއްސަ އަހައްމިއްޔަތެއް ދެން. އެއިން ދެ ގައުމުގެ މީހުންގެ ގުޅުންތައް ބަދަހި ކުރުމުގެ ގޮތުން ހިންގޭ އެކްޗްސްޗޭންޖް ޕޮރުގުރާމްތަކަށް އިތުރު ފުޅާ ކަމެއް ލިބޭނެ.

އެ ގޮތުން އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، މިއަދު އަޅުގަނޑުމެންނަށް، މި ދެ ގައުމުގެ މެދުގައި ފެރީގެ ޚިދުމަތް ދިނުމަށް އެއްބަސްވެވުނުކަމީ.

އަދި އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން؛ ތައުލީމާއި، ސިއްހީ ކަންކަމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމުގައި، އިންޑިޔާއަށް އަންނަ ދިވެހީންނަށް، މިދިޔަ އަހަރު ވިސާގެ ކަންތަކުގައި ވެވުނު އެއްބަސްވުމުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެން ދިޔަކަން.

އިއްޒަތްތެރި ރައީސް،

ދެފަރާތުގެ އެއްބާރުލުން އިތުރު ކުރަމުން ކުރިޔަށް ގެންދާއިރު، އަޅުގަނޑުމެން، މިއަދު އަޅުގަނޑުމެންގެ ދުނިޔޭގައި ކުރިމަތިލާން ޖެހިފައިވާ އޮޅުންބޮޅުންތަކާއި ގޮންޖެހުންތަކާ މެދު ވެސް، ވިސްނާން ޖެހޭ.

ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު ކުރިމަތިވާ ގޮންޖެހުންތަކާއި، ދުނިޔޭގެ އިގްތިސާދީ އަދި އިސްތިރާޖީ ބާރުގެ ޗާޓަށް އަންނަމުންދާ ބަދަލުތަކާއި ވާދަވެރިކަމާއި ދެކޮޅުވެރިކަން. ސައިބަރ ސްޕޭސްގައި ހިނގަމުން ދާ ހަރަކާތްތައް. މިފަދަ އެތައް މައުޟޫޢެއް މި ގޮތުން އެބަ ހުރި.

މީގެ ތެރެއިން ތިން ގޮންޖެހުމެއްގެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލާނަން. އެއީ އަޅުގަނޑުމެންގެ މި ދެ ގައުމުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ތިން މައުޟޫޢު.

އިއްޒަތްތެރި ރައީސް،

ޓެރަރިޒަމަކީ އަޅުގަނޑުމެންނަށް މި ދުވަސްވަރު ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް.

މި ނުރައްކަލަކީ ވަކި ގައުމަކަށް، ނުވަތަ ވަކި ދީނަކަށް އޮތް ގޮންޖެހުމެއް ނޫން. މި ނުރައްކަލަކީ މުޅި އިންސާނީ ނަސްލަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް.

އެއްވެސް ދުވަހެއް ނުދޭ، އެއްވެސް ދުވަހެއް މިހާރު ފާއިތުވެގެން ނުދޭ، ޓެރަރިޒަމްގެ ސަބަބުން، ކޮންމެވެސް ތަނެއްގައި މައުސޫމު ފުރާނައެއް ގެއްލިގެން ނުދާ.

ޓެރަރިސްޓުންގެ އަމިއްލަ ބޭންކުތަކެއް ނުހުރޭ. އެމީހުންގެ އަތުގައި ރަންރިއްސާއި ޖަވާހިރު ނަގައި ފައްކާ ކުރާ ތަންތަނެއް ނެތް. ހަތިޔާރު އުފައްދާ ކާރުޚާނާތަކެއް ވެސް ނެތް. އެކަމަކުވެސް، އެމީހުންނަށް ފައިސާއާއި ހަތިޔާރު ލިބުމުގައި ދުވަހަކުވެސް ދައްޗެއް ކުރިމައްޗެއް ނުވޭ.

