ހުޅަނގު އައްސޭރީގެ ބައެއް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދިދާނެ: އެމެރިކާ

އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު

ރާމަﷲ (ޖޫން 9): 1976 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު އައްސޭރީގެ ބިމުގެ ބައެއް އިސްރާއީލުގެ ބިމެއްގެ ގޮތުގައި ހެދުމުގެ ހައްގު އިސްރާއީލަށް އެބައޮތް ކަމަށް ވިދާޅުވެ އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވީޑް ފްރީޑްމަން ދެއްކެވި ވާހަކަތަކަށް ރުޅިވެރިކަމާއެކު ފަލަސްތީނުން ރައްދު ދީފިއެވެ.

ފަލަސްތީން ސަރުކާރުގެ އިސް ނެގޯސިއޭޓަރު އަދި ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ސާއިބު އުރައިގާތު ވިދާޅުވީ މިއީވެސް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައި މެދުވެރިއެއްގެބައި އަދާކުރަން އެމެރިކާ ކުފޫ ހަމަނުވާކަމާއި އެމެރިކާއަކީ އިސްރާއީލުގެ އިސްތިއްމާރަށް ތާއީދުކުރާ އަދި ފަލަސްތީނުގެ ހައްގުތަކަށް އިޙްތިރާމް ނުކުރާ ގައުމެއްކަން ހާމަވާ ކަމެއް ކަމުގައެވެ.

ނިއުޔޯކް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ފްރީޑްމަން ވިދާޅުވީ، ހުޅަނގު އައްސޭރީގެ ބިމުން ބައެއް ނަމަވެސް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަދައި އެނެކްސް ކުރުމުމުގެ ހައްގު އިސްރާއީލަށް ލިބިފައިވާކަމަށް ގަބޫލުކުރައްވާކަމަށާއި، ނަމަވެސް ހުޅަނގު އައްސޭރީގެ ބައެއް ފަލަސްތީނަށް އޮންނަންވާނެ ކަމުގައެވެ. ގުދްސްގެ އިރުމަތީ ބައި ހިމެނޭގޮތަށް ހުޅަނގު އައްސޭރީގެ ހުރިހާ ބިންތަކަކީވެސް 1976 ގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން އަތުލައިގަތް ފަލަސްތީނުގެ ބިންތަކެވެ. އެބިންތަކަކީ ފަލަސްތީނުގެ މުޅި ބިމުގެ ގާތްގަނޑަކަށް 21 އިންސައްތަ ބިމެވެ.

1967 ގައި ހުޅަނގު އައްސޭރިއަށް ވެރިވެގަތުމަށްފަހު އިސްރާއީލު ގެންދަނީ 1970 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ ގާނޫނުތަކާ އަދި އދ. ގެ ގަރާރުތަކާ ޚިލާފަށް އެސަރަހައްދަށް ބޭރުގައުމުތަކުން ޔަހޫދީން ގެނަސް ވަޒަންވެރިކުރުވައި ޔަހޫދީ އަވަށްތައް އުފައްދަމުންނެވެ. މިގޮތުން މިހާތަނަށް ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް 18 އިންސައްތަ ބިމުގައި މިލިޔަނެއްހާ ޔަހޫދީން އިސްރާއީލުން ވަނީ ގަވައިދާ ޚިލާފަށް ވަޒަންވެރި ކުރުވާފައެވެ. މިކަމުގެ ބޭނުމަކީ ޔަހޫދީން ދިރިއުޅޭ ކަމަށްބުނެ ހުޅަނގު އައްސޭރީގެ ބިމުގެ ބޮޑުބައެއް އިސްރާއީލުގެ ބިންތަކުގެ ގޮތުގައި މުސްތަގްބަލްގައި ހެދުމަށް މަގުފަހި ކުރުމެވެ.

އިސްރާއީލުވަނީ ހުޅަނގު އައްސޭރީގެ ބައެއް ކަމަށްވާ ގުދްސްގެ އިރުމަތީ ބައިވެސް އިސްރާއީލުގެ ބިމެއްކަމަށް ނިންމައި މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ގައިދާ ޚިލާފަށް ހަދާފައެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ އަދި އދ. ގެ ގަރާރުތަކާ ޚިލާފު އަމަލެއް ކަމަށްވިޔަސް އެމެރިކާ ވަނީ އިސްރާއީލުގެ މި ބާތިލް ނިންމުން ގަބޫލުކޮށް އެމެރިކާގެ އެންބަސީ މިދިޔަ އަހަރު ގުދްސަށް ބަދަލުކޮށްފައެވެ. އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު ޑޭވިޑް ފްރީޑްމަންއަކީ ހަރުކަށި ޒަޔަނިސްޓް ފިކުރުގެ ޔަހޫދީއެކެވެ. އޭނާގެ ވާހަކަތަކަށް ރައްދުދެއްވަމުން ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އެގްޒެކެޓިވް މެމްބަރެއް ކަމަށްވާ ޑރ. ހަނާން އަޝްރާވީ ވަނީ ފްރީޑްމަން އެދައްކަވަނީ ބިމެއް ވަގަށް ނެގުމަށްފަހު އެއީ އިންސާފުން ކުރި ކަމެއް ކަމަށް ބުނެ ދޮގުހެދުމުގެ ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ.

މިއީ ފަލަސްތީނު މައްސަލަ ހައްލުކުރުމުގެ ނަމުގައި ސުލްޙައިގެ މަޝްރޫއެއް އިއްލާން ކުރަން އެމެރިކާ ތައްޔާރުވަމުންދާ ދުވަސްވަރެކެވެ. ފްރީޑްމަންގެ މި ވާހަކަފުޅާއެކު، އެމެރިކާގެ އިއްލާންކުރާ ސުލްޙައިގެ މަޝްރޫއާ ފަލަސްތީނުން ދެކޮޅުހަދާ މިންވަރު ކުރިޔަށްވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމަށް އޮބްޒާވަރުން ދެކެއެވެ. ބައިނަލްއަގްވާމީ ގާނޫނުތަކާ އަދި އދ. ގެ ގަރާރުތަކާ ޚިލާފަށް ހަމައެކަނި އިސްރާއީލުގެ މަސްލަހަތުތައް ރައްކާތެރި ކުރެވޭގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރަން އެމެރިކާ މަސައްކަތްކުރާތީ ފަލަސްތީނުންވަނީ އެމެރިކާ އިސްވެ އޮވެގެން ކުރިޔަށް ގެންދާ ސުލްޙައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެ އެމެރިކާ ބޮއިކަޓް ކުރުމަށް ނިންމާފައެވެ. ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ މައްސަލާގައި ކަންކަން ކުރުމަށް އެމެރިކާއަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.

ފަލަސްތީނުންވަނީ އެމެރިކާ އިސްވެއޮވެގެން ބަހްރައިންގައި ބޭއްވުމަށް ރާވާފައިވާ އިގްތިސާދީ މަހާސިންތާގައިވެސް ބައިވެރި ނުވުމަށް ނިންމާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް