ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރުން - ތަމްހީދު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ރައްޔިތުން ދީމިގުރާތީ ނިޒާމަށާއި މުއައްސަސާތަކަށް ކުރާ އިތުބާރު ދަނީ ދުވަހެއް ދުވަހަކަށް ކުޑަ ވަމުންނެވެ. ތިންވަނަ ދުނިޔެ ކަމަށް ބެލެވޭ އޭޝިޔާ އާއި އެފްރިކާ އާއި ލެޓިން އެމެރިކާގައި އެކަންޏެއް ނޫނެވެ. ދީމިގުރާތީ ފަލްސަފާޔާއި ނިޒާމުގެ ވަޒަން ކަމަށް ބެލެވޭ ޔޫރަޕާއި އުތުރު އެމެރިކާޔާއި އޮސްޓްރޭލިޔާ ފަދަ ތަންތަނުގައި ވެސް، ދުނިޔޭގެ އެހެން ތަންތަނެކޭ އެއް މިންވަރަށް މި މައްސަލަ ވަނީ ކުރިމަތި ވެފައެވެ. މިސާލެއް ދަންނަވާ ނަމަ، 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ޕިއު ރިސާރޗް ސެންޓަރުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ދުނިޔޭގެ އެންމެ ރަނގަޅު ޑިމޮކްރަސީ ކަމަށް ބުނާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައްޔިތުންގެ ތެރެއިން، ދައުލަތުގެ ބާރުތަކާއި މުއައްސަސާތައް ހިމެނޭ ދީމިގުރާތީ ނިޒާމަށާއި ގާނޫނުގެ ހުކުމް ހިންގުމަށް ޓަކައި ގާއިމު ކުރެވިފައި ވާ މުއައްސަސާތަކަށް އިތުބާރު ކުރަނީ ހަމަ އެންމެ 19 އިންސައްތަ މީހުންނެވެ. އޭގެ ތެރެއިން ވެސް، ރައްޔިތުންގެ އިތުބާރު އެންމެ ކުޑައީ ގާނޫނު ހަދާ މަޖިލިހަށެވެ. އެ މަޖިލިހަށް އިތުބާރު ކުރަނީ އެންމެ 6 އިންސައްތަ ރައްޔިތުންނެވެ.

ސަބަބަކީ ނުވަތަ ސަބަބުތަކަކީ ކޮބައިބާވައެވެ!

މި ސުވާލުގެ ޖަވާބާ މެދު ލައްކަ ގިނަ ވާހަކަތައް ދެއްކިދާނެއެވެ. ގިނަ ބަހުސްތަކެއް ކުރެވިދާނެއެވެ. ދީމިގުރާތިއްޔަތުގެ ނިޒާމާއި ސިޔާސީ ޕާޓީތަކާ އެކު ވެރިކަމުގެ ނިޒާމު ހިންގުމުގެ އުސޫލާ މެދު ވެސް ގިނަ ސުވާލުތަކެއް އުފެއްދިދާނެއެވެ. ނަމަވެސް އެފަދަ ނަޒަރިއްޔާތީ ސުވާލުތައް އިހަށް އެއްފަރާތް ކުރުމަށް ފަހު، ތަންކޮޅެއް ތިލަ ވިސްނުމަކުން މިކަމާ މެދު ވިސްނައިލުމުން ވެސް، ދީމިގުރާތީ ނިޒާމާއި މުއައްސަސާތަކަށް ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުންގެ އިތުބާރު ކުޑަ ވާ އެތައް ސަބަބުތަކެއް ފެނެއެވެ. އެ ސަބަބުތަކުގެ ތަފްސީލަށް ނުގޮސް، އެ ކަންކަމުގެ މައްޗަށް އަވަސް ކަޅިއެއް ހިންގައިލަމާތޯއެވެ؟