އެމީހުން އެތަކެތި ހޯދަނީ ކޮންތަނަކުން ތޯ؟ އެމީހުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެނީ ކޮން ބައެއް ތޯ؟

ޓެރަރިޒަމަށް ބައެއް ދައުލަތްތަކުން ދޭ "ސްޓޭޓް ސްޕޮންސަރޝިޕް" އެންމެ ބޮޑު ނުރައްކަލަކަށް ވެފައި ވަނީ.

މިއީ ވަރަށް ހިތާމަހުރި ކަމެއް. މިއަދުވެސް ބައެއް މީހުން، "ރަނގަޅު" ޓެރަރިސްޓުންނާއި "ގޯސް" ޓެރަރިސްޓުން، މިދެކޮޅުނުޖެހޭ މަފްހޫމުގައި، ޓެރަރިސްޓުންގެ ދެ ވައްތަރެއް ތިބޭ ކަމަށް ގަބޫލުކުރުމުގެ ގޯސް ހަދާކަން.

މިފަދަ، އަމިއްލަ ސިކުނޑީގައި އުފައްދާފައިވާ މަފްހޫމްތަކުގެ ތަފާތުތަކާ ބެހޭ ގޮތުން ބަހުސް ކުރުމުގައި އަޅުގަނޑުމެން މިވަނީ ވަރަށް ގިނަ ވަގުތު ގެއްލުވާލާފަ. ފެންގަނޑު މިހާރު މިދަނީ ނޭފަތަށް ވުރެ ވެސް މައްޗަށް އުފުލެމުން.

ޓެރަރިޒަމްގެ މި ގޮންޖެހުމާ ކުރިމަތިލުމަށް ޓަކައި، އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއް އެކުވެރިކަމާ އެކު ގުޅޭން އެބަ ޖެހޭ.

ޓެރަރިޒަމާއި ރެޑިކަލައިޒޭޝަނާ ދެކޮޅަށް ކުރާ މަސައްކަތާއި އެ މަސައްކަތުގެ ނިސްބަތަށް ބަލައިގެން، ގައުމެއްގެ ވެރިކަމުގައި ތިބި ބައެއްގެ ރަނގަޅު ނުރަނގަޅުކަން މިއަދު ކަނޑައެޅޭނީ.

މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރިމަތި ވަމުން ދާ ނުރައްކާތަކާ ބެހޭ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ވަނީ ވަރަށް ގިނަ މަހާސިންތާ ބޭއްވިފައި. އެ ގޮތަށް، ޓެރަރިޒަމާ ބެހޭ ގޮތުން ކީއްވެތޯ މިފަދަ މަހާސިންތާތައް ނުބާއްވަނީ؟

ކަމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކާއި ބޮޑެތި ގައުމުތަކުގެ ސަރުކާރުތަކަށް އަޅުގަނޑު ހުށަހަޅާނަން، ކަނޑައެޅިފައިވާ ތާވަލެއްގެ ތެރެއިން، ޓެރަރިޒަމުގެ މައްޗަށް، ބައިނަލްއަގްވާމީ މަހާސިންތާއެއް ބޭއްވުމަށް. ޓެރަރިސްޓުންނާއި އެމީހުންނަށް މަދަދު ދޭ ފަރާތްތަކުން، އެ ލޯވަޅުތަކުގެ ފައިދާ ނަގާ ލޯވަޅުތައް ބެއްދުމަށް، މާނަހުރި އަދި ނަތީޖާ ނެރެވޭ ފަދަ މަޝްވަރާތަކަކާއި ވިސްނުންތަކަކަށް މަގުފަހި ކުރުމަށް ޓަކައި.

އަޅުގަނޑުމެން މިހާރު އިތުރަށް ލަސްކޮށްފި ނަމަ، މިއަދު އަދި މިއަދުގެ ފަހުން އަންނަ ޖީލުތައް އަޅުގަނޑުމެންނަށް މާފެއް ނުކުރާނެ.

