ސްޕެއިން އާއި ޕޯޗުގަލް ގުޅިގެން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބިޑް ކުރަނީ

ވޯލްޑް ކަޕުގެ ރަން ޓްރޮފީ ---

ސްޕެއިން އާއި ޕޯޗުގަލް ގުޅިގެން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބިޑު ކުރަން ނިންމާފައިވާ ކަމަށް އެ ދެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

ދެހާސް ދިހަވަނަ އަހަރުގެ ވޯލްޑް ކަޕު ސްޕެއިން އިން ކާމިޔާބު ކުރުމަށްފަހު އެ ގައުމާއި ޕޯޗުގަލްއިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕު އެ ދެ ގައުމަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ބިޑު ކޮށްފަ އެވެ. ނަމަވެސް އެ ބިޑު ކާމިޔާބު ކުރީ ރަޝިޔާއިންނެވެ. އަދި އެ ގައުމުން ވަނީ ވޭތުވެ ދިޔަ އަހަރު އެ މުބާރާތް ވަރަށް ވެސް ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.

ރޯޔަލް ސްޕެނިޝް ފެޑެރޭޝަނާއި ޕޯޗުގަލް ފުޓުބޯޅަ ފެޑެރޭޝަނަކީ ޒަމާނުއްސުރެން ވަރަށް ބަދަހި ގުޅުމެއް ބާއްވާ ދެ އިދާރާ އެވެ. އެގޮތުން އެ ދެ އިދާރާއިން މިހާރު ވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕު އެ ދެ ގައުމު ގުޅިގެން ބާއްވާ ގޮތަށް ބިޑު ކުރާނެ ކަން އިއުލާން ކޮށްފަ އެވެ. އައިބީރިއަން ޕެނިންސޫލާއަށް ނިސްބަތްވާ އަވަށްޓެރި މި ދެ ގައުމުގެ ފުޓުބޯޅައިގައި ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް ވަރަށް ބޮޑަށް އެހީތެރިވެއެވެ.

މި ދެ ފެޑެރޭޝަނުގެ އޮފިޝަލް ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕު މި ދެ ގައުމުގައި ބޭއްވުމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

މީގެ އިތުރުން ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަނީ އެގައުމުގައި ވޯލްޑް ކަޕް ބާއްވަން ބޭނުންވާ ކަމަށް މީގެ ކުރީން ބުނެފަ އެވެ.

މި ދެ ގައުމުގެ އިތުރުން ބުލްގޭރިއާ، ގްރީސް، ސާބިއާ، ރޯމޭނިއާ އަދި އާޖެންޓީނާގެ އިތުރުން މޮރޮކޯ ވެސް ވަނީ އެ އަހަރުގެ ވޯލްޑް ކަޕަށް ބިޑު ކުރާނެ ކަން އިއުލާން ކޮށްފަ އެވެ. މީގެ އިތުރުން އިނގިރޭސި އިއްތިހާދުގެ ހަތަރު ގައުމުން ވެސް ވަނީ އެ އަހަރުގެ މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.

comment ކޮމެންޓް