އިތުބާރު ގެއްލޭ ސަބަބުތައް

ދީމިގުރާތީ ނިޒާމާއި މުއައްސަސާތަކާ މެދު ރައްޔިތުން އުއްމީދު ކަނޑައިލަނީ، ވެރިކަން ކުރުމުގައި ސިޔާސީ ޕާޓީތަކުން ޕާޓީގެ ލީޑަރުންނާއި ބާރުވެރީންނާއި މުހައްރިކުންގެ އަމިއްލަ މަސްލަހަތުތައް ކުރިޔަށް ނެރެ، ރައްޔިތުންގެ ފައިދާޔާއި ލާބަޔާއި މަންފާޔާ މެދުގައި އިހުމާލު ވާތީއެވެ. މުއްސަނދި ވިޔަފާރިވެރީންނާއި ވިޔަފާރިވެރި ކުންފުނިތަކުގެ މާލީ ބާރާއި ނުފޫޒު ނިޒާމާއި މުއައްސަސާތަކަށް ފޯރައި، އެ ތަންތަނަކީ މުއްސަނދީން އެދޭ ގޮތަށް، އެއުރެންގެ "ކެޕިޓަލިސްޓް އަދި ކޯރޕޮރޭޓް ގްރީޑް"ގެ އަލާ ފިލުވުމަށް ހިނގާ ތަންތަން ކަމުގައި ވެގެން ދާތީއެވެ. ރައްޔިތުންގެ މަސްލަހަތާ ޚިލާފަށް، ވަރުގަދަ ލޮބީ ޖަމާއަތްތަކާއި ބޭރުގެ ބާރުތައް ފަދަ ފަރާތްތަކުގެ ނުފޫޒާ އެއްގޮތަށް ދައުލަތުގެ ކަންކަން ހިންގުން އާއްމު ވެފައި ވާތީއެވެ. ނިޒާމާއި މުއައްސަސާތައް ހިންގުމުގައި އިސްކޮށް ތިބޭ މީހުންނަކީ ކޮރަޕްޝަނާއި ފަސާދަޔާއި ބަދުއަޚްލާގުގެ އަހުލުވެރީން ކަމުގައި، އަދި ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި ވަފާތެރިކަން ހައްގު ނުވާ ފަދަ ވިޔާނުދާ މީހުން ކަމުގައި، އަދި އިލްމީ ގޮތުންނާއި އަޚްލާގީ ގޮތުންނާއި ފަންނީ ގޮތުން ދައުލަތް ހިންގުމުގެ އިސް މަގާމުތަކާ އެކަށީގެން ނުވާ މީހުން ކަމަށް ވާތީއެވެ. ސިޔާސީ މައިދާނަކީ ދޮގު ވައުދާއި، މަކަރު ހީލަތާއި، ހުތުރު ކެންޕޭނުތަކާއި ޕުރޯޕެގެންޑާތަކާއި، "ޑިމެގޮގީ" އާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު އެއްޗެތި ގޮވުމާއި، ވެރިކަމުގެ ގޮނޑި ހޯދުމަށް ޓަކައި ހެވެއް ނުބައެއް ހުއްދައެއް ނުހުއްދައެއް ނުބަލައި ތެޅިފޮޅުން ފަދަ ކަންކަން ހުއްދަ ކުރާ "މެކިޔެވޭލިއަން" ގުޅަކުޅޭ ފަސްގަނޑަކަށް ވެފައި ވާތީއެވެ. ދައުލަތުގެ ބާރުތަކާއި މުއައްސަސާތައް، އެއް ބަޔަކު އަނެއް ބަޔަކުގެ އިޚްތިސާސާއި މަސްއޫލިއްޔަތާއި ބާރުގެ ދާއިރާގެ ތެރެޔަށް އަތް ބާނައި، ނުފޫޒު ފޯރުވައި، އެއް ބަޔަކު އަނެއް ބަޔަކުގެ އިތުބާރާއި ޙުރުމަތް ނަގައިލައި، ރައްޔިތުންގެ ކުރިމަތީގައި އެއް ބަޔަކު އަނެއް ބަޔަކުގެ ކަރާމާތަށް އަރައިގަތުން ފަދަ ކަންތައްތައް ކުރާތީއެވެ. އެއިރަކު ބާރުގައި ތިބޭ ބަޔަކު، އެމީހުންގެ ދެކޮޅުވެރީންނަށް ބޮނޑި ދިނުމަށާއި ލޮޓި ދިނުމަށާއި އެމީހުން އިދިކޮޅަށް ކުރާ ކަންތައްތައް ހުއްޓުވުމަށް ޓަކައި، ދައުލަތުގެ މުއައްސަސާތައް ނުހަމަ ގޮތުގައި ބޭނުން ކޮށްގެން، ގާނޫނުގެ ހުކުމް ނަފީ ކޮށް، އަދުލުއިންސާފާ ޚިލާފު ޖަރީމާތައް ހިންގާތީއެވެ. ގައުމުގެ ރައްޔިތުންގެ އަގީދާޔާއި، ފިކުރާއި، ސަގާފަތާއި، ރައްޔިތުން ގަބޫލު ކުރާ ހަމަތަކާއި ގިޔަމުތައް އެއްފަރާތް ކޮށްފައި، ވެރިކަމުގައި ތިބޭ މަދު ބަޔަކަށް ފެންނަހައި ގޮތެއް ގައުމާއި ރައްޔިތުންގެ މައްޗަށް ހިންގައި، ދޮގުވެރި އަދި މަކަރުވެރި ގޮތްގޮތުން ބާރުގެ ބޭނުން ކުރާތީއެވެ. ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ ހިތްތަކުގައި ރައްޔިތުންނާއި ގައުމުގެ ލޯބި ނެތި، އެމީހުންނަކީ މުޅީންހެން އަމިއްލަ އެދުމަށް، އަމިއްލަ އަންބޮނޑި ފުރާން އުޅޭ ބަޔަކު ކަމުގައި ވެފައި ވާތީއެވެ. ދައުލަތް ހިނގާ ގޮތާ މެދުގައި ރައްޔިތުންނަށް މައުލޫމާތު ފޯރު ކޮށްދޭން ތިބޭ "ނޫސްވެރިންނަކީ" ނުބައި ސިޔާސީންގެ ޕުރޯޕެގެންޑާ ފަތުރާ މަނާފުއްތަކަކަށް ވެ، ކަންކަން ހިނގާ ގޮތާ މެދުގައި ތެދުވެރި ގޮތުގައި، އަދި ފުރިހަމަ ދިރާސާތަކުގެ ވަސީލަތުން އާއްމު މުޖުތަމައު ހެއިލުންތެރި ކުރުމުގެ މަސައްކަތް އެ "ނޫސްވެރިންނަށް" ނުކުރެވޭތީއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ދައުލަތް ފޭލި ވެ، ރައްޔިތުންގެ މެދުގައި އިޖުތިމާއީ އަދާލަތާއި، އިގުތިސާދީ އަދާލަތާއި، އަދުލުއިންސާފު ވެސް ގާއިމު ނުކުރެވޭތީއެވެ.

