އިންޑިއާގެ ބޮޑުވަޒީރު މޯދި އެނގެނީ ކިހާވަރަކަށް؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: ގެޓީ

އެނގޭ ހެއްޔެވެ؟ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އަކީ ރޭލު ސްޓޭޝަންތަކުގައި ސައި ވިއްކަން އުޅުނު ހަމަ އާދައިގެ ކުއްޖެކެވެ.

މީގެ 68 އަހަރު ކުރިން ގުޖުރާތަށް އުފަންވި މޯދީއަކީ ދަމޮދަރުދާސް މުލްޗަންދު މޯދީ އާއި ހީރަބެން މޯދީގެ ހަ ކުދިންގެ ތެރެއިން ތިން ވަނަ ކުއްޖާ އެވެ. އޭނާގެ މަންމައަކީ ގޭގެއަށް ގޮސް މަސައްކަތްކޮށްދިން މީހެކެވެ. އަދި އޭނާގެ ބައްޕައަކީ ރޭލު ސްޓޭޝަނެއްގައި ސައި ވިއްކި މީހެކެވެ. އެމަސައްކަތުގައި މޯދީވެސް އެހީތެރިވެ، ފަހުން އަމިއްލަ ސައި ސްޓޯލެއް ހުޅުވީ އެވެ.

މީގެ އިތުރުން އިންޑިއާއަކީ ހިންދޫ ގައުމަކަށް ހެދުމުގެ މަގުސަދުގައި އުފައްދާފައިވާ ރާސްތުރިޔާ ސުވަޔަމްސެވަން ސަންގު (އާރުއެސްއެސް)ގެ ބައްދަލުވުންތަކުގައި މޯދީ ބައިވެރިވާން ފެއްޓެވީވެސް ޅައުމުރުގަ އެވެ. އަދި އެޖަމްއިއްޔާއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި މޯދީއަށް މިހާރުވެސް އާރުއެސްއެސްގެ ލީޑަރުންގެ ފުރިހަމަ މަދަދު އޮވެ އެވެ.

އާރުއެސްއެސްއާ ގުޅުން އޮންނަ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް މޯދީ ސޮއި ކުރެއްވީ 1987ގަ އެވެ. އަދި ކުޅަދާނަ ބަސްމޮށުންތެރިއެއް ކަމަށްވާ މޯދީ މަދު އަހަރުތަކެއްގެ ތެރޭގައި ޕާޓީގެ އިސް މަގާމުތައް ފުރުއްވަން ފެއްޓެވި އެވެ. އެގޮތުން 1995ގައި ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާ ކުރެއްވުމަށް ފަހު 2001ގައި ގުޖުރާތުގެ ޗީފް މިނިސްޓަރު ކަމަށް އައްޔަން ކުރެވުނެވެ.

މޯދީގެ ކުޑައިރުގެ ފޮޓޯއެއް.

މޯދީގެ ވަނަވަރު:

  • ފުރިހަމަ ނަން: ނަރެންދުރަ ދަމޮދަރުދާސް މޯދީ
  • އުފަން ދުވަސް: 17 ސެޕްޓެމްބަރު 1950
  • އުފަން ތަން: ވަދްނާގަރު، ގުޖްރާތު / އިންޑިޔާ
  • ބައްޕަގެ ނަން: ދަމޯދަދަދާސް މޯދީ
  • މަންމަގެ ނަން: ހިރާބަ މޯދީ
  • އަނބިކަނބަލުން: ޖަޝޯދަބެން މޯދީ
  • ތައުލީމު: ބީއޭ، ދެެއްލީ ޔުނިވަރސިޓީ 1978، އެމްއޭ ގުޖްރާތު ޔުނިވަރސިޓީ 1983
  • ދީން: ހިންދޫ

އޭގެ އަހަރެއް ފަހުން، އިންޑިއާގައި ހިނގި އެންމެ ބޮޑު އެއް ދީނީ ހަމަނުޖެހުން ހިނގައި މުސްލިމުންނާއި ހިންދޫއިންނާ ދެމެދު ލޭ އޮހޮރުވުން ގުޖުރާތުގައި ހިނގި އެވެ. އެމައްސަލަ ފެށުނީ ގުޖުރާތުގެ ގޮދުރާގައި ގިނަ އަދަދެއްގެ ހިންދޫން ތިބި ރޭލެއްގައި ރޯވެ، 60 މީހުން މަރުވުމުންނެވެ. އެރޭލުގައި ރޯވީ އެކްސިޑެންޓަކުން ކަމަށް 2006 ވަނަ އަހަރު ކޯޓުން ނިންމި ނަމަވެސް 2011ގައި ކޯޓަކުން ވަނީ ރޭލުގައި ގަސްތުގައި ރޯކުރީ ކަމަށް ނިންމައި، އެމައްސަލައިގައި 31 މުސްލިމުންގެ މައްޗަށް ހުކުމްކޮށްފަ އެވެ.

