އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުގެ އާމްދަނީ ދަށް، ދަރަނި މައްޗަށް

އެމްއެމްއޭ--- ސަން ފައިލް ފޮޓޯ

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަސް، ނޫނީ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ޖުމްލަ ދަރަނި ތިން ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ އިކޮނޮމިކް ބްލެޓިން ރިޕޯޓްގައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނީ ވަނީ، 49.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ މިދިޔަ އަހަރު ނިމުނުއިރު ދަރަނި ހުރި އަދަދު ކަމަށްވާ، 48 ބިލިއަން ރުފިޔާއަށް ވުރެ، 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ، 3.3 ޕަސެންޓް އިތުރުވުމެކެވެ.

ޖުމްލަ ދަރަނި އިތުރުވީ ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނިވެސް ބޮޑުވެފައި ވާތީ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރުގެ ދަރަނި ވަނީ، 20.3 ބިލިއަން ރުފިޔާއިން 20.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ބޭރުގެ ދަރަނި އިތުރުވި މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓްގައި ބުނީ، މުދާ ގަތުމަށް ބޭރުން ނެގި ލޯނުތަކުގެ އަދަދު އިތުރުވުމެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅިން އަލަށް 558.8 މިލިއަން ރުފިޔާގެ ލޯނު ވަނީ ބޭރުގެ ފަރާތްތަކުން ނަގައިފަ އެވެ.

އެތެރޭގެ ދަރަނި ވެސް ވަނީ އިތުރުވެފައިވާކަން ރިޕޯޓްގައި ފާހަގަ ކުރެ އެވެ. އެގޮތުން، މިދިޔަ އަހަރު ނިމުނު އިރު އެތެރޭގެ ދަރަނި 27.7 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު އަދަދު ވަނީ، 28.8 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

އެތެރޭގެ ދަރަންޏަށް އިތުރު އެއް ބިލިއަން ރުފިޔާ އިތުރުވީ، ރިޕޯޓްގައި ފާހަގަ ކުރި ގޮތުގައި ސަރުކާރުން ވިއްކި ސެކިއުރިޓީޒްގެ އަދަދު އިތުރުވެފައި ވާތީ އެވެ. އެގޮތުން، އަހަރުގެ ފުރަތަމަ ތިން މަހު ބަޖެޓްގެ ދަރަނި ހަމަޖެއްސުމަށް ބޭންކްތަކަށް ވިއްކި ޓްރެޝަރީ ބިލްގެ އަދަދަށް ވަނީ، 751.9 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި މާލީ އެހެނިހެން އިދާރާތަކަށް ވިއްކި ޓީބިލްގެ އަދަދަށް ވަނީ، 386.8 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ބަޖެޓް ދަރަނި ހަމަޖެއްސުމަށް ވިއްކާފައިވާ ޓީބިލްގެ އަދަދު މިހާރު ދަށްވަމުން އަންނަކަން ރިޕޯޓްގައި ފާހަގަ ކުރެ އެވެ.

އާމްދަނީ ދަށަށް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ އާމްދަނީއަށް އައި ބަދަލަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރު ވަނީ އާމްދަނީ އިން 71.9 މިލިއަން ރުފިޔާ މަދުވެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ރިސޯޓް ކުލީގެ ގޮތުގައި ލިބޭ އާމްދަނީ މަދުވުން އަދި ޓެކްސް އާމްދަނީ ވެސް ދަށަށް ދިޔުމެވެ.

އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ޖުމްލަ އާމްދަނީ އަކީ، 4.1 ބިލިއަން ރުފިޔާ ކަމަށްވާއިރު އެ އާމްދަނީގެ 83 ޕަސެންޓް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 3.4 ބިލިއަން ރުފިޔާއަށް ދަށަށް ގޮސްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 18.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެގޮތުން ޓީޖީއެސްޓީ އާއި ގްރީން ޓެކުހުގެ އާމްދަނީ ވަނީ ދަށްވެފަ އެވެ. ރިޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓީޖީއެސްޓީގެ އާމްދަނީއިން 62.8 މިލިއަން ރުފިޔާ މަދުވިއިރު، ގްރީން ޓެކުހުން 30.3 މިލިއަން ރުފިޔާ މަދެވެ.

ނަމަވެސް ވިޔަފާރީގެ ފައިދާގެ ޓެކްސް، ބީޕީޓީއިން ލިބުނު އާމްދަނީ ވަނީ 24.5 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި އިމްޕޯޓް ޓެކްސްގެ އާމްދަނީއިން ވެސް 45.9 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ ވަނީ 17 ޕަސެންޓް ދަށްވެފަ އެވެ. ސަބަބެއް ކަމަށް ރިޕޯޓްގައި ބުނީ، ސަރުކާރު ކުންފުނިތަކުގެ ފައިދާ ދަށްވެ ސަރުކާރަށް ލިބުނު ޑިވިޑެންޑް ދަށްވުމެވެ. އެކަމާ ހުރެ، ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ އިން ވަނީ 94.4 މިލިއަން ރުފިޔާ މަދުވެފަ އެވެ.

އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުގެ ހަރަދުތައް ހުރީ 3.5 ބިލިއަން ރުފިޔާގަ އެވެ. އެއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 177.4 މިލިއަން ރުފިޔާ މަދު އަދަދެއް ކަމަށް އެމްއެމްއޭ އިން ފާހަގަ ކުރެ އެވެ.

comment ކޮމެންޓް