ޔޫރޯ ކޮލިފިކޭޝަން 2020: ތުރުކީއިން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނަވާލައިފި

ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ފްރާންސާއި ތުރުކީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ޖޭމްސް ވިލޫބީ

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ތުރުކީއިން އެންމެ ފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ގުރޫޕުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ތުރުކީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ފްރާންސްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މިއީ ތުރުކީގެ ތާރީހުގައި ވެސް ފުޓުބޯޅަ މެޗަކުން ފްރާންސް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. ރޭގެ މޮޅާ އެކު އެ ތުރުކީއިން ވަނީ ކޮލިފިކޭޝަނުގެ ގްރޫޕް އެޗުން އެއްވަނައަށް ޖެހިލައިފަ އެވެ. މެޗުން ބަލިވި ފްރާންސް އޮތީ ގުރޫޕް ތާވަލުގެ ދެވަނައިގަ އެވެ.

ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް ތުރުކީއިން ގުރޫޕު ތާވަލުގެ އެއްވަނަ ހޯދާފައިވާ އިރު އެ ޓީމަކީ މީގެ ކުރިން ބޮޑެތި ގައުމުތައް ގާތުން ހީނުކުރާ ނަތީޖާ ނެރެފައިވާ ގައުމެކެވެ. އެގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް އެ ގައުމުން ވަނީ އެންމެން ހައިރާން ކޮށްލުމަށް ފަހު މުބާރާތުގެ ތިންވަނަ ހޯދައިފަ އެވެ.

ރޭގެ މެޗު ފެށިގެން މޮޅަށް ކުޅުނީ ވެސް ތުރުކީއިންނެވެ. އެ ޓީމުން ވަނީ އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި ފްރާންސަށް ސިހުން ގެނެސްފަ އެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ކާން އޭހަންއާއި ކެންޒިޖް އަންޑާ އެވެ. ދެވަނަ ހާފުގައި ކުޅެން ނުކުމެ ފްރާންސް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި ގޯލެއް ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ތުރުކީގެ ޑިފެންސާއި ކީޕަރުގެ ހުށިޔާރު ކަމުން ފްރާންސްގެ ކުޅުން ވަނީ ހުއްޓުވައިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއާ ޑެސްޗޭމްޕް ބުނީ އެ މެޗުން އެއްވެސް ޕޮސިޓިވް ކަމެއް ފްރާންސްގެ ޓީމުގެ ފަރާތުން ފާހަގަ ނުވާ ކަމަށެވެ.

"އަހަރަމެނަކީ ދުނިޔޭގެ ޗެމްޕިއަނުންކަމުގައި ވިޔަސް ހުރިހާ އުފަލެއް ލިބޭނެ ކަމަށް ދެކިގެން ނުވާނެ. މިރޭ ޓީމު ދެއްކީ ވަރަށް ދަށް ކުޅުމެއް. ފާހަގަ ކޮށްލެވޭ ރަނގަޅު ކަމެއް ނުފެނުން." ފްރާންސްގެ ކޯޗު ބުންޏެވެ.

comment ކޮމެންޓް