ސްޓޫޑަންޓް ލޯން ނުއެއް ލިބުނު! މިނިސްޓްރީގެ ޒިންމާ ކޮބާ؟

ހަޔާ އެޑިއުކޭޝަނުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން -- ސަން ފޮޓޯ/ އަހުމަދު އަވުޝަން އިލްޔާސް

މަތީ ތައުލީމްގެ ފުރުސަތުތަކަކަށް ބަލަބަލައި ތިބި އެތައް ބަޔަކަށް މާޔޫސްކަމަކަށްވީ ކިޔަވަން ދޫކުރާ، ސްޓޫޑަންޓް ލޯނަށް ފޯމްލީ 900 އެއްހާ ދަރިވަރުންގެ ތެރެއިން އެންމެ 70 ވަރަކަށް ފަރާތަށް އެ ލޯނު ހަމަޖެހުނު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން އިއުލާން ކުރުމާ އެކު އެވެ.

ލޯނުގެ ފުރުސަތު ހަމަނުޖެހި، އެތައް ސުވާލެއް ފުނިޖެހިފައިވަނިކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދެއްވި ޖަވާބުން އަނެއްކާ ވެސް ފުނިޖެހުނީ އިތުރު ސުވާލުތަކެކެވެ. މިނިސްޓަރު ވިދާޅުވީ ގިނަ ފަރާތްތަކަށް ލޯނު ނުލިބުނީ އެ ލޯނަށް އެދި ފޯމް ހުށަހެޅި އިރު އުސޫލާ ހިލާފަށް ފޯމް ހުށަހަޅާފައިވާތީ ކަމަށެވެ.

އެ ހުރިހާ ފޯމްއެއް ނުބައިވެ، ޑިސްކޮލޮފައިވީ އިރު އެފޯމުތައް އިދާރީ ސަބަބަކާ ހުރެ ރިޖެކްޓްވީ އިރު، އެކަން އިސްލާހު ކުރަން މިނިސްޓްރީން ކުރީ ކީއްތޯ ގިނަ ބަޔަކު ދިޔައީ ސުވާލުކުރަމުންނެވެ. ކުރުކޮށް ބުނާ ނަަމަ މިނިސްޓްރީގެ ޒިންމާޔާ މެދު ސުވާލު އުފެދެނީ އެވެ.

ލޯން ފޯމްތައް ބަލައިގަތީ ބަލަންވާވަރަށް ނުބަލާ

ނިމިގެން ދިޔަ ސަރުކާރުގައި ސްޓޫޑެންޓް ލޯން ދެމުން ދިޔައީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ނަމަވެސް އާ ސަރުކާރު ހަވާލުވުމަށް ސްޓޫޑަންޓް ލޯން ފަދަ މަތީ ތައުލީމުގެ ކަންކަން ކައިރިން ބެލުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހާއްސަ މިނިސްޓްރީއެއް އުފެއްދީ އެވެ.

ކުރިން ލޯންސްކީމްގެ މަސައްކަތުގައި އުޅުއްވި ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިފަހަރު ސްޓޫޑަންޓް ލޯނަށް އެދި ފޯމްތައް ހުށަހެޅި އިރު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހަމަތޯ އެއްވެސް ވަރަކަށް ބަލައިފައި ނުވާ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑު މިނިސްޓްރީގައި މަސައްކަތް ކުރިއިރު އޮންނާނެ ބޮޑު ކިއުއެއްވެސް. ފޯމްތައް ބަލައިގަންނައިރު ބަލާނެ ލިޔެކިޔުންތައް ހަމަތޯ. އެމްކިއުއޭއިން ގަބޫލުކުރާ ކޯހެއްތޯ. މިހެން ގޮސް ބައިވަރުކަންތައްތައް،" އޭނާ ވިދާޅުވި އެވެ.

ސްޓޫޑަންޓް ލޯންއަށް އެދި އޮންލައިންކޮށް ވެސް ފޯމް ހުށަހެޅޭ އިރު އެކަމަށް ވެސް އޮންނަނީ ހާއްސަ އުސޫލެއް މިނިސްޓްރީން ހަމަޖައްސައިފަ އެވެ. ކުރިން އޮންލައިންކޮށް ފޯމް ހުށަހަޅާއިރު އެޓޭޗްމަންޓް ފައިލްތަކުގެ ސައިޒް ބޮޑުވެ އެ ނުލެވޭތީ މިނިސްޓްރީން ފަހުން ވަނީ އެންސީއަައިޓީއާ ގުޅިގެން އެކަމަށް ވެސް ހާއްސަ އިންތިޒާމެއް ހަމަޖައްސައިފަ އެވެ.

