މިދިޔަ ހަފްތާގައި މާލޭގައި 38 އެކްސިޑެންޓު

މިދިޔަ ހަފްތާގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ގެއްލުން ލިބިފައިވާ ކާރެއް -- ސަން ފޮޓޯ

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 38 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ އެކްސިޑެންޓުތަކުގައި 11 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ސިނަމާލެ ބުރިޖާއި ލިންކު ރޯޑު އަދި މާލެ އާއި ހުޅުމާލޭގައިވެސް އެކްސިޑެންޓުތައް ހިނގިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖުމެންޓު ޑިޕާޓްމެންޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 174 ވެހިކަލެއް މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވަނީ ޗެކުކޮށްފައެވެ. ޗެކު ކުރެވުނު އުޅަނދުތަކުގެ ތެރެއިން ލައިސަންސް ނެތް ފަރާތްތަކުން ދުއްވާފައިވާ 88 އުޅަނދު ފާހަގަ ވެފައިވާ ކަަމަށާއި ލައިސަންސް އޮތް ނަމަވެސް އުޅަނދު ދުއްވި ވަގުތު އަތުގައި ލައިސަންސް ނެތް 58 މީހަކު ފާހަގަވިކަމަށް ވެސް ފުލުހުން ބުނެއެވެ.

ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 50 ވެހިކަލެއް ފުލުހުންނަށް ފާހަގަވެފައިވާއިރު އެކްސިޑެންޓުތަކާ ގުޅިގެން 15 މީހެއްގެ ލައިސަންސް ވަނީ ހިފަހައްޓައިފައެވެ. ހެލްމެޓު އަޅައިގެން ދުއްވާން ޖެހޭ ސަރަހައްދުގައި ހެލްމެޓު ނާޅައި ދުއްވި 10 މީހެއްގެ މައްސަލަ ފާހަގަވެފައިވާއިރު އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 59 މައްސަލައެއް ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ.

މި މަހުގެ ފުރަތަމަ ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުޅަނދުގެ އިންޝުއަރެންސް ނެތް ނުވަތަ ހަމަވެފައިވާ 17 މައްސަލައަކާއި ރޯޑު ވާދިނެސް ނެތް 19 މައްސަލައެއް އަދި އަހަރީ ފީއާ ގުޅޭ 23 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ.

comment ކޮމެންޓް