ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ފުރާވަޑައިގެންފި

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ފުރާވަޑައިގަތުންް -- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީ އަށް އަލްވަދާއު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށްފަހު، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ.

މޯދީގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އަދި މާފިލާފުށީގައި ގާއިމްކޮށްފައިވާ ސިފައިންގެ ތަމްރީނު މަރުކަޒު އިފްތިތާހުކޮށްދެއްވައި އިންޑިއާއިން ރާއްޖޭގައި ގާއިމްކުރާ ރާޑަރު ސިސްޓަމްވެސް އިފްތިތާހުކޮށްދެއްވި އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ކަސްޓަމްސް އޮފިސަރުން ތަމްރީނު ކުރުމާއި ސިވިލް ސާވަންޓުން ތަމްރީނު ކުރުން، ސިއްހީ ދާއިރާ އިން އެއްބާރުލުން ދިނުން، ރާއްޖެ އާއި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ފެށުން، ހައިޑްރޯގްރަފީ އަދި އޯޝަން އިކޮނޮމީ އާއި ގުޅޭ އެއްބަސްވުމެއްގެ އިތުރުން ވައިޓް ޝިޕިން، ނޫނީ ދެ ގައުމުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.

ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބުވެސް މޯދީ އަށް ވަނީ އަރުވައިފަ އެވެ.

މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެން އިއްޔެ ވަނީ މަޖިލީހުގައި ތަގުރީރުވެސް ކުރައްވައިފައެވެ. މޯދީގެ ތަގުރީރުގައި ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ދޭ އެހީއަކީ ރާއްޖެ ދަރަނިވެރި ކުރުވުމަށް ދޭ އެހީ ނޫން ކަމަށެވެ.

މި ދަތުރުފުޅުގައި މޯދީ ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސް މައުމޫނު އަބްދުލްގައްޔޫމު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއިވެސް ބައްދަލު ކުރައްވައިފައެވެ.

މޯދީގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ވަނީ ހާޢްސަ ޖާފަތެއް ވެސް ދެއްވައިފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާ ވަޑައިގަންނަވަމުން މޯދީ ވަނީ ރާއްޖެއިން މޯދީ އަށް ދެންނެވި ހޫނު މަރުހަބާ އަށް ޝުކުރު ދަންނަވައިފައެވެ. ރާއްޖެއިން ލިބިވަޑައިގެންނެވި މެހެމާނު ދާރީ ފާހަގަކުރައްވާ މޯދީ ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން މިހާރަށްވުރެވެސް ބަދަހިވެގެން ދާނެ ކަމަށެވެ.

ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ދެން ވަޑައިގަންނަވާނީ ސްރީލަންކާ އަށެވެ.

comment ކޮމެންޓް