މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ 75 ޕަސެންޓް އެމްޑީޕީއަށް ދޭން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

ރައްޔިތުން މަޖިލީހުގެ ދާއިމީ 16 ކޮމިޓީގެ މެންބަރުންގެ 75 ޕަސެންޓް އެމްޑީޕީއަށް ލިބޭ ގޮތަށް، ކޮމިޓީތަކުގެ ފޯމޭޝަން ކަނޑައަޅަން، ކޮމިޓީތައް އެކުލަވާލަން ނަގާފައިވާ ވަގުތީ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޓީއިން މިއަދު ނިންމި ނިންމުމުގައިވާ ގޮތުގައި، ދާއިމީ 16 ކޮމިޓީއެއްގައި ޖުމްލަ 176 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން އެމްޑީޕީއަށް 132 ސީޓް ލިބޭނެ އެވެ. އެއީ ކޮމިޓީތަކުގެ 75 ޕަސެންޓެވެ. ޖޭޕީ އާއި ޕީޕީއެމްއިން ކުރެ ކޮންމެ ޕާޓީއަކަށް ކޮމިޓީތަކުގެ ހަ ޕަސެންޓް ލިބޭ އިރު، އޭގެއިން ކޮންމެ ޕާޓީއަކަށް ކޮމިޓީތަކުން ލިބޭނީ ޖުމްލަ 10 ސީޓެވެ.

ޕީއެންސީއަށް ކޮމިޓީތަކުން ޖުމްލަ ހަ ސީޓް ކަނޑައެޅިއިރު، އެމްޑީއޭއަށް ހަތަރު ސްލޮޓް އަދި އަމިއްލަ މެންބަރުންނަށް ޖުމްލަ 14 ސީޓް ކޮމިޓީތަކުން ލިބޭނެ އެވެ.

ވަކިވަކި ކޮމިޓީތަކަށް ބަލާއިރު ހަތަރު ކޮމިޓީއެއް ފިޔަވާ، ކޮންމެ ކޮމިޓީއެއްގައި ވެސް އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރަކު ތިއްބަވާނެ އެވެ. އަދި ޖުމްލަ 13 މެންބަރުން ހިމެނޭ އަނެއް ހަތަރު ކޮމިޓީގައި އެމްޑީޕީގެ ނުވަ މެންބަރުން ތިއްބަވަ އެވެ.

އެންމެ މެންބަރުން ގިނައީ މާލިއްޔަތު ކޮމިޓީގަ އެވެ. އެ ކޮމިޓީގައި ޖުމްލަ 14 މެންބަރުން ތިއްބަވާއިރު، އެމްޑީޕީގެ ނުވަ މެންބަރުން އެ ކޮމިޓީގައި ތިއްބަވަ އެވެ. ދެން ބާކީ ތިބެނީ އެހެން ޕާޓީތަކާއި މިނިވަން މެންބަރުން ކުރެ ކޮންމެ ޕާޓީއަކުން މެންބަރަކެވެ.

މީގެ އިތުރުން ގާނޫނު އަސާސީއިން ބާރުލިބިގެން އުފައްދާފައިވާ،241 ކޮމެޓީގެ އަގުލަބިއްޔަތު ވެސް ވަނީ އެމްޑީޕީއަށް ދޭން އިއްޔެ ނިންމައިފަ އެވެ. އެއީ، އެމްޑީޕީގެ އަށް މެމްބަރުން އަދި އެހެން ޕާޓީތަކާއި އަމިއްލަ މެމްބަރުންގެ ތެރެއިން އެ ކޮމިޓީއަށް އެއް މެމްބަރަކު ހަމަޖައްސާނެ އެވެ. އެ ކޮމެޓީގެ ޖުމްލަ އަދަދަކީ 13 މެމްބަރުންނެވެ. އެއާ އެކު އެ ކޮމިޓީގެ އަގުލަބިއްޔަތު ވެސް ލިބެނީ އެމްޑީޕީއަށެވެ.

comment ކޮމެންޓް