މި ދެންނެވި މައްސަލަތަކުގެ ތެރެއިން ހަމަ އެންމެ ކަމެއް ގައުމެއްގައި އޮތަސް، އެއީ ސިޔާސީ އަދި އިޖުތިމާއީ ގޮތުން އެ ގައުމަކަށް ކެންސަރު ޖެހުން ފަދަ ނުބައި އަދި ބިރުވެރި ކަމަކަށް ވާނެއެވެ. މިއިން އެއްވެސް ކަމެއް މުޖުތަމައެއްގައި އޮންނަ ހާލަތުގައި، ތަހުޒީބާއި، ތަމައްދުނާއި، އިންސާނިއްޔަތުގެ ރޮނގުން އެ މުޖުތަމައެއް ކުރިއަރައިގެންނެއް ނުދާނެއެވެ. ވީއިރު، މި ހުރިހާ ވަބާއެއް ގައުމަކަށް ޖެހިއްޖެ ނަމަ ދެން ވާނެ ގޮތް ހިތްޕުޅަށް ގެންނަވާށެވެ! އަދި ފުންކޮށް ވިސްނަވާށެވެ! އެއްވެސް ޝައްކެއް ނެތް ގޮތުގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖެޔަށް ވަނީ މި ދެންނެވި ހުރިހާ ވަބާއެއްގެ ބިރުވެރިކަން ލައިގެންފައެވެ. އިސް ވެ ދެންނެވި ކަންކަމުގެ ތެރޭގައި، މި ރާއްޖެޔަށް ތާއޫނެއްގެ ދަރަޖައިގައި ލައިގެންފައި ނެތް ހަމަ އެއްވެސް ކަމެއް ނެތޭ މި ދަންނަވަނީ ހިތާމަޔާ އެކުގައެވެ. ދިވެހި ގައުމުން ވަނީ އިލާހީ ދަންމަރުގެ އަލިކަމާއި، އިންސާނީ އޯގާވެރިކަމާއި ރަހުމާއި ހަމްދަރުދީގެ މަތިވެރި ޝުއޫރުތަކާއި، ބުއްދީގެ އަލިކަމާއި، ހެޔޮ އަޚްލާގުގެ ހިދާޔަތާއި، ހެޔޮ ސަގާފަތާއި ތަހުޒީބުގެ އެންމެހައި ބަހާތައް މުޅީން ފިލައިގެން ނެތިގެން ގޮސްފައެވެ. ބަލައިލި ކޮންމެ ދިމާޔަކުން ފެންނަނީ ދިވެހި ގައުމުގެ މުސްތަގުބަލުން ޖުވާ ކުޅެވޭ ތަނެވެ. ނުބައި ޖައްލާދަކު އެއްވެސް ރަހުމެއް ނެތި ޅަ ކަންބަޅިއެއް ކަތިލައިލާ ފަދައިން، ޣަދަރުވެރި އަތްތަކަކުން ދިވެހި ގައުމާއި ގައުމިއްޔަތު ކަތިލަމުން ދިވެހިއްޔަތުގެ ލެއިން ދިވެހި ބިން ކަޅި ކުރަމުން ގެންދާ މަންޒަރެވެ.

ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެހެން ބޭފުޅުން އެއްބަސް ވެވަޑައިނުގެންފާނެއެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ގައުމަށް މި ދެންނެވި ގޮތްގޮތުން ކުރިމަތި ވެފައިވާ ނުބައި ހާލަތު އެންމެ ބޮޑަށް ފެނިގެންދާ ތަނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހެވެ. ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން، ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް، ގާނޫނު އަސާސީގެ ފަސް ވަނަ މާއްދާއިން އެ ތަނަކާ ހަވާލު ކޮށްފައިވާ ރައްޔިތުންގެ މަޖިލިހެވެ. ގައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެންދާން އަޅުގަނޑުމެން އެދޭ ނަމަ، އިސްލާހުގެ މަސައްކަތުގެ އެންމެ ފުރަތަމަ އަމާޒަކަށް ހަދާން ޖެހޭ ތަނަކީ ވެސް، އަޅުގަނޑުގެ ނަޒަރުގައި، ރައްޔިތުންގެ މަޖިލިހެވެ.

ވާޖިބު އަދާ ކުރުމުގައި ފޭލި ވެފައި

ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރުމުގެ ވާހަކަ ދައްކާން ފަށައިގަންނަމުން، އެންމެ ފުރަތަމަ ކަމަކަށް އެ މަޖިލިހުގެ ދުސްތޫރީ ދައުރާއި މަސްއޫލިއްޔަތަކީ ކޮބައިތޯ ބަލަމާ ހިންގަވާށެވެ.

ރައްޔިތުންގެ މަޖިލިހޭ އަޅުގަނޑުމެން މި ކިޔަނީ، ދިވެހި ދައުލަތުގައި ގާނޫނު ހެދުމުގެ ދައުރު އަދާ ކުރުމަށް ޓަކައި ދިވެހި ދުސްތޫރުގެ ފަސް ވަނަ މާއްދާއިން ބާރު ދީފައި އޮންނަ، ދައުލަތުގެ އެއް ބާރަށެވެ. އެ މަޖިލިހަކީ ގާނޫނު އަސާސީގެ ތިންވަނަ ބާބުގެ އެކިއެކި މާއްދާތަކުގައި އެކަށައެޅިގެންވާ ގޮތުގެ މަތިން، ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ މަންދޫބުންތަކެއްގެ މައްޗަށް އެކުލެވޭ މަޖިލިހެކެވެ. ހަގީގަތުގައި މި މަފްހޫމަށް ގާނޫނު ހަދާ މަޖިލިސް އެކުލަވައިލުމަކީ އިސްލާމީ ދުސްތޫރީ ނިޒާމާއި އިސްލާމް ދީނުގެ ޝަރުޢީ އުސޫލުތަކާ ޚިލާފު، ހުޅަނގުގެ ދީމިގުރާތީ ނިޒާމުން ނެގޭ މަފްހޫމެކެވެ. މި އުސޫލުން ގާނޫނު ހަދާ މަޖިލިހެއް، ނުވަތަ ބަރުލަމާނެއް ފުރަތަމަ އުފެދުނު ގައުމަކީ އިނގިރޭސި ވިލާތެވެ. އެއަށް ފަހު، އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ރައްޔިތުން އިންތިޚާބު ކުރާ މަންދޫބުންތަކެއް ގާނޫނު ހަދާ ބާރުގެ ގޮތުގައި އޮވެގެން ދައުލަތް ހިންގުމުގެ ދީމިގުރާތީ ނިޒާމު ގާއިމު ކުރެވުނެވެ. މިހާރު އެ ނިޒާމަކީ ދުނިޔޭގައި ދައުލަތުގެ ބާރުތައް އެކުލަވައިލެވޭ އާއްމު ފޯމިޔުލާއެވެ.