"އޮންލައިންކޮށް ފޯމް ހުށަހަޅާތަނުން ދަރިވަރަށް އެނގޭނެ ދަރިވަރަށް އެ ފޯމްތަކުގެ ސްޓޭޓަސް. އޭގަ އިންނާނެ އެއްޗެއް ބޭނުންވެއްޖިއްޔާ އެކަންވެސް ސްޓޭޓަސްއިން ފެންނަން. ލިޔެކިޔުމެއް މަދުވެ ދަރިވަރު ފަހުން ހުށަހަޅާއިރަށް އެކަން ޕޮޕަޕް މެސެޖަކުން އެނެގޭނެ. ހުރިހާ ލޮގެއް ފެންނަން ހުންނާނެ،" ކުރިން ވާހަކަ ދެއްކި މިނިސްޓްރީގެ ކުރީގެ އިސްވެރިޔަކު ވިދާޅުވި އެވެ.

މިފަހަރު ލޯންސްކީމްއަށް ފޯމް ހުށަހެޅި އިރު އޮންލައިންކޮށް ބޭނުންކުރި ޕޯޓަލްގައި ވެސް މައްސަލަތައް އުޅޭކަމަށް ބައެއް ދަރިވަރުން ވަނީ ފާހަގަކޮށްފަ އެވެ.

ގިނަ ދަރިވަރުންނަށް ލޯނު ނުލިބުނީ ކުދިކުދި ކަންތައްތަކާހުރެ

ސްޓޫޑެންޓް ލޯން ސްކީމަށް އެކި ދާއިރާތަކުން 933 ފަރާތަކުން ފޯމް ހުށަހަޅި އިރު އޭގެ ތެރެއިން ލޯނު ހަމަޖެހުނީ 79 ފަރާތަކަށް އެކަންޏެވެ.

ސްޓޫޑަންޓް ލޯން ނުލިބުނު ސަބަބުތައް ރޭ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި އިރު އެންމެ ބޮޑަށް ފާހަގަވީ ކުދިކުދި ކަންތައްތަކާ ހުރެ ލޯނު ނުލިބުނު މައްސަލަތަކެވެެ.

އެގޮތުން ސްޓޫޑަންޓް ލޯންގެ ފުރުސަތު ގިނަ ފަރާތްތަކަށް ނުލިބުނީ އެ ލޯނަށް އެދި ފޯމް ހުށަހެޅި އިރު ހުށެހެޅި ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާ މައްސަލައަށް ފަހު ދެން އެންމެ ގިނަ ފަރާތްތަކުުން ޑިސްކޮލިފައިކޮށްލައިފައި ވަނީ ސެޓްފިކެޓްތައް އެޓެސްޓް ކުރުމުގައި މަައްސަލަ އުޅޭ ކަމަށް ބުނެ އެވެ. އަދި އޭގެ އިތުރުން ޕައިލެޓްކަން ކިޔަވަން ހުށަހެޅި ގިނަ ފަރާތްތައްް ޑިސްކޮލިފައި ކޮށްފައި ވަނީ އެ ދަރިވަރުން ކިޔަވަން ބޭނުންުވާ ގައުމު ބުނެފައިނުވާތީ ކަމަށް ބުނެއެވެ.

"އަޅުގަނޑުމެން ތިމާގެ ވަރަށް މޮޅު ކުއްޖަކު ވެސް އިނީ ޑިސްކޮލިފައިވެފައި. އޯ ލެވެލްގައި ހުސް އޭ. އޭ ލެވަލްގައި ތިން އޭ އާއި ދެ ބީ ލިބުނު. އޭނަ ޑިސްކޮލިފައިވެފައި އޮތީ ހުށަހެޅި ސެޓްފިކެޓެއް އެޓެސްޓް ނުކުރާ ކަަމަށް ބުނޭ،" ކުރިން ވާހަކަދެއްކެވި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ އިސްވެެރިއާ ވިދާޅުވި އެވެ.

ފޯމްތައް ބަލައިގަތުމުގެ އުސޫލު ބަދަލުކުރީ ކީއްވެ؟

ލޯނަށް އެދޭ ފޯމްތައް ބަަލައިގަތުމުގައި ކުރިން އަމަލަކުރަމުންދިޔަ އުސޫލަށް ބަދަލުގެނައިކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލެއް ވެސް "ސަން" އަށް ވަނީ ކަށަވަރުކޮށްދީފަ އެެވެ. އޭނާ ވިދާޅުވީ މިއީ އެ މިނިސްޓްރީން ޕޮލިސީ ލެވަލްގައި ނިންމި ނިންމުމެއް ކަމަށެވެ.

މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނު ލިބުނު ދަރިވަރަަކަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ލިޔުން ހަވާލުކޮށްދެއްވަނީ -- ސަން ފައިލް ފޮޓޯ

"މީގެ ކުރިން އެބަހުރި ލިޔެކިޔުންތައް ހަމަނުވެގެން ބައެއް ދަރިވަރުންނަށް ގުޅައި އަނެއްބައި ދަރިވަރުންނަށް ނުގުޅާކަމުގެ ޝަކުވާ ލިބިފައި. އެހެންވެ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މިފަހަރު ފޯމްތައް ބަލައިގަނެފައި ލިޔެކިޔުންތައް ހަމަނޫނަސް ދަރިވަރުންނަށް ނުގުޅާ ގޮތަށް ނިންމީ. ދެން އެފަރާތްތަކުން ވެސް އޮންނާނެ ކޮންމެވެސް ޒިންމާއެއް ތެދެއްތޯ،" ހަޔާ އެޑިއުކޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ ކުރީގެ އިސްވެރިޔާ ވިދާޅުވީ ފޯމް ފުރާ ފަރާތްތަކުގެ ވެސް ޒިންމާއެއް އޮންނާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންނަމަވެސް އެއީ ކުރިން ގެންގުޅެމުން އަންނަ އުސޫލަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދަރިވަރުންނާ މެދު ދެކެނީ ދަރިވަރުންގެ ގޮތުގައި. ދަރިވަރުންގެ ހުންނާނެ ފަރުވާކުޑަކަން. އެކަން ޖެހޭނެ ގަބޫލުކުރަން. މީގެ ކުރިން ފޯމް ހުށަހަޅާފަ ހުންނައިރު ވެސް ދުވަހަކުވެސް ނުހުރޭ ފުރިހަމައަށް އެއްޗެތި ހުށަހަޅާފައި،" އެޑިއުކޭޝަންގެ ކުރީގެ އިސްވެރިޔާ ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ ކުރީގެ އިސްވެރިޔާ އިތުރަށް ވިދާޅުވީ މީގެ ކުރިން ފޯމްތައް ހުށަހަޅާއިރު ލިޔެކިޔުންތައް ހަމަނުވެއްޖެ ނަމަ ޑެޑްލައިން ހަމަވުމުގެ ކުރިން ލިޔެކިޔުންތައް ހަމަކުރަން ދަރިވަރުންނަށް ގުޅައި އެތައް މަސައްކަތެއް ކުރަން ޖެހޭ ކަަމަށެވެ.

"މީގެ ކުރިން ލިޔެކިޔުންތައް ހަމަނުވެގެން ހުންނާނެ އިއުލާން ވެސް ކޮށްފައި." އެޑިއުކޭޝަންގް ކުރީގެ އިސްވެރިޔާ ވިދާޅުވިއެވެ.

މަތީ ތައުލީމްގެ ލޯންތައް ގިނަ ބަޔަކަށް ނުލިބުނު މައްސަލައިގައި ގިނަ ބަޔަކު މިހާރު ވެސް ދަނީ ސާރުކާރަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސްގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ލޯން ދޫކުރުމުގައި ހުރި އުސޫލުތަކާ މެދު މެމްބަރުންގެ ހުރި ކަންބޮޑުވުންތައް ހަޔަ އެޑިއުކޭޝަން މިނިސްޓަރާ ވެސް އިއްޔެ ހިއްސާކުރައްވައިފަ އެވެ.

ގިނަ ބަޔަކަށް ލޯނު ނުލިބުނު ނަމަވެސް އެ ފުރުސަތު އަލުން ލިބިދާނެކަމުގެ އިޝާރާތެއް މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން މިދިޔަ ހަފްތާގައި ވަނީ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ލޯންގެ ބާކީ ހުރި ޖާގަތަކަށް އަނެއްކާ ވެސް މިމަހު 20 ގައި އިއުލާންކުރާނެ ކަމަށެވެ.

ނަމަވެސް ދެން ހުޅުވާލާ ފުރުސަތުތަކުގައި ވެސް ފޯމްތައް ބަލައިގަތުމުގައި މިނިސްޓްރީން އަމަލުކުރާނެ އުސޫލް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. މިނިސްޓްރީގެ ޕޮލިސީއަށް ބަދަލު ނުގެނެސް ކުރިން އަމަލަ ކުރި ގޮތަށް އަމަލުކޮށް އަނެއްކާ ވެސް ކުރިން ކުރި ހިތި ތަޖުރިބާ ތަކުރާރުކުރަން ޖެހިއްޖެނަމަ އެ ޖެހުނީ ކޮންތާކުތޯ ބުނެ ގިނަ ބަޔަކު އަނެއްކާ ވެސް ސުވާލު އުފައްދާނެއެވެ. ބޭނުންވަނީ ބަދަލެކެވެ. ފަސޭހައިން ކިޔެވުމަށް ލޯނު ލިބޭނެ ގޮތެކެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެލެއްވި ގޮތެވެ.

comment ކޮމެންޓް