ޝުކުރިއްޔާ! އަދި މި ކަން ވެސް...

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިލޯނުގެ ބޮޑު މަގަކުން، އެކުވެރިއަކާއެކު ހިނގާފައި ދިޔަ ދުވަހެކެވެ. ވަކި ހިސާބަކަށް ގޮސްފައި، ކުއްލިއަކަށް މަގު ހުރަސްކޮށްލާން އެކުވެރިޔާ ބޭނުން ވެއްޖެއެވެ. މަގުގެ އަނެއް ފަޅީން، މާ ބޮޑު ފިހާރައެއް ފެނިގެން ވަދެލާ ހިތްވީއެވެ.

ލޮލުގައި ފިހާރަ އަޅައިގަތް ހިސާބުން، މަގު ހުރަސްކޮށްލާން އޭނާ ހިފައިލިއެވެ. ވަގުތުން އަތުގައި ހިފަހައްޓައިފީމެވެ. ތިހެން ހުރަހެއް ނުކުރެވޭނެއޭ ބުނަމުންނެވެ. މަގު ހުރަސްކުރާން ހާއްސަ ކަފިހިހުރަސްތައް ހުންނާނެ ކަމަށާއި ޖެހުނު ދިމާއަކުން ހުރަސް ކުރާން ހަދައިގެން، ކިތައްމެ ނުރައްކާތެރި ހާދިސާއެއް ވެސް ހިނގައިފާނެއޭ ބުނީމެވެ.

އެންމެ ކައިރިން ފެންނާން އޮތް، ކަފިހިހުރަހާ ދިމާއަށް ހިނގައްޖައީމެވެ. މަގުގައި ބަސްތަކާއި ކާރުތަކާއި ކުރޮޅިތައް، ހަލުއި ކަމާއެކު، ކޮޅުކޮޅަށް ދުއްވަމުންދިޔައެވެ. ބޫންބޫން ލާފައެވެ. އަޑުގައި ނެތް ތަނަށް ބަރުގޮނު އަޅަމުން، ކަންފަތަށް ނުކުޅަދާނަ ކުރަމުންނެވެ.

އެހެންނަމަވެސް މަގު ހުރަސްކުރުމަށް ޓަކައި، ކަފިހިހުރަސްމަތީގައި އެޅި ފުރަތަމަ ފިޔަވަޅާއެކު، އެހެރަ ބޮޑެތި ބަސްތައް ކަފިހިހުރަހާ ހަމައިގައި، ކިޔަމަންތެރިކަމާއެކު މަޑުކުރާން ފަށައިފިއެވެ. ކާރެއް، ވޭނެއް، ސައިކަލެއް، ކިޔާނެކަމެއް ނެތެވެ. މަޑުކުރެއެވެ. މަގުހުރަސްކުރަމުން ގެންދިޔަ މީހުންނަށް، އަދަބު އިހުތިރާމް އަދާ ކުރަމުންނެވެ. އެ ތަކެތީގެ ހަރު ދުވެލީގައި ދަތުރަށް ފެށީ، ކަފިހިހުރަސް މަތީން މީހުން ހުސްވުމުންނެވެ.

"ހާދަ ފައްކަލޭ ދޯ! މިއީ އަހަރެމެންގެ ރާއްޖެއިން ނުފެންނަ މަންޒަރެއް." މަގު ހުރަސްކޮށް، އަނެއް ފަރާތު ދުވާރު މައްޗަށް އެރުމަށް ފަހު، އެނބުރި މަގަށް ބަލައިލަމުން، އެކުވެރިޔާ ހިނިތުންވެލާފައި ބުނެލިއެވެ.

އެކުވެރިޔާ އެ ބުނީ ރަނގަޅު ވާހަކައެކެވެ. އެއީ އެ ދުވަހު ރާއްޖޭގެ، ހާއްސަކޮށް މާލޭގެ މަގުތަކުގެ ހާލަތު އޮތްގޮތެވެ. މިއަދުގެ ވާހައެއް ނޫނެވެ. އޭރު މާލޭގެ މަގުތަކުން މަދު ފަހަރަކު ނޫނީ، އެކަހަލަ ހިތްފަސޭހަ މަންޒަރެއް ނުފެނެއެވެ. ދުރަށް ފެންނާނޭ ހެން، ރީދޫ ކުލައާއި ކަޅު ކުލައިން، ބައެއް ފަހަރު ހުދުކުލައާއި ކަޅުކުލައިން ކަފިހިހުރަސްތައް ކުރަހައިފައި ހުރެއެވެ. އެހެންނަމަވެސް މަގު ހުރަސްކުރާ މީހުންގެ ތެރެއިން ވެސް، ދުއްވާ މީހުންގެ ތެރެއިން ވެސް، މަދު މީހަކަށް ނޫނީ އެއެއް ނުފެނެއެވެ. ފެނުނަސް ފެންނަ ކަމަކަށް ނަހަދައެވެ. އެ ފަދަ ދުވަސްތަކެއް މާޒީވެ ހިނގާއްޖެއެވެ. މިއަދު ފެންނަނީ އެ މަންޒަރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ތަނެވެ.