މި ދެންނެވި އުސޫލުން، ހުޅަނގުގެ ދީމިގުރާތީ ނަޒަރިއްޔާއާ އެއްގޮތަށް ގާނޫނު ހަދާ މަޖިލިސް ނުވަތަ ބަރުލަމާނު އެކުލަވައިލާ އިރު، އެ މަޖިލިހުގެ އޮންނަނީ މައިގަނޑު ތިން މަސްއޫލިއްޔަތެއް ނުވަތަ މަސައްކަތެކެވެ. ވަރަށް ޚުލާސާކޮށް ދަންނަވާ ނަމަ، އޭގެ ތެރެއިން ފުރަތަމަ ކަމަކީ ދައުލަތުގައި ހިންގާނެ ގާނޫނުތައް ހެދުމެވެ. ދެވަނަ ކަމަކީ ދައުލަތުގެ އަނެއް ދެ ބާރު ޖަވާބުދާރީ ކުރުވުމަށް ޓަކައި، ގާނޫނު އަސާސީގެ އިމުގެ ތެރޭގައި، ގާނޫނު އަސާސީން ކަނޑައަޅައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާ ކުރުމެވެ. ތިން ވަނަ ކަމަކީ، ދައުލަތުގެ ޚަރަދުތަކަށް ޓަކައި ރައްޔިތުންގެ ފައިސާއިން މައުމޫލު ނެގުމާއި، ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރުމާއި، ދައުލަތުގެ ނަމުގައި ދަރަންޏަށް ނެގުން ފަދަ ކަންކަމާއި، ދައުލަތުގެ މާލިއްޔަތުގެ އެހެނިހެންވެސް ކަންކަން ހިންގާންވީ ގޮތްތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ. ދިވެހިރާއްޖޭގައި ގާނޫނު ހަދާ މަޖިލިސް ނުވަތަ ރައްޔިތުންގެ މަޖިލިހުގެ ބާރުތައް ދުސްތޫރުގައި ކަނޑައެޅިފައި ވަނީ 70 ވަނަ މާއްދާގައެވެ. އެ މާއްދާގައި ހުރި ނުކުތާތައް ބައްލަވައިލެއްވުމުން، މަޖިލިހަށް ދެވިފައި ވާ އެންމެހައި ބާރުތަކަކީ މި ދެންނެވި ތިން ދާއިރާގެ ތެރެޔަށް ވަންނަ ކަންތައްތައްކަން ފާހަގަ ކުރެއްވޭނެއެވެ.

ކުރު ގޮތަކަށް ދަންނަވާ ނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް މި ދެންނެވި ތިން މަސްއޫލިއްޔަތުގެ ތެރެއިން ހަމަ އެއްވެސް މަސްއޫލިއްޔަތެއް ރަނގަޅަކަށް އަދައެއް ނުކުރެވެއެވެ.

ފުރަތަމަ ކަމަކަށް، ގާނޫނު ހެދުމުގެ މަސައްކަތް ރަނގަޅަކަށް ނުކުރެވެއެވެ. ކޮންމެހެން ބޭނުންވާ އެންމެ އަސާސީ ގާނޫނުތަކުގެ ތެރެއިން، ވިޔަފާރި އާއި ތިޖާރީ ނިޒާމާއި މުއާމަލާތުތަކާ ބެހޭ އެތައް ގާނޫނަކާއި، ހެއްކާ ބެހޭ ގާނޫނާއި، މަދަނީ އިޖުރާއާތުގެ ގާނޫނު ފަދަ އެތައް ގާނޫނެއް ހުރީ ނުހެދިއެވެ. ހަމައެހެންމެ، 2008ގައި އެއިރުގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއް ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ނިޒާމުން ގެއްލުވައިލުމަށް ގާނޫނުއަސާސީގައި ބަފައި ކަށަވަރު ނޫން މާއްދާއެއް ލުމާއި، ހަމަ އެމަނިކުފާނު ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އިންނެވިޔަނުދޭން ވެގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އުއްތަމަ ފަނޑިޔާރު ނުހިމެނޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅި ކަނޑައެޅުމާއި، 2010 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނު ހެދި އިރު އެއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ބޭފުޅާ އެ މަގާމުން ނަގައި ހޫރައިލުމަށް ޓަކައި އެ ގާނޫނުގެ 29 ވަނަ މާއްދާ މަކުރޫހަ ގޮތަކަށް ލިޔުމާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން ނިޒާމުން ގެއްލުވައިލުމަށް ޓަކައި 2014 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް ގެނެސް ތަންފީޒު ކުރި އެއް ވަނަ އިސްލާހާއި، އަޙްމަދު އަދީބު ދިވެހިރާއްޖޭގެ ނާއިބު ރައީސްކަމަށް ގެނައުމަށް ޓަކައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ގެނައި އެއް ވަނަ އިސްލާހާއި، އިސްލާމީ ޝަރީއަތަށް ގޮން ޖަހައި އަބުރު ރައްކައުތެރި ކުރުމުގެ ގާނޫނު އުވައިލި ގޮތް ފަދަ އެތައް ކަމަކަށް ބެލުމުން، ރައްޔިތުންގެ މަޖިލިހުން ގާނޫނު ހެދުމުގައި، ގާނޫނު އެ އަސްލުތަކެއްގެ މައްޗަށް ބިނާވާ މަސްދަރީ އަސްލުތަކަށް މަޖިލިހުގެ މެންބަރުން އަހުލުވެރި ނޫން މިންވަރާއި، ގާނޫނު ހެދުމުގައި މީހުންނަށް ބަލައިގެން ޒާތީ ވުމާއި، އުސޫލެއް ހަމައެއް ނެތުމާއި، އިސްލާމީ ޝަރީއަތަށް ހުރުމަތެއް ނުބެހެއްޓުން ފަދަ އެތައް ކަމެއް ފާހަގަ ކުރެވެއެވެ.

