ގިނަ ބަޔަކަށް ލޯނު ނުލިބުނު މައްސަލާގައި އެމްޑީޕީން މިނިސްޓަރާ މަޝްވަރާ ކޮށްފި

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިނިސްޓަރު ޑރ ހަސަން އިބްރާހިމާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ މެމްބަރު މީކާއިލް

މަތީ ތައުލީމު ލޯނު ގިނަ ކުދިންނަށް ނުލިބުނު މައްސަލާގައި އެމްޑީޕީ ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަންއާ މިއަދު ބައްދަލުކޮށްފި އެވެ.

މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 79 ފަރާތަކަށެވެ. އަދި ދެން ހުރި ފަރާާތްތަކަށް ލޯނު ނުލިބުނު ސަބަބުތައް، އެ ފަރާތްތަކުގެ ކެންޑިޑޭޓް ނަންބަރު ހިމެނޭ ލިސްޓާއެކު ވަނީ އާންމުކޮށްްފައެވެ.

އެމްޑީޕީ އޮފީހުގައި މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ބޭއްވި ބައްދަލުވުމުގެ ފޮޓޯ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ޓްވީޓްކޮށްފަ އެވެ. މީކާއިލް ވިދާޅުވީ ޕޯޓަލް މައްސަލައެއްގެ ސަބަބުން ފޯމުތައް ޑިސްކޮލިފައިވެގެން ނުވާނެ ކަމަށެވެ.

އޭގެ އިތުރުން ފޯމުތައް ޑިސްކޮލިފައި ކުރުމުގެ ކުރިން ޑިސްކޮލިފައިވާ ސަބަބު ކުދިންނަށް އަންގައި އިސްލާހު ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރަކު 'ސަން' އަށް ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ލޯނަށް އެދި ހުށަހެޅި ގިނަ ކުދިންތަކެއް ޑިސްކޮލިފައި ވެގެން ދިއުމުން އެކަމުގެ ސަބަބު ދެނެގަތުމާއި ކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

މަތީ ތައުލީމަށް ހުޅުވާލި ފުރުސަތުތަކުގެ އަލަށް ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި 232 ފުރުސަތުތަކުގެ ތެރެއިން ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 30 ފަރާތަކަށެވެ. އަދި ޕީއެޗްޑީއަށް ކިޔެވުމަށް ހުޅުވާލި 35 ފުރުސަތުތަކުގެ ތެރެއިންވެސް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ ދެ ފަރާތަށެވެ. އޭގެ އިތުރުން ޕައިލެޓް ކޯސް ހެދުމަށް 184 ދަރިވަރުން ކުރިމަތިލިއިރު ލޯން ހަމަޖައްސައިދީފައިވަނީ އެންމެ ފަސް ފަރާތަކަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވީ ލޯންގެ ބާކީ ހުރި ޖާގަތަކަށް އަނެއްކާވެސް މިމަހު 20 ގައި އިއުލާންކުރާނެ ކަމަށެވެ.

comment ކޮމެންޓް