ނެދަލެންޑު ބަލިކޮށް ޕޯޗުގަލްއިން ނޭޝަންސް ލީގުގެ ތަށި އުފުލާލައިފި

ޕޯޗުގަލްގެ ފޯވާޑް ގޮންސާލޯ ގުއެޑެސް ނެދަލެންޑު ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ--- ފޮޓޯ/ހެރީ ވެސްޓް

ރޭ ކުޅުނު ފައިނަލުގައި ނެދަލެންޑު ބަލިކޮށް ޕޯޗުގަލް އިން ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޕޯޗުގަލްގެ އެސްޓާޑިއޯ ޑެ ޑްރެގޯގައި ރޭ ކުޅުނު ފައިނަލުން ނެދަލެންޑުގެ މައްޗަށް ޕޯޗުގަލްއިން ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި ތައްޓާ އެކު ޕޯޗުގަލް އިން ވަނީ އެމީހުންގެ އިންޓަނޭޝަނަލް ޓްރޮފީގެ އަދަދު ދެ ތަށްޓަށް އިތުރު ކޮށްފަ އެވެ. އެ ޓީމަށް ލިބުނު ފުރަތަމަ ތައްޓަކީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ތައްޓެވެ.

ޔޫއެފާ ނޭޝަންސް ކަޕުގައި ރޭ ނެދަލެންޑާއި ޕޯޗުގަލް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑޮމް ފެރަލް

ޕޯޗުގަލް އިން މިފަހަރުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ސުވިޒަލެންޑު ކަޓުވައިލުމަށް ފަހު އެވެ. އެ މެޗު 1-3ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބު ކުރި އިރު އެ ޓީމުން ޖެހި ތިން ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ ރޭގެ ފައިނަލު މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ.

ނެދަލެންޑުން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި އިނގިރޭސި ވިލާތް ބަލިކޮށްގެންނެވެ. އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނެދަލެންޑުން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު ވެސް 1-1 އިން އެއްވަރުވެފައި ވާތީ ކުޅުނު އިތުރު ވަގުތުގަ އެވެ.

ރޭ ކުޅުނު ފައިނަލު މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ޕޯޗުގަލްއިން ލިބޭ ކައުންޓާ އެޓޭކުތަކުގައި ނެދަލެންޑުގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ނެދަލެންޑުން ދިޔައީ އެމީހުންގެ ފަހަތް ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ.

މެޗުގެ ތަފާތަކަށް ވެގެން ދިޔައީ ޕޯޗުގަލްގެ ގޮންސާލޯ ގުއެޑޭސް މެޗުގެ 60 ވަނަ މިނަޓުގައި ޖެހި ގޯލެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ކުޅެފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޕޯޗުގަލްއިން ހޯދި އިރު މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އެ ޓީމުގެ މިޑްފީލްޑަރު ބާނޭޑޯ ސިލްވާ އެވެ.

މީގެ އިތުރުން ރޭ ކުޅުނު މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ސުވިޒަލެންޑު ބަލިކޮށް މެޗު ކާމިޔާބު ކުރީ އިނގިރޭސިންނެވެ.

comment ކޮމެންޓް