ދެން އޮތީ ދައުލަތުގެ އަނެއް ދެ ބާރު ޖަވާބުދާރީ ކުރުވުމަށް ޓަކައި މަޖިލިހުން އަދާ ކުރާން ޖެހޭ ދައުރެވެ. މި ދައުރު ވެސް ހަމަ އެއްވެސް ސިފައެއްގައި މަޖިލިހަށް އަދާ ނުކުރެވޭކަމީ މެންދުރުގެ އިރު ފަދައިން ފެންނާން ހުރި ހަގީގަތެވެ. ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީގެ މުޑުދާރު ނިޒާމު ތައާރަފު ކުރުމުގެ ކުރީގެ ވާހަކަތަކާއި، ސިޔާސީ ޕާޓީތައް އައުމަށް ފަހުގައި ވެސް 2009ގެ މަޖިލިސް އިންތިޚާބުގެ ކުރީގެ ވާހަކަތައް އިހަށް ބަހައްޓައިފައި، 2009 އަށް ފަހު މި ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތާރީޚަށް ބަލައިލަމާ ހިންގަވާށެވެ. މި މުއްދަތުގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އެއިރަކު ވެރިކަން ކުރާ ޕާޓީއަކަށް މަޖިލިހުގައި އަޣްލަބިއްޔަތު ނޯންނަ ނަމަ، ސަރުކާރަށް ހަމަނޭވައެއް ލުމުގެ ފުރުސަތު ވެސް ނުދީ ޖެއްސުން ކުރުމާއި އުނދަގޫ ކުރުމުގެ ލަދުވެތި ސިލްސިލާއެއް ރެޔާއި ދުވާލު ހިންގާ މަންޒަރެވެ. އެއިރަކު ވެރިކަން ކުރާ ޕާޓީއަށް މަޖިލިހުގައި އަޣްލަބިއްޔަތު އޮންނަ ނަމަ، ފެނިގެން ދަނީ ސަރުކާރާއި ވެރިކަން ކުރާ ޕާޓީގެ މަސްލަހަތަށް ހުރިހާ ކަންތައްތައް ކޮށްދޭ އުސޫލުން މަޖިލިހުގެ މަސައްކަތްތައް ރޭވިފައި އޮންނަތަނެވެ.

ދައުލަތުގެ މާލިއްޔަތުގެ ކަންކަން، ރައްޔިތުންގެ ހައްގުތަކާއި، ގައުމުގެ އިގުތިސާދީ އަދި އިޖުތިމާއީ މަސްލަހަތުތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމުގައި ވެސް މަޖިލިސް ވަނީ ބޮޑު ފޭލިން ފޭލި ވެފައެވެ. ދައުލަތުގެ އާމުދަނީއާ ނުބައްދަލު ޑެފިސިޓް ބަޖެޓުތައް ފާސް ކޮށްދިނުމާއި، ދައުލަތުގެ ބަޖެޓުން އެއްވެސް ގޮތަކުން ހެޔޮ ނުވާވަރުގެ ބޮޑު މިންވަރެއް ސިޔާސީންނަށް ހޭދަ ކުރެވޭ ގޮތަށް ބަޖެޓު ފާސް ކޮށްދިނުމާއި، ބަޖެޓު ފާސް ކުރުމުގެ ކުރިން "މެކްރޯ" ލެވަލުގައި ވެސް އަދި "މައިކްރޯ" ލެވަލުގައި ވެސް ގައުމުގެ އިގުތިސާދާ މެދު ވިސްނައި ދިރާސާ ކުރުން ކުޑަކަމާއި، ދައުލަތުގެ ބާރުތަކަށާއި މުއައްސަސާތަކަށް ބަޖެޓު ކަނޑައެޅުމުގައި ބައެއް ތަންތަނަށް އިންތިހާއަށް ދަތި ކުރުން ފަދަ ކަންކަން، މިއީ ރައްޔިތުންނަށް އަބަދު ވެސް ފެންނަ ކަޅު މަންޒަރެވެ. މީގެ އިތުރުން، ރައްޔިތުންގެ ފައިސާގެ އަމާނާތްތެރި ބެލެހެއްޓުންތެރީންގެ ދައުރު އަދާ ކުރަން ތިބޭ މެންބަރުންގެ ގޭގެޔަށް، ސަންތި މަރިޔަބު ދަތްގޯނި އުފުލާ އުސޫލުން ފައިސާ ގޯނި އުފުލާ ވާހަކަތަކާއި، ބަޓަން ފީގެ ވާހަކަތަކާއި، ޕާޓީ ބަދަލު ކޮށްގެން ގެދޮރާއި ކާރު ހޯދާ ވާހަކަތައް އަދި ހުރީއެވެ.

ދުސްތޫރީ ސިޔާދަތު

މި ދެންނެވި ކަންކަން އިސްލާހު ކޮށް، ރައްޔިތުންގެ މަޖިލިހަކީ ހަގީގީ ރައްޔިތުންގެ މަޖިލިހަކަށް، އަދި ދިވެހި ރައްޔިތުންގެ ގައުމީ ޝަޚްސިއްޔަތާއި، ގައުމުގެ ކަރާމަތާއި، ދައުލަތުގެ ހައިބަތު ރަމްޒު ކޮށްދޭ ތަނަކަށް ހެދުމަށް ޓަކައި، މަޖިލިސް އިސްލާހު ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ގައުމީ ވާޖިބެވެ. އިސްލާހަށް ޓަކައި ކުރާން ޖެހޭ ކަންކަމުގެ ވާހަކަތަކަށް ދިޔުމުގެ ކުރިން، ތަމްހީދެއްގެ ގޮތުގައި ފާހަގަ ކުރާން ޖެހޭ ވަރަށް މުހިއްމު ކަމެއް އޮތްކަމަށް އަޅުގަނޑު ދެކެމެވެ. އެ ކަމަކީ، ދިވެހި ދުސްތޫރީ ނިޒާމުގައި ރައްޔިތުންގެ މަޖިލިހުގެ ހައިސިއްޔަތާ މެދުގައި ބައެއް މީހުންނަށް އަރައިފައި އޮންނަ ކަމަށް ފެންނަ އޮޅުމެއް ސާފު ކޮށްލުމެވެ.

