ޕީޕީއެމްއަށް މި ހަފްތާތެރޭ ފައިސާ ޖަމާކޮށްދޭނަން: ފިނޭންސް

ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: އެ ޕާޓީއަށް ދައުލަތުން ދޭން ޖެހޭ ފައިސާ މި ހަފްތާތެރޭ ޖަމާކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނޭ -- ފައިލް ފޮޓޯ/ރައީސް އޮފީސް

އިދިކޮޅު މައި ސިޔާސީ ޕާޓީ ޕީޕީއެމްއަށް ދައުލަތުން ދޭންޖެހޭ ފައިސާ މިހަފްތާ ތެރޭ ޖަމާކޮށްދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށެވެ. އެއީ އެމްޑީޕީ ޕީޕީއެމް ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިދިޔަ މަހު 16 ވަނަ ދުވަހު ފައިސާ ޖަމާކޮށްދިނުމަށް އެދުނު ޕާޓީތަކުގެ ތެރޭގައި ޕީޕީއެމް ނުހިމެނެ އެވެ. ނަމަވެސް ފަހުން އީސީއިން ވަނީ ޕީޕީއެމްއާއެކު ހަތަރު ސިޔާސީ ޕާޓީއަށް ފައިސާ ދިނުމަށް އެދި ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ޕީޕީއެމް ފައިސާ ދިނުމަށް އެދި އީސީ އިން އެދިފައިވަނީ މިއަދު ކަމަށާއި މިހާރު އެ ޕާޓީއަށް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޕީޕީއެމަށް ފައިސާ ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުން މިއަދު ފިނޭންސަށް ވަނީ ލިބިފައި. އެހެންކަމުން އެ ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އެ ފައިސާ މި ހަފްތާގައި ޕީޕީއެމަށް ޖަމާކޮށްދޭނަން،" ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

https://sun.mv/119600

އޭނާ ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް ފައިސާ ޖަމާކޮށްދީފައި ވަނީ އީސީން ހުށަހެޅި ތިން ޕާޓީއަކަށް ކަމަށެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް 12.7 މިލިއަން، ޖުމްހޫރީ ޕާޓީ އަށް 2.05 މިލިއަން އަދި އެމްޑީއޭ އަށް 2.03 މިލިއަން ރުފިޔާ އެވެ.

ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނުން ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދަކީ، 9.28 މިލިއަން ރުފިޔާ އެވެ. ޕީޕީއެމަށް ފައިސާ ނުދީ މަޑު ޖައްސަލާފައި ވަނީ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އަހަރީ ރިޕޯޓު އަލުން އިސްލާހު ކުރުމަށް އަންގާފައިވާތީ ކަމަށް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ނުވަ ސިޔަސީ ޕާޓީތަކުގެ ތެރެއިން މިއަހަރު ބަޖެޓް ފާސް ކުރި އިރު، 10،000 މީހުން ހަމަވެފައި ވަނީ ހަތަރު ސިޔާސީ ޕާޓީ އަކަށެވެ.

ހަތަރު ސިޔާސީ ޕާޓީއަށް 26.2 މިލިއަން ރުފިޔާ ދައުލަތުން ދޭން މިއަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.

https://sun.mv/119244

comment ކޮމެންޓް