މެންބަރު އަލީއަށް ރަހުމަތްތެރިޔާ ދިން ހަދިޔާގެ ބޭނުން ހިފުނީ އަހަރެއް ފަހުން

މެމްބަރު އަލީ ހުސަައިން އިންޑިއާގެ ސަގާފީ ހެދުމެއްގައި -- ސަން ފޮޓޯ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތަގުރީރު ކުރެއްވުމަށް ބޭއްވި ހާއްސަ ޖަލްސާއަށް މެންބަރުން ވަޑައިގެން ތިއްބެވީ ފުލް ސޫޓް ތުރުކުރައްވައިގެން ކޯޓް ފަޓުލޫނުގަ އެވެ. އެކަމަކު އެންމެ މެންބަރަކު ތަފާތެވެ. މަޖިލީހުގެ ގެލެރީގައި ހުރެ ޗެމްބަރު ބަލައިލާއިރު އެންމެ ފުރަތަމަ ވެސް އަޅައިގަތީ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއން ތުރުކުރައްވައިގެން ހުންނެވި ހެދުމަށެވެ.

އަލީ ހުސައިން އިންނެވީ ތަފާތު ގޮތަށް ހެދުން އަޅުއްވައިގެންނެވެ. މެމްބަރު އަލީ ހުސައިން ހުންނެވީ، ނެހުރޫ ޖެކެޓް އަދި ކުރުތާއެއް ތުރުކުއްރައްވައިގެން އެހެން މެމްބަރުންނާ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. އިންޑިއާގެ ބޮޑު ވަޒީރު ތަގުރީރު ކުރެއްވި ތާރީހީ މި ޖަލްސާއަށް އަލީ ހުސައިން ވަޑައިގަތީ އިންޑިއާގެ ސަގާފީ ހެދުމެއްގަ އެވެ.

ޝޯޝަލް މީޑީއާގައި ވެސް ބައެއް މީހުންގެ ސަމާލުކަމަށް އައި އަލީ ހުސައިންގެ ހެދުމާ ގުޅިގެން އޭނާ "ސަން" އަށް ވިދާޅުވި ގޮތުގައި އެ ހެދުމަކީ އިންޑިއާގައި ކިޔަވަން ހުންނެވި ދުވަސްވަރުގެ ރަހުމަތްތެރި މީގެ އަހަރެއްހާ ދުވަސްކުރިން އޭނާއަށް ހަދިޔާއަކަށް ދެއްވި ހެދުމެވެ.

"އެއީ ކުލާސްމޭޓަކު ހަދިޔާ ކުރެއްވި ހެދުމެއް. 1 ފެބުރުއަރީ 2018 ގައި. އެ ދިން ގޮތައް އޭތި އޮތީ. މިއަދު ދެން ހިތަށް އެރީ އިންޑިއާގެ ބޮޑުވަޒީރުވެސް ވަޑައިގަންނަވާތީ އެ ހެދުން ލައިގެން ދާން،" ލޯޔަރެއްގެ ގޮތުގައި ވެސް މަޝްހޫރުވެފައިވާ އަލީ ހުސައިން ވިދާޅުވި އެވެ.

މީގެ 10 އަހަރު ކުރިން އަލީ ހުސައިން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެއްވީ އިންޑިއާގެ ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވާސިޓީންނެވެ.

ދެހާސް ތިން ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް އިންޑިއާގައި ދިރިއުޅުއްވި އަލީ ހުސައިން ވިދާޅުވި ގޮތުގައި އެގޮތަށް ހެދުން ތުރުކުރައްވައިގެން ދިޔައީ ވަކި ހާއްސަކަމެއް އޮވެގެން ނޫނެވެ. އަލީ ވިދާޅުވި ގޮތުގައި ކުލާސް މޭޓް އޭނާއަށް ހަދިޔާ ދިނީވެސް "ހާއްސަ ރަމިއްޔާތެއްގައި ބޭނުންކޮށްލަން އެންމެ ރަނގަޅުވާނެ" ކަމަށް ބުނެ އެވެ.

"އެ ކުއްޖާއަށް ފެންނާނެތާ މިއަދު އޭތި ލައިގެން ހުއްޓާ ދިޔައިމަ. ރައްޓެހި ކުއްޖާވެސް ބުނި މިކަލަ ފަންކްޝަން އަކަށް ދާން ރަނގަޅުވާނެއޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ލައިގެން ހުރި ހެދުމަށް އެންމެންގެ ސަމާލުކަން މި ވަނީ ދަމައިގެންފަ އެވެ. ޝޯޝަލް މީޑިއާގައި އެކި މީހުން މިކަމާ ގުޅޭގޮތުން އެކި ހިޔާލާއި ފާޑުކިޔުން ފާޅުކުރެ އެވެ.

ބައެއް މީހުން އަލީ ހުސައިންގެ ހެދުމަށް ދަނީ ތައުރީފު ކުރަމުންނެވެ. އަދި ބައެއް މީހުން ބުނިގޮތުގައި އަލީ ހުސައިން އިންޑިއާގެ ސަގާފީ ހެދުމަށް ލުމަށްވުރެ، ދިވެހި ސަގާފީ ހެދުމެއް ލައިގެން ދިޔަ ނަމަ މާ ރީތިވީހެވެ.

ރާއްޖެއާއި އިންޑިއާއަކީ ގާތް ދެ ގައުމެވެ. ދުވަސްވީ އެކުވެރިކަމެއް އޮތް ދެގައުމެވެ. ސަގާފީ ގޮތުންނާއި ބަހަވީ ގޮތުންވެސް އެއްގޮތް ކަންތައްތަކެއް ހިއްސާ ކުރާ ދެ ގައުމެކެވެ.

ކޮންމެ ކަމަކަށްވެސް މުނާސަބަތު ވަގުތު އާދެ އެވެ. ބައެއް ފަހަރު އެ ވަގުތު އަންނަނީ، އަވަހަށެވެ. ބައެއް ފަހަރު އެ ވަގުތު އަންނަނީ ލަހުންނެވެ. މެމްބަރު އަލީ ހުސައިން އަށް އެ ވަގުތު އައީ، އެއް އަހަރު ފަހުންނެވެ. ރަހުންތެރިޔާ ހަދިޔާކުރެއްވި ނެހުރޫ ހެދުން ތުރުކުރެއްވުމުގެ މުނާސަބު ވަގުތު މެންބަރަށް ކުރިމަތިވީ މިއަދު އެވެ.

comment ކޮމެންޓް