ދިވެހިރާއްޖެޔަކީ ބަރުލަމާނީ ސިޔާދަތު ނުވަތަ "ޕާރލަމެންޓްރީ ސޮވްރިންޓީ"ގެ މަބްދައު އޮންނަ ގައުމެއް ކަމަށް ބައެއް މީހުން ހީ ކުރެއެވެ. ބަރުލަމާނީ ސިޔާދަތުގެ މަބްދައު އޮންނަ ތަންތަނުގައި، ދައުލަތުގެ ސިޔާދަތު ރައްޔިތުންގެ ފަރާތުން އިސްތިއުމާލު ކޮށް ހިންގާ ފަރާތަކީ، އަދި ދައުލަތުގެ އެންމެ އިސް ބާރަކީ، އަދި އެހެން ބާރުތަކާއި ދައުލަތުގެ ނިޒާމުގައި ހިމެނޭ އެންމެހައި މުއައްސަސާތައް މަސައްކަތް ކުރާންވީ ގޮތާއި އިންތަކާއި މިންތައް ގާނޫނުތަކުގެ ޒަރީއާއިން ކަނޑައަޅައިދޭ ތަނަކީ ބަރުލަމާނެވެ. އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުގެ ރައީސް ލޭޑީ ބްރެންޑާ ހޭލް، 2016 ވަނަ އަހަރު ދެއްވި ސުލްތާން އަޒްލާން ޝާހް ލެކްޗަރގައި ވިދާޅުވި ފަދައިން، ބަރުލަމާނީ ސިޔާދަތު އޮންނަ ތަނެއްގައި ދައުލަތުގެ ސިޔާދަތީ ބާރު ވެރިކަމުގެ ތިން ބުރޭންޗަށް ބެހިފައެއް ނޯންނާނެއެވެ. އެ ބާރު ލިބިދެވިފައި އޮންނާނީ ހަމައެކަނި ބަރުލަމާނަށެވެ. އެހެން ތަންތަނަށް ލިބިފައި އޮންނާނީ ބަރުލަމާނުން "ޑެލިގޭޓް" ކޮށްފައި ދޭ ބާރެވެ. ބަރުލަމާނުގެ ނިންމުމެއް ބާތިލު ކުރުން، ނުވަތަ ބަދަލު ކުރުން ފަދަ ކަމެއް ކުރުމުގެ އެއްވެސް ދުސްތޫރީ އަދި ގާނޫނީ ހައިސިއްޔަތެއް ނުވަތަ ބާރެއް، ދައުލަތުގެ އެހެން އެއްވެސް ފަރާތަކަށް ނޯންނާނެއެވެ. ގާނޫނީ ގޮތުން، ބަރުލަމާނުގެ ނިންމުމަކަށް ގޮން ޖެހޭނެ ގޮތެއް ވެސް ނޯންނާނެއެވެ. ބަރުލަމާނު އެ ގާނޫނަކުން ބަނދެވޭ ގާނޫނެއް ވެސް ނޯންނާނެމެއެވެ. ޒަމާނުއްސުރެ ބެލެވިފައި އޮންނަ ގޮތުން، އަދި ގިނަ އިލްމުވެރީންގެ ނަޒަރުގައި، މި މަބްދައަކީ އިނގިރޭސި ވިލާތުގެ ދުސްތޫރީ ނިޒާމުގެ މައިތަނބެވެ. އެ ނިޒާމުގެ ބުންޔާދެވެ.

މި ޒަމާނުގެ ގިނަ ދައުލަތްތަކުގައި އޮންނަނީ ބަރުލަމާނީ ސިޔާދަތުގެ މަބްދައެއް ނޫނެވެ. މިހާރު ގިނަ ތަންތަނުގައި ބަލައިގެންފައި އޮންނަނީ ދުސްތޫރީ ސިޔާދަތު، ނުވަތަ ގާނޫނުއަސާސީގެ ސިޔާދަތުގެ މަބްދައެވެ. އިނގިރޭސި ނަމުން ދަންނަވާ ނަމަ، ކޮންސްޓިޓިޔުޝަނަލް ސުޕްރެމަސީގެ މަބްދައެވެ. ހުޅަނގުގެ ގައުމުތަކުގައި މި މަބްދައު އުފަން ވެގެން އައިސްފައި ވަނީ ޖޯން ލޯކް އާއި، ޖީން ޖެކްސް ރޫޒޯ އާއި، ތޯމަސް ޕެއިން ފަދަ ފަލްސަފާވެރީންގެ އިލްމީ ފިކުރާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދައުލަތުގެ ބިންގާ އެޅުމުގައި އިސްކޮށް އުޅުއްވި "ފައުންޑިންގ ފާދަރޒް"ގެ ސިޔާސީ ފިކުރުގެ ތެރެއިންނެވެ. "ފައުންޑިންގ ފާދަރޒް"ގެ ފިކުރު އެންމެ ތަފްސީލުކޮށް ހުށައަޅައިދެވިފައި ވަނީ، އެމެރިކާގެ ގާނޫނުއަސާސީ ލިޔުނު ދުވަސްވަރު، އެލެގްޒެންޑަރ ހެމިލްޓަން ފަދަ ބޭފުޅުން ލިޔުއްވަވައި ޝާއިއު ކުރެއްވި "ދަ ފެޑެރަލިސްޓް ޕޭޕަރޒް" މަޒުމޫނުތަކުގައެވެ.