އިއްޒަތްތެރި ރައީސް،

އަޅުގަނޑު މޫސުމީ ބަދަލުތަކުގެ ވާހަކަ ފާހަގަ ކޮށްފިން. މީގައި ޝައްކެއް ނެތް. މި ހަގީގަތާ ކުރިމަތިލަމުން ކޮންމެ ދުވަހެއް އަޅުގަނޑުމެން ހޭދަ މި ކުރަނީ. ކޯރުތަކުގެ ފެން ހިނދުމާއި، މޫސުން ލަފާ ކުރާން ނޭނގުމަކީ އަޅުގަނޑުމެންގެ ދަނޑުވެރިކަމާއި ދަނޑުވެރީންނަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ހާލަތެއް.

އަދި އެއަށް ވުރެ ވެސް ބޮޑަށް، ގަނޑުފެން ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދިވެހިރާއްޖެ ފަދަ ގައުމުތައް ދެމިއޮތުމަށް ހުރި ނުރައްކަލަކަށް ވަނީ ވެފައި.

މުރަކައިގެ ޖަޒީރާތަކާއި ކަނޑުފަޅަށް، އެމީހުންގެ ދިރިއުޅުން ބަރޯސާކޮށްފައިވާ ފަރާތްތަކަށް، ކަނޑުފަޅު ތަޣައްޔަރު ވުމަކީ ކުރިމަތިވެފައި އޮތް ބޮޑު ނުރައްކަލެއް.

އިއްޒަތްތެރި ރައީސް،

މަނިކުފާނު ވަނީ ކަނޑުގެ އަޑީގައި، ދުނިޔޭގައި ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުން ބާއްވައިގެން، މި ނުރައްކާތަކަށް ދުނިޔޭގެ ސަމާލުކަން ހޯއްދަވާފަ. އެކަން ހަނދާން ނެތޭނީ ކާކު ތޯ؟

ދިވެހިރާއްޖެއިން ވަނީ ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމުގެ ގޮތުން މިސާލަކަށް ބެލޭ ފަދަ ތަފާތު އެތައް ކަމެއްގައި އިސްނަގާފަ.

އަޅުގަނޑު އުފާކުރަން. ދިވެހިރާއްޖެއިން "އިންޓަނޭޝަނަލް ސޯލަރ އެލަޔަންސާ" ގުޅުނީތީ.

އިންޑިޔާގެ އިސްނެގުމާ އެކު މި ނެގި ފިޔަވަޅުގެ ސަބަބުން، އަޅުގަނޑުމެންގެ މި ދުނިޔެ ސަލާމަތް ކުރުމަށް އަމަލީ ފިޔަވަޅުތަކެއް އަޅާނޭ މަންސައެއް އެތައް ގައުމަކަށް މި ވަނީ ހޯދައިދެވިފަ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނޭ އެތައް ނުރައްކަލެއް އިޔާދަ ކުރަނިވި ހަކަތައިގެ ބޭނުން ކޮށްގެން ކުޑަ ކުރެވިދާނެ.

2022 ވަނަ އަހަރާ ހަމަޔަށް އަންނައިރު 175 ގިގަވޮޓުގެ ހަކަތަ އިޔާދަ ކުރެވޭ ހަކަތައިން އުފެއްދުމަށް އިންޑިޔާއިން އަމާޒު ހިފާފައިވާކަން މި އިއްޒަތްތެރި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ.

އަދި މިއަދު އިންޑިޔާގެ އެހީތެރިކަމާ އެކު މާލޭގެ މަގުތަކުގައި ބޭނުން ކުރުމަށް ތިމާވެއްޓާ ރައްޓެހި 2500 ލެޑްލައިޓް ވަނީ ފޯރުކޮށްދެވިފައި. އަދި ދެ ލައްކައަށް ވުރެ ގިނަ ލެޑް ބޮކި ވަނީ ދިވެހިރާއްޖޭގެ ގޭބިސީތަކާއި ފިހާރަތައް އުޖާލާ ކުރުމަށް ޓަކައި ގެނެވިފަ.

މިއިން ކަރަންޓުގެ ހަކަތަ ބޭނުން ކުރާ ވަރު މަދު ވާނެ. އަދި ޚަރަދު ކުޑަ ވާނެ. އަދި މީގެ ސަބަބުން ތިމާވެށްޓަށް ވެސް ފައިދާ ކުރާނެ.