2002 ވަނަ އަހަރު ގުޖުރާތުގައި ހިންގި ހަމަނުޖެހުންތަކުގައި 1،000އަށް ވުރެ ގިނަ މީހުން މަރާލި -- ފޮޓޯ: ރޮއިޓާސް

އެހާދިސާ ހިނގުމާއެކުވެސް، ރޭލުގައި ރޯކުރީ މުސްލިމުން ކަމަށް ހަބަރު ފެތުރުނެވެ. އޭގެ ސަބަބުން މުޅި ގުޖުރާތުގައި ފެށުނު މުޒާހަރާތަކުގައި ހަމަނުޖެހުންތައް އުފެދި، މުސްލިމުންނަށް އަމާޒުކޮށް ހަމަލާ ދޭން ފެށި އެވެ. އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2،000 އަށް ވުރެ އިތުރުވި ކަމަށް ބައެއް ރިޕޯޓުތަކުގައިވާ އިރު އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

ގުޖުރާތުގައި ގަތުލްއާއްމު ހިންގަން މޯދީ ފުރުސަތު ދެއްވި ކަމަށާއި އެކަމަށް އޭނާ ހުއްދަ ދެއްވި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެގޮތުން 2003 ވަނަ އަހަރު މަރާލާފައިވާ ސީނީއާ ޕޮލިސް އޮފިސަރަކު ވަނީ، މުސްލިމުން މަރަމުން ދިޔަ މީހުންނަށް ހުރަސް ނޭޅުމަށް މޯދީ ސިވިލް ސާވެންޓުންނަށާއި ފުލުހުންނަށް އިރުޝާދު ދެއްވި ކަމަށް ބުނެފަ އެވެ. ނަމަވެސް މޯދީ ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

އެހާދިސާއަށް ފަހު އެމެރިކާއިން މޯދީއަށް ވިސާ ދިނުމަށް ދެކޮޅު ހަދައި، އިނގިރޭސިވިލާތުން އޭނާއާ ހުރިހާ ގުޅުމެއް ކަނޑާލި ނަމަވެސް 2014 ވަނަ އަހަރު އިންޑިއާގެ ބޮަޑުވަޒީރު ކަމަށް މޯދީ ވަޑައިގެންނެވުމާ އެކު ދުނިޔޭގެ ސިޔާސީ މައިދާނަށް އަނެއްކާވެސް އޭނާއަށް ވަދެވުނެވެ.

މޯދީގެ ޅަ ދުވަސްވަރުގެ ފޮޓޯއެއް.

މޯދީ ބޮޑުވަޒީރު ކަމަށް ކުރިމަތިލެއްވުމުން ކޮންގްރެސް ޕާޓީގެ ލީޑަރަކު އޭނާއަށް "ޗައިވާލާ"ގެ ނަން ކިޔައި، މަލާމާތް ކުރެއްވުމުން މޯދީ އެއީ ކެމްޕެއިންގެ ބަޔަކަށް ހެއްދެވި އެވެ. އަދި އޭނާއަށް އެންމެ ބޮޑު ތާއިދެއް އޮތް މެދު ފަންތީގެ އާއިލާތަކުން މޯދީއަށް ތާއިދު ކުރާ އެއް ސަބަބަކީ ކޮންގްރެސްގެ މިހާރުގެ ލީޑަރުންނާ ހިލާފަށް، އޭނާއަކީ ފަގީރުކަމުން އަރައިގަނެ، ގައުމުގެ އެންމެ ބާރުގަދަ މަގާމަށް ވަޑައިގެންނެވި ބޭފުޅަކަށްވާތީ އެވެ.

ބޮޑުވަޒީރު މޯދީއާ އެކު 2014 ވަނަ އަހަރު ބީޖޭޕީ ވެރިކަމަށް އައީ ގައުމުގެ ތާރީހުގައިވެސް އެއް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ލިބުނު އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްގެންނެވެ. އަދި އެފަހަރު އެޕާޓީން ވީ ވައުދުތައް ކަމަށްވާ، ކޮންމެ އަހަރަކު 20 މިލިއަން ވަޒީފާ އުފެއްދުމާއި، އިންޑިއާގައި ސްމާޓް ސިޓީތައް އުފެއްދުމާއި ގަންގާ ކޯރު ސާފު ކުރުން ފަދަ އެއްވެސް ބޮޑު ވައުދެއް ނުފުއްދުނު ނަމަވެސް، ބީޖޭޕީން ވަނީ މިއަހަރު މިދިޔަ އިންތިހާބަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެއާއެކު މޯދީ ވަނީ އަނެއްކާވެސް ކުރިއަށް ވުރެ މާވަރުގަދަކޮށް އާ ދައުރެއް ފައްޓަވާފަ އެވެ.

comment ކޮމެންޓް