ދުވާފަރު ފުޓްސަލް ޗެލެންޖް 19: ސިލްވާ ޔުނައިޓެޑް ބަލިކޮށް އިލަވަން އެޓޭކާސް ފެށުން ރަނގަޅު ކޮށްފި

ދުވާފަރު ފުޓްސަލް ޗެލެންޖުގައި އިއްޔެ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލު ކުރަނީ

ރ. ދުވާފަރު ޔޫތް މޫވްމަންޓާއި އެ ރަށުގެ ޒުވާނުންގެ ޖަމްޢިއްޔާ ގުޅިގެން މުޅިން އަލަށް ދުވާފަރު ފުޓްސަލް ޗެލެންޖް 2019ގެ ނަމުގައި މުބާރާތެއް ފަށައިފި އެވެ.

ކުޅިވަރުގެ ރޮނގުން މަޝްހޫރުކަން ހޯދަމުން އަންނަ ރަށެއް ކަމަށްވާ ދުވާފަރުގައި މި ފެށި މުބާރާތަކީ އެ ރަށު ޒުވާނުންނަށް ހާއްސަކޮށްގެން ރަށުގައި ފުޓުބޯޅަ ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގެ ކުޅުން އިއްޔެ ފަށާފައިވާ އިރު ފައިނަލަށް ދަތުރު ކުރާނީ ހަތަރު ޓީމުގެ މެދުގައި ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ބައްދަލުކުރީ ސިލްވަރ ޔުނައިޓެޑް އަދި އިލަވަން އެޓޭކާރސް އެވެ.

މިމެޗް ހަތަރު ލަނޑު އެއްލަނޑުން ކާމިޔާބުކުރީ އިލަވަން އެޓޭކާރސްއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އިލަވަން އެޓޭކާރސްގެ ޖާރޒީ ނަންބަރު 11 އިބުރާހީމް ރަޝީދު (ޖެރާޑް) އެވެ. އެޓީމްޖެހި ހަތަރު ގޯލްވެސް ކާމިޔާބުކުރީ އޭނާއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 15،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާ އިރު ދެން އަންނަ އަހަރުގެ މުބާރާތް މިއަދަދު އިތުރުކޮށް މުބާރާތް އިތުރަށް ފުޅާ ކުރާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ދުވާފަރު ޔޫތް މޫމެންޓުން ވަނީ ބުނެފަ އެވެ.

މިއަދުވެސް މި މުބާރާތުގައި މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. މިމެޗްގައި ބައްދަކުރާނީ ޑާރކް ޕާރކް އަދި ދުވާފަރު ޕޮލިސް ޓީމެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

comment ކޮމެންޓް