ތިމާވެށްޓާ ގުޅުން ހުރި ކަންކަމުގައި، ކުދި ރަށްތަކުގެ ކަންބޮޑުވުންތަކާއި ބޭނުންތަކަށް އިންޑިޔާއިން ވަނީ ހާއްސަ ސަމާލުކަމެއް ދީފަ.

އަމަލީ ގޮތުން މިކަންކަމުގައި އެހީތެރިވުމުގެ އިތުރުން އިންޑިޔާއިން ދަނީ ބައިނަލްއަގްވާމީ އެކި ބައްދަލުވުންތަކުގައި މިކަމަށް އަޑު ވެސް އުފުލަމުން.

ކޮންމެއަކަސް މި ކަމުގައި އެންމެން ބައިވެރިވުން މުހިއްމު. އޭރުން މިކަމުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ނަތީޖާއެއް ހާސިލު ކުރެވޭނީ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އޮތް ގޮން ޖެހުންތަކާ ކުރިމަތިލުމަށް އޮތް ހަމަ އެކަނި ގޮތަކީ ޓެކްނޮލޮޖީގެ ރޮނގުން ހޯދޭ ހައްލުތައް އެކަނި ކަމަށް ވިސްނުމަކީ ގޯހެއް.

މޫސުމީ ބަދަލުތަކުގެ ނުރައްކާތަކުން ސަލާމަތް ވުމަކީ، އަޅުގަނޑުމެން ކަންކަމާ ކުރިމަތި ލާ ގޮތާއި، ކަންކަމާ މެދު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އުޅުމާއި މުޖުތަމައަށް ބަދަލު ނުގެނެސް، ކުރެވޭނޭ ކަމެއް ނޫން.

ގަދީމީ އިންޑިޔާގެ ފަލްސަފާގައި އޮންނަ ގޮތުން ބިމަކީ އަހަރެމެންގެ މަންމަ. އަދި އަހަރެމެން އެންމެންނަކީ އެ ބިމުގެ ދަރީން. މި ބިމަކީ އަހަރެމެންގެ މަންމަ ކަމަށް އަހަރެމެން ބަލާ ނަމަ، އަހަރެމެން އެ ބިމަށް އިހުތިރާމުކޮށް ބިން ހިމާޔަތް ކުރާނެ. އެބިމަށް ދުވަހަކުވެސް ގެއްލުމެއް ނުދޭނެ.

އަޅުގަނޑުމެން ދަންނަން ޖެހޭ، މި ބިމަކީ އަހަރެމެންގެ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ތަރިކައެއް ކަން. އަޅުގަނޑުމެންނަކީ މިބިމުގެ ވެރީންނެއް ނޫން. އެކަމަކު ހަވާލުދާރުން.

އިއްޒަތްތެރި ރައީސް،

ތިންވަނަ މައުޟޫޢަކީ އިންޑޯ-ޕެސިފިކް ސަރަޙައްދު. އަޅުގަނޑުމެން ހިއްސާ ކުރާ ސަރަޙައްދު. މިއީ ދުނިޔޭގެ އާބާދީގެ 50% މީހުން ދިރިއުޅޭ ސަރަހައްދު. ތަފާތު ދީންތަކާއި، ސަގާފަތްތަކާއި، ބަސްތަކާއި، ތާރީޚުތަކާއި ސިޔާސީ އަދި އިގްތިސާދީ އެތައް ނިޒާމެއް މި ސަރަހައްދުގައި އެބަ އޮތް. ހަމަ އެހެންމެ މިއީ ޖަވާބު ނުލިބޭ އެތައް ސުވާލަކާއި ހައްލު ނުކުރެވި އޮތް އެތައް މައްސަލައެއް ވެސް އޮތް ސަރަހައްދެއް.

އިންޑޯ-ޕެސިފިކް ސަރަހައްދަކީ އަޅުގަނޑުމެން ދެމި ތިބުމަށް ޓަކައި އަޅުގަނޑުމެންނާ ވަކި ނުކުރެވޭނެ ބައެއް. އެއީ އަޅުގަނޑުމެންގެ ލޭނާރު. އެއީ އަޅުގަނޑުމެންގެ ކުރިއެރުމާއި ވިޔަފާރިޔަށް ބޭނުންކުރާން އޮތް ރަސްމަގު.