އެމެރިކާގެ ދުސްތޫރީ ނިޒާމު ހިނގައިގަތްތާ ފަނަރަވަރަކަށް އަހަރުގެ ތެރޭގައި، އެ ގައުމުގެ ފެޑެރަލް ސުޕްރީމް ކޯޓުން ނިންމި "މާރބެރީ ވަރސަސް މެޑިސަން (1803)" ގަޒިއްޔާގައި، ދުސްތޫރީ ސިޔާދަތުގެ މަބްދައަކީ އެމެރިކާގެ ދުސްތޫރީ ނިޒާމުގެ އަސާސުކަން ނިކަން ބަލާޣާތްތެރިކޮށް ބަޔާން ކޮށްދީފައި ވެއެވެ. އަދި ދައުލަތެއްގައި ގާނޫނުގެ ހުކުމް ނަގަހައްޓައި "ގަވަރންމަންޓް އޮފް ލޯވ، ނޮޓް މެން" ގެ އުސޫލު ގާއިމު ކުރެވޭނީ ގާނޫނުއަސާސީއެއް އޮވެގެން، އެ ގާނޫނުއަސާސީއަށް ސިޔާދަތު ދެވިގެން، އަދި ސިޔާސީ ހުރިހާ ބާރުތަކެއް އެ ގާނޫނުއަސާސީގެ ދަށުން މަހުދޫދު ކުރެވި، ކޮންޓްރޯލް ކުރެވިގެންކަން ސާފު ކޮށްދީފައި ވެއެވެ. މި މަބްދައު އޮންނަ ތަނެއްގައި ނަމަ، ދައުލަތުގެ ސިޔާދަތީ ބާރު އޮންނާނީ، ދުސްތޫރީ ނިޒާމުގެ ތިން ގުނަވަނަށް ބެހިފައެވެ. ގާނޫނު ހެދުން ގާނޫނު ހަދާ މަޖިލިހަށް، ދައުލަތް ހިންގުމާއި ގާނޫނު ހިންގައި ތަންފީޒު ކުރުން ތަންފީޒީ ބާރަށް، އަދި ޝަރީއަތް ކުރުމާއި ހުކުމް ކުރުމާއި އަދުލުއިންސާފު ގާއިމު ކުރުން ޖުޑީޝަރީއަށެވެ. އެއްވެސް ބާރަކަށް އަނެއް ބާރެއްގެ އިޚްތިޞާޞުގެ މައްޗަށް އަރައެއްނުގަނެވޭނެއެވެ. އެއްވެސް ބާރަކުން އަނެއް ބާރެއްގެ އިޚްތިޞާޞުގެ ތެރެޔަށް އަތް ބާނައިގަތުމަކީ މުޅި ދައުލަތުގެ ސިޔާދަތު ނިގުޅައިގަނެ، ގާނޫނުގެ ހުކުމް ނަފީ ކޮށް، ދުސްތޫރިއްޔަތާއި "ގަވަރންމަންޓް އޮފް ލޯވ" ނަފީ ކުރުމެވެ. އެއީ ޚުދުމުޚުތާރިއްޔަތެވެ. އެކަން ކުރަނީ ރަސްކަލެއް ފަދަ އެންމެ ފަރުދަކު ނަމަވެސް، ގިނަ މީހުންތަކެއް އެކުލެވޭ ކައުންސިލެއް ނުވަތަ މަޖިލިހެއް ފަދަ ތަނަކުން ނަމަވެސް، އަދި އެކަން ކުރަނީ އަސްކަރީ ބާރުގައި ވެރިކަން ފިރުކައިގަނެގެން އުޅޭ ފަރާތަކުން ވިޔަސް، އަދި ރައްޔިތުން ދިން ވޯޓަކުން ވެރިކަމަށް އައި ބަޔަކު ވިޔަސް ވެހެވެ.

ކުރީން ވެސް ދެންނެވި ފަދައިން، މި ޒަމާނުގެ ގިނަ ދައުލަތްތަކުގައި އޮންނަނީ ދުސްތޫރީ ސިޔާދަތުގެ މަބްދައެވެ. ދުސްތޫރީ އިލްމުވެރީންގެ ގާތުގައި، ހެޔޮ ޖުމްހޫރީ ވެރިކަމެއް ކުރުމަށް ޓަކައި، ބަރުލަމާނީ ސިޔާދަތަށް ވުރެ ރަނގަޅީ ވެސް ދުސްތޫރީ ސިޔާދަތު އޮތުމެވެ. އަދި ކީއްތޯއެވެ؟ ބަރުލަމާނީ ސިޔާދަތުގެ މަބްދައުގެ "ވަޒަން" ކަމުގައި ޒަމާނުއްސުރެ ބެލެވިފައި އޮތް އިނގިރޭސި ވިލާތުގައި ވެސް، ބަރުލަމާނަށް ހަގީގަތުގައި ސިޔާދަތު ނޯންނަ ކަމަށާއި، ލިޔެވިފައި ހުރި ދުސްތޫރީ އެތައް ގާނޫނަކާއި އުސޫލުތަކަކުން ބަރުލަމާނު ބަނދެވިގެން ވާކަމަށް އެ ގައުމުގެ އިލްމީ ބައެއް ބޭފުޅުން ވިދާޅުވެއެވެ. މި ވީޑިޔޯއިން އެފަދަ އެއް ބޭފުޅަކު މި މައުޒޫގައި ދެއްވި ތަގުރީރެއް ބައްލަވައިލެއްވޭނެއެވެ. އިނގިރޭސި ދުސްތޫރީ ގާނޫނުގެ ފޮތްތަކުގައި، އެ ގައުމުގައި ބަރުލަމާނީ ސިޔާދަތު އޮންނަ ކަމަށް ބުނެވޭ ބުނުމާ ދެކޮޅަށް ނެރެވޭ އެތައް ޒުވާބުތަކެއް ބަޔާން ކޮށްދީފައި ހުރެއެވެ. "ލެޖިސްލޭޓިވް އެންޓްރެންޗްމެންޓް" ފަދަ މަފްހޫމްތަކަކީ މި މައުޒޫގައި ފާހަގަ ކޮށްލެވޭ މަފްހޫމުތަކެވެ. ހަމައެހެންމެ، އިނގިރޭސި ވިލާތުގައި ދުސްތޫރެއް ލިޔެ، ދުސްތޫރީ ސިޔާދަތު ގެނައުމަށް ގޮވައިލާ ގޮވައިލުންތައް ވެސް ދަނީ ގިނަ ވަމުންނެވެ. އެގޮތުން ލިޔެވިފައި ވާ ލިޔުމެއް މި ލިންކުން ވިދާޅުވެލައްވާށެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ބަލައިލާ އިރު، އޮޅުމަކަށް، ބަހުސަކަށް، ވަހުމަކަށް ޖާގައެއް ނެތް މިންވަރަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައި ވަނީ، ރާއްޖޭގައި އޮންނާނީ ދުސްތޫރީ ސިޔާދަތު ކަމުގައެވެ. ގާނޫނުއަސާސީގެ 8 ވަނަ މާއްދާ އާއި 268 ވަނަ މާއްދާއިގައި އެކަން ވަނީ ވަރަށް ސަރީހަކޮށް ބަޔާން ކުރެވިފައެވެ.