މިއަދު މާލޭގެ މަގުތަކުން ފެންނަނީ، ކަފިހިހުރަސްމަތީން މަގު ހުރަސްކުރާ މީހުންނަށް، ދުއްވާ މީހުން ކުރާ އިހުތިރާމާއި ގަދަރުގެ ހިތްގައިމު މަންޒަރެވެ. ޒުވާނެއްކަމަށް ވިޔަސް، ހަރު މީހެއް ކަމަށް ވިޔަސް، މަގު ހުރަސް ކުރާ މީހުންނަށް ޖާގަދީފައި، ކެތްތެރިކަމާއެކު މަޑުކޮށްލާ ތަނެވެ. ކާރާއި ސައިކަލެވެ. ޕިކަޕާއި ލޮރީއެވެ. ވޭނާއި ޖިޕެވެ. އެހެނިހެން އުޅަނދުފަހަރު ވެސް މެއެވެ. ހިނގާބިނގާވާ މީހުންގެ ރައްކާތެރިކަމަށް، ހާއްސަ ސަމާލުކަމެއް ދެމުންނެވެ. އެހެންކަމުން، މަގު ހުރަސްކުރާ ކޮންމެ ފަހަރަކު، ކަފިހިހުރަސް އިޚުތިޔާރުކުރާން، ވީހައިވެސް ބޮޑަކަށް އިސްކަންދޭށެވެ! ޖެހުނު ކޮންމެ ދިމާއެއްގައި، ޚިޔާލީ ކަފިހިހުރަހެއް ކުރަހާން ނަހަދާށެވެ.

މަގުމަތީގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަށް ކަނޑައެޅިފައިވާ، ހާއްސަ ގަވާއިދުތަކެއް ހުރެއެވެ. ދުއްވާން ޖެހެނީ މަގުގެ ކޮން ފަޅިއަކުންކަމާއި ކިހައި ބާރުމިނެއްގައި ކަމާއި ސިގުނަލް ދިނުމާއި ބަރުގޮނު އެޅުމާއި މި ފަދަ ކޮންމެ ކަމަކަށް، ގަވާއިދުތައް ހަދާފައި ހުރެއެވެ. މި ގަވާއދުތަކަށް ދުއްވާ މީހުން، ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ހާއްސަކޮށް، ދުއްވާންޖެހޭ މިންގަނޑަށް ދޭ ސަމާލުކަން، މިހާރަށްވުރެ ބޮޑަށް އިތުރުކުރާން އެބަ ޖެހެއެވެ. އަމިއްލަ ރައްކާތެރިކަމަށާއި އަނެކާގެ ސަލާމަތަށް ޓަކައެވެ. ބައެއް މީހުން ސައިކަލުގައި ދާއިރު، ބިރުން ފިތްކަނޑައިގެން ދާހައި ބާރަށް ދުއްވާތަން ފެނެއެވެ. މިހިރަ ހަނި އަދި ކާރޫބާރޫ ބޮޑު މަގުތަކުގައި، ސާޅީސް، ފަންސާހުގައި ދުއްވާފައި ދާން ހެޔޮވާނޭ ހެއްޔެވެ؟

ބާރަށް ދުއްވާފައި ދާއިރު، އެ ވަގުތުކޮޅު ވަރަށް މަޖާ ވެސް ވެދާނެވެ. ހިތްހަމަޖެހޭ ކަމަކަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް ޖެހިގެން އަންނަ ސިކުންތުގައި، މުޅި މަންޒަރު، ހިތާމައިގެ ކަޅުކުލައިން ފެވިދާނެކަން، ހަނދާނުން ކައްސާލިޔަ ނުދޭށެވެ! ވަގުތީ ގޮތުން ލިބުނު ހިތްހަމަޖެހުން، މުޅި އުމުރުގެ ހިތާމައަކަށް ވެދާނެކަން، ހަނދާން ބަހައްޓާށެވެ! ތިމާގެ އަމިއްލަ ނަފުސު ކަތިލެވިދާނެއެވެ. ނުވަތަ ކުށެއް ނެތް މައުސޫމު މީހެއްގެ އުފާވެރި ޙަޔާތް އަނދައި އަޅިއަށް ވެދާނެއެވެ. މިހިރަމިހިރަ ކަންކަމަކީ، ހިނގާފައި ހުރި ކަންކަން ވެސް މެއެވެ.

މީގެ އަހަރުތަކެއް ކުރީން، ލަންކާގެ މަގުމަތީން އެކުވެރިޔާއަށް ފެނުނު ރީތި ސިފަ، މިއަދު މާލޭގެ މަގުމަތީން އެބަ ފެނެއެވެ. އެ މަންޒަރު އެ އެކުވެރިޔާއަށް ފެނިއްޖެ ނަމަ، އުފާކުރާނެ ކަމަށް ގަބޫލު ކުރެވެއެވެ. ދެން ހުރި ކަންކަމަށް ވެސް ހެޔޮ ބަދަލު ގެންނާށެވެ. އެކަންކަން ވެސް އުފަލާއެކު ބަލައިގަންނާނެއެވެ. މަގުމަތީގައި ދުއްވާ ތަކެތި ކިތައްމެ ގިނަޔަސް، ރައްކާތެރިކަމާމެދު އޮންނަ އިތުބާރު ބޮޑުވާނީ އޭރުންނެވެ. އޭރުން މިއަދަށްވުރެ އަމާން މަގުތަކެއް، މާދަމާ ފެންނާން ފަށާނެއެވެ.

comment ކޮމެންޓް