ހުރިހާ މާނައެއްގައި ވެސް އެއީ އަހަރެމެން ހިއްސާ ކުރާ މުސްތަގުބަލުގެ ތަޅުދަނޑި.

އަދި އެހެންވެ، އަޅުގަނޑު ޖޫން 2018 ގައި، ސިންގަޕޫރުގައި ވާހަކަދައްކަމުން، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ހުޅުވިފައި އޮތުމަށާއި، އެއްބައިވަންތަކާއި ހަމަޖެހުން ޔަގީން ކުރުމަށް، އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ބާރު އެޅިން.

މި ގޮތަށް ކަންތައް ކުރުމުން ގައުމުތަކުގެ މެދުގައި އިތުބާރު އުފެދޭނެ. މި ގޮތުން އަޅުގަނޑުމެންނަށް ގާނޫނުގެ މައްޗަށް ގާއިމުވެފައި އޮންނަ ވެރިކަމާއި ގިނަ ގައުމުތައް އެކުލެވިގެން އޮންނަ ސަރަހައްދެއްގެ ގޮތުގައި ކުރިޔަށް ދެވޭނީ.

އިއްޒަތްތެރި ރައީސް،

4 އަހަރު ކުރީން، އަޅުގަނޑު ވަނީ އިންޑިޔާ ކަނޑުގެ ސަރަހައްދާ މެދު، ސާގަރް، އެސް.އޭ.ގީ.އޭ.އާރް. މި ތަސައްވުރަކާއި މަފްހޫމު ހުށަހަޅާފައި. ސާގަރް މި ލަފްޒަކީ ހިންދީ ބަހުން ކަނޑުގެ މާނައިގައި ބޭނުން ކުރެވޭ ލަފްޒެއް. ސާގަރް ނުވަތަ އެސް.އޭ.ގީ.އޭ.އާރް. މި އަކުރުތައް ބިނާ ވެގެންވަނީ "ސެކިއުރިޓީ އެންޑް ގްރޯވްތް ފޯ އޯލް އިން ދަ ރީޖަން." މި އިބާރާތަށް.

މިއީ އަޅުގަނޑުމެންގެ އިންޑޯ-ޕެސިފިކް ސަރަހައްދުގެ އެއްބާރުލުމުގެ ދެލި ކޮޕީ. މި އެކުވި މަފްހޫމަށް މިއަދު އަދިވެސް ބާރު އަޅާން އަޅުގަނޑު ބޭނުން.

މިއަދު އަޅުގަނޑު މިކަން ވެސް ފާހަގަކޮށްލަން ބޭނުން، އިންޑިޔާއިން، އިންޑިޔާއަށް ލިބިފައިވާ ބާރާއި، ގާބިލިއްޔަތު ބޭނުން ކުރާނީ ހަމަ އެކަނި އިންޑިޔާގެ ކުރިއެރުމާއި ސަލާމަތީ ކަންކަމަށް އެކަނި ނޫން ކަން.

އަދި ކީއްތޯ، އެހެން ގައުމުތަކުގެ ގާބިލިއްޔަތު ތަރައްގީ ކުރުމަށް ވެސް މިކަންކަން އަޅުގަނޑުމެން ބޭނުންކުރާނެ. ކާރިސާތަކުގެ ވަގުތުތަކުގައި އަދި އިންސާނީ އެހީއަށް ބޭނުންވާ ހުރިހާ ވަގުތެއްގައި އެހީވުމަށް ވެސް ބޭނުންކުރާނެ. އަދި ގުޅިފައިވާ ސަލާމަތީ ކަންކަމާއި، އަޅުގަނޑުމެން އެކު އެކީ ހިއްސާ ކުރާ ކުރިއެރުމާއި އުޖާލާ ކުރިމަގަކަށް ޓަކައި ވެސް ބޭނުންކުރާނެ.