ދުސްތޫރީ ސިޔާދަތު އޮންނަ ތަންތަނުގައި، ގާނޫނު ހަދާ މަޖިލިސް ވެސް ޖެހޭނީ ގާނޫނުއަސާސީޔަށް ތަބައަ ވާށެވެ. ގާނޫނުއަސާސީއާ ޚިލާފަށް އެ މަޖިލިހަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ދައުލަތުގެ އެހެން ބާރުތަކުގެ އިޚްތިސާސުގެ ތެރެޔަށް ވަދެ، އެހެން ބާރުތައް އިސްލާހު ކުރާ "ބޮޑުމީހާ" އަށް ވެގެން އުޅުމުގެ ދުސްތޫރީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް މަޖިލިހަކަށް ނުއޮންނާނެއެވެ. މަޖިލިހުން ކުރާން ޖެހޭނެ ކަމަކީ މަޖިލިސް އިސްލާހު ކުރުމެވެ. އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކާ މެދު މަޖިލިހަށް ކުރެވޭނީ، ގާނޫނުއަސާސީން ކަނޑައެޅިގެން ބަޔާން ކުރާ ގޮތުގެ މަތިން، ޖަވާބުދާރީ ކުރުވުމުގެ ނިޒާމުގެ ތެރެއިން މަޖިލިހާ ހަވާލު ކޮށްފައިވާ މަސައްކަތެވެ. މި މަސައްކަތުގައި، މަޖިލިސް ވެސް އޮންނާނީ ގާނޫނުއަސާސީގެ އިންތަކުން މަހުދޫދު ވެފައެވެ. މަޖިލިހުން ކުރާ ހުރިހާ ކަމެއް ވެސް، އަދި މަޖިލިހުން ނިންމާ ހުރިހާ ނިންމުމެއް ވެސް، ގާނޫނުއަސާސީއާ ޚިލާފު ވެއްޖެ ނަމަ ވާނީ ބާތިލެވެ. އަދި މަޖިލިހުން ކުރާ ކަންކަން ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ނަމަ، އެކަން ބަލައި "ޖުޑީޝަލް ރިވިޔު"ގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ބާރު، މިނިވަން ޖުޑީޝަރީއަކަށް އޮންނާނެއެވެ. މިހެން ކަންކަން އޮންނާން ޖެހެނީ ކީއްވެގެންކަން ސާފު ކުރެއްވުމަށް ޓަކައި، ކުރިން އެ ގަޒިއްޔާއަކަށް އަޅުގަނޑު އިޝާރާތް ކުރި މާރބެރީ ވަރސަސް މެޑިސަން ގަޒިއްޔާގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން މާރޝަލް އިއްވެވި ހުކުމާއި، ފެޑެރަލިސްޓް މަޒުމޫނުތަކުގައި އެލެގްޒޭންޑަރ ހެމިލްޓަނާއި، ޖޭމްސް މެޑިސަނާއި، ޖޯން ޖެއި ލިޔުއްވި ލިޔުއްވުންތައް ބައްލަވައިލައްވާށެވެ. ފެޑެރަލިސްޓް 73 ވަނަ މަޒުމޫނުގެ ފަސްވަނަ ޕެރެގްރާފުގައި ވަރަށް ކުރުކޮށް ހެމިލްޓަން މި ނުކުތާއަށް އަލި އަޅުއްވައިލައްވައިފައިވެ އެވެ.

މި ދެންނެވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރުމަށް ޓަކައި ކުރާން ޖެހިފައި އޮތް ބޮޑު މަސައްކަތްތަކާއި، އެ މަސައްކަތް ފަށައިގަންނަ އިރު އަޅުގަނޑުމެންގެ ވިސްނުމުގައި ބަހައްޓާން ޖެހޭކަމަށް އަޅުގަނޑަށް ފެންނަ މުހިއްމު ނުކުތާތަކެވެ. މުޅި ގައުމު މިއަދު މި މައްސަލަޔާ މެދުގައި ފުންކޮށް ވިސްނާން ޖެހޭކަމީ އަޅުގަނޑު ހިތުން ގައުމު ދެކެ ލޯބިވާ އެއްވެސް ދިވެހި ދަރިޔަކު ދެބަސް ވާނެ ކަމެއް ނޫނެވެ.

comment ކޮމެންޓް