ރާއްޖޭގެ ޓޫރިޒަމްގެ އާ މާކެޓަކަށް އިންޑިއާ

ޓޫރިސްޓުންތަކެއް އެއާޕޯޓްގައި. -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރަމުން އަންނަ މާކެޓެއްގެ ގޮތުގައި އަވަށްޓެރި އިންޑިއާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 86 ޕަސެންޓް އިތުރުވެފަ އެވެ. އެއާ އެކު، އިންޑިއާ މިހާރު ވަނީ ފަސް ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމަށެވެ.

އިންޑިއާގެ އިތުރުން ދެން ހިމެނެނީ، ޗައިނާ، ފްރާންސް، ޖަރުމަން، އިޓަލީ، ރަޝިޔާ އަދި ޔޫކޭ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީއިން އެޕްރީލްއަށް ވަނީ 48،876 ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 95.3 ޕަސެންޓް އިތުރު އަދަދެކެވެ. އެޕްރީލް މަހު އެކަނިވެސް އިންޑިއާއިން ވަނީ 12،823 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 129 ޕަސެންޓް އިތުރު އަދަދެކެވެ.

މި ކުރިއެރުމާ އެކު އިންޑިއާ މާކެޓަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 7.6 ޕަސެންޓް ހިއްސާކުރާ ގައުމެވެ.

އެމްއެމްއޭގެ އިގްތިސާދީ ކުއާޓްލީ ބްލެޓިންގައި ވެސް ފާހަގަ ކުރާ ގޮތުގައި އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ކުރިއަރަމުން އަންނަ މާކެޓެވެ. އެ ގައުމުން އަންނަ ފަތުރުވެރިން ބާރު ދުވެލީގައި ކުރިއަރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، އޭޝިޔާ ޕެސިފިކް މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ 16 ޕަސެންޓް އިތުރުވެފަ އެވެ.

މީގެ އިތުރުން، އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓް އަންނަ ޗައިނާގެ މާކެޓްވެސް މިހާރު ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ މާކެޓުން ވަނީ ހަ ޕަސެންޓްގެ ކުރިއެރުން ހޯދައިފަ އެވެ.

މިއަހަރުގެ މިހާތަނަށް، ރާއްޖެއަށް ވަނީ 646،092 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 19.7 ޕަސެންޓްގެ ކުރިއެރުމެކެވެ.

comment ކޮމެންޓް