ގާބިލުކަންހުރި، ވަރުގަދަ، އަދި ކުރިއަރާފައިވާ އިންޑިޔާއަކީ ހަމަ އެކަނި ސައުތު އޭޝިޔާ އާއި އިންޑޯ-ޕެސިފް ސަރަހައްދަކަށް ނޫން، އެކަމަކު މުޅި ދުނިޔެއަށް ވެސް ސުލްހައާއި ތަރައްގީއާއި ސަލާމަތުގައި އެހީތެރިވާނޭ ތަނބެއް.

އިއްޒަތްތެރި ރައީސް،

މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ޓަކައި، އަދި ނޫ އިގްތިސާދުގެ ފައިދާ ހޯދުމުގައި އެއްބާރުލުން ހޯދުމަށް، އިންޑިޔާއަށް ދިވެހިރާއްޖެ ފަދަ މުނާސިބު އެހެން ބައިވެރިޔަކު ނުލިބޭނެ.

ސަބަބަކީ، އަޅުގަނޑުމެންނަކީ ކަނޑުގެ ގޮތުން އަވަށްޓެރީން.

ސަބަބަކީ، އަޅުގަނޑުމެންނަކީ މިތުރުން.

އަދި ރަހުމަތްތެރިކަމުގައި ބޮޑުވުމާއި ކުޑަވުމެއް. ބާރުދެރަވުމާއި ބާރުގަދަކަމެއް ނޯވޭ.

ސުލްހަވެރި އަދި ކުރިއެރުން ލިބިފައިވާ އަވަށްޓެރިކަމެއްގެ ބިންގަލަކީ އިތުބާރާއި ހެޔޮނިޔަތާއި އެއްބާރުލުން.

އަދި މި އިތުބާރު އުފެދިގެން އަންނަނީ ދެ ފަރާތުން ވެސް އެއްބަޔަކު އަނެއް ބަޔެއްގެ ކަންބޮޑުވުންތަކާއި ޝައުގުވެރިވާކަންކަމަށް ހޭލައި ތިބެގެން. އޭރުން ދެ ފަރާތަށް ވެސް އިތުރު ކުރިއެރުމާއި ސަލާމަތީ ގޮތުން އިތުރު ވަރުގަދަކަން ހޯދޭނެ.

އެކަން ހަގީގަތަކަށް ވާނީ، އަޅުގަނޑުމެން ފަސޭހަ ވަގުތުތަކެކޭ އެއްފަދައިން، އުނދަގޫ ވަގުތުތަކުގައި ވެސް ދެ ފަރާތުގެ އިތުބާރު ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްގެން.

އިއްޒަތްތެރި ރައީސް،

"ވަސުދައިވް ކުތުމްބަކަމް" އަކީ އަޅުގަނޑުމެންގެ ފަލްސަފާ އާއި ސިޔާސަތު. މީގެ މާނައަކީ "މުޅި ދުނިޔެއަކީ އެއް އާއިލާއެކޭ".

އަޅުގަނޑުމެންގެ ޒަމާނުގެ އެންމެ މަތިވެރި ޝަހުސިއްޔަތު ކަމުގައިވާ މަހާތުމާ ގާނދީ ވިދާޅުވެފައި ވަނީ "އަހަރެމެންގެ އަވަށްޓެރީންނަށް އަހަރެމެންގެ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެއްވެސް ހިފެހެއްޓުމެއް އޮވެގެން ނުވާނެ." ކަމަށް.

އިންޑިޔާއިން ވަނީ އަބަދުވެސް އިންޑިޔާއަށް ހާސިލު ކުރެވޭ ކަންކަން ދުނިޔެއާ ހިއްސާކޮށްފަ. ހާއްސަކޮށް އަވަށްޓެރީންނާ ހިއްސާކޮށްފަ.

އެހެންކަމުން އަޅުގަނޑުމެންގެ ތަރައްގީގެ ބައިވެރިވުމަކީ، މީހުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ކުރާ ކަމެއް. އެއީ މީހުންގެ ބާރު ނައްތާލައި ނިކަމެތި ކުރުމަށް ކުރިޔަށް ގެންދާ ކަމެއް ނޫން. އަދި އެއީ އެމީހުން އަހަރެމެންގެ މައްޗަށް ބަރޯސާ ކުރުވުން އިތުރު ކުރުމަށް ކުރާ ކަމެއް ވެސް ނޫން.

އަންނާން ހުރި ޖީލުތަކުގެ ކޮނޑުގައި ނޫފުލޭ ފަދަ ބޮޑެތި ދަރަނިތައް އެޅުވުމަށް ކުރާ ކަމެއް ވެސް ނޫން.

އިއްޒަތްތެރި ރައީސް،

މިއީ އޮޅުންބޮޑު ބަދަލުތަކާއި ގޮންޖެހުންތަކުން ފުރިފައިވާ ޒަމާނެއް.

ކޮންމެއަކަސް، ގޮންޖެހުންތަކުން ވެސް ފުރުސަތުތައް ތަނަވަސްވޭ.

މިއަދު އިންޑިޔާއާއި ދިވެހިރާއްޖެއަށް މި ވަނީ:

- ރަނގަޅު ރަޙުމަތްތެރީން އަދި އަވަށްޓެރީންގެ ގޮތުގައި ތިބުމަށް އެކަށޭނަ މާހައުލެއް ތަނަވަސް ކުރުމުގެ ފުރުސަތު ލިބިފަ.

- އަޅުގަނޑުމެން ދެ ގައުމުގެ މީހުންގެ އިގްތިސާދީ އިޖްތިމާއީ އަދި ސިޔާސީ އުންމީދުތައް ހާސިލު ކުރެވޭނެހެން އެއްބާރުލުމުގެ ތެރެއިން ކުރިއެރުން ހޯދުމުގެ ފުރުސަތު ލިބިފަ.

- އަޅުގަނޑުމެންގެ މި ސަރަހައްދުގެ ސަލާމަތާއި ސުލްހައާއި ހަމަޖެހުން ކަށަވަރު ކުރުމަށް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފަ.

- ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ، މި ކަނޑުމަގުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ފުރުސަތު ލިބިފަ.

- ޓެރަރިޒަމް ބަލިކޮށްލުމުގެ ފުރުސަތު ލިބިފަ.

- ޓެރަރިޒަމާއި ހައްދުފަހަނައެޅުމަށް ވާގިވެރިވާ ބާރުތައް ދުރުކުރުމުގެ ފުރުސަތު ލިބިފަ.

- ސިއްހީ ގޮތުން ރަނގަޅު ސާފު ވެށްޓަކަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ ފުރުސަތު ލިބިފަ.

އަޅުގަނޑުމެންގެ ރައްޔިތުންނާއި ތާރީޚު އެދެނީ، އަޅުގަނޑުމެން، މި ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުމަށް. މިއިން އެއްވެސް ފުރުސަތެއް ގެއްލިގެން ދިޔަ ނުދިނުމަށް. އަދި އޭގެ ފުރިހަމަ ފައިދާ ލިބިގަތުމަށް.

މިކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި ދިވެހިރާއްޖެއާ އެކު އޮތް އަގުހުރި ރަހުމަތްތެރިކަން އިތުރަށް ފުޅާކުރުމަށް އިންޑިޔާ އޮތީ ސާބިތުކަމާ އެކުގަ.

މިއަދު މި ވައުދު ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އަދިވެސް އެއްފަހަރު ތަކުރާރުކޮށްލަން.

އަޅުގަނޑަށް ތިޔަ ބޭފުޅުންވަނީ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ހުއްޓިހުރެ ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފަ. އަދިވެސް އެއްފަހަރު މި ޝަރަފު އަޅުގަނޑަށް ދެއްވީތީ ޝުކުރިއްޔާ!

ތިޔަ ބޭފުޅުންގެ ރަހުމަތްތެރިކަމަށް ޓަކައި ޝުކުރިއްޔާ!

ވަރަށް ބޮޑަށް ޝުކުރިއްޔާ!

- ނިމުނީ -

comment ކޮމެންޓް