ލަންކާގެ އިންޓެލިޖެންސްގެ ވެރިޔާ މަގާމުން ވަކިކޮށްފި

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އިންޓެލިޖެންސްގެ ވެރިޔާ ސިސިރާ މެންޑިސް މަގާމުން ދުރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކޮލޮމްބޯ (ޖޫން 9): ސްރީލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ބެހޭ ގޮތުން ދެއްކެވި ވާހަކައަކާ ގުޅިގެން އެގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ސިސިރާ މެންޑިސް މަގާމުން ދުރުކޮށްފިއެވެ.

އޭޕްރިލް މަހުގެ 21ގައި ލަންކާގެ ނަސާރާ ފައްޅިތަކަށް އަމާޒުކޮށް ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު މާ ކުރިން އިންޑިއާގެ ޖާސޫސީ އިދާރާތަކުން ލަންކާއާ ހިއްސާ ކުރިއެވެ. ނަމަވެސް ރައީސް ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވާ ގޮތުން އެ ދެ ބޭފުޅުންނާ އެފަދަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

އަދި އެމައުލޫމާތު ލިބުމުން ގައުމުގެ ސަލާމަތީ ބާރުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ސަބަބު ބަލަން ވިކްރަމަސިންހަ ވަނީ ޕާލިމެންޓަރީ ކޮމިޓީއެއް އުފައްދަވާފައެވެ.

އެ ކޮމިޓީގައި މިދިޔަ ބުދަ ދުވަހު ވާހަކަ ދައްކަވަމުން މެންޑިސް ވިދާޅުވި ގޮތުގައި އެގައުމުގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުންތައް ގަވާއިދުން ބާއްވާފައި ނުވެއެވެ. އޭގެ ސަބަބުން ގައުމު ރައްކާތެރިކުރުމަށް ފުރިހަމައަށް މަސައްކަތް ނުކުރެވެއެވެ.

އަދި އޭޕްރިލް ނުވައެއްގައި އޮތް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި، އެ ހަމަލާތަކުގެ އިންޒާރާ ބެހޭ ގޮތުން މެންޑިސް ވާހަކަ ދައްކަވަން މަސައްކަތް ކުރެއްވި ނަމަވެސް، އެ މައުލޫމާތު ރައީސް ސިރިސޭނާއާ ކުރިން ހިއްސާ ކުރައްވާފައިވާ ކަމަށް ސްޓޭޓް އިންޓެލިޖެންސް ސާވިސްގެ ޑިރެކްޓަރު ނިލަންތަ ޖަޔަވަރުދަނަ ވިދާޅުވި ކަމަށް މެންޑިސް ވިދާޅުވިއެވެ.

މީގެ އިތުރުން ޕާލިމެންޓަރީ ކޮމިޓީގައި ވާހަކަ ދެއްކެވި، ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނަންޑޯ ވަނީ އެކި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސިރިސޭނާއާ ބައްދަލުކުރުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވެފައެވެ. ފެނަންޑޯ އިސްތިއުފާ ދެއްވީ އޭޕްރިލް މަހު ދިން ހަމަލާތަކަށް ފަހުގަ އެވެ.

އެ ދެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރި ފަހުން، މެންޑިސް މަގާމުން ދުރުކޮށްފައިވާކަމަށް ހުކުރު ދުވަހު ރައީސް ސިރިސޭނާ ވިދާޅުވިއެވެ.

"ކޮމިޓީއަށް ހެކި ބަސް ދިނީ އަޅުގަނޑު މަގާމުން ދުރުކޮށްފައިވާ އޮފިސަރުން. ސިސިރާ މެންޑިސްވެސް ވަނީ މަގާމުން ވަކިކޮށްފަ،" ސިރިސޭނާ ވިދާޅުވި އެވެ.

އަދި އިއްޔެ ރައީސްގެ މީޑިއާ ޔުނިޓުން ނެރުނު ބަޔާނެއްގައި ވަނީ މީޑިއާތަކުން ލައިވްކޮށް ދައްކާ އެ ޕާލިމެންޓަރީ ކޮމިޓީގައި ފުލުހުންނާއި އިންޓެލިޖެންސް އޮފިސަރުން ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތު ހިއްސާކުރުމަކީ ސިރިސޭނާ ތާއިދުކުރައްވާ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އަދި ސިރިސޭނާ ވިދާޅުވި ގޮތުގައި ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ފަސް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާ އިރު، އެގައުމުގެ ބަންޑާރަ ނައިބު ވިދާޅުވީ ޕާލިމެންޓްރީ ކޮމިޓީތަކުގެ އަޑުއެހުންތަކަކީ ކޯޓުގައި ހިނގަމުންދާ މައްސަލަތަކަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގައި ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވެ، 500 މީހުންނަށް އަނިޔާވިއެވެ.

comment ކޮމެންޓް