ކަނޑުތައް އިންތިހާއަށް ގަދަވެ، އުދައެރުން ވެސް އެކަށީގެންވޭ: މެޓް

އުތުރާއި މެދުތެރޭ ސަރަހައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނޭ--- ސަންފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ރާއްޖެއާ ދުރުން ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެ ކަމަށް ލަފާކުރެވޭތީވެ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓުން ބުނީ ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން މެދުތެރެއާ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން ގަޑިއަކު 50 މޭލާއި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މެޓުން ބުނީ އުތުރާއި މެދުތެރޭ ސަރަހައްދުތަކަށް ވައިގަދަވުމާ ގުޅިގެން ރާޅުގެ އުސްމިން ތިން ފޫޓާ ހަ ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭތީ އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމަށެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް [ހާއްސަކޮށް އުތުރާ މެދުތެރޭ ދަތުރުކުރާ ފަރާތްތައް] މެޓުން ވަނީ އެދެފަ އެވެ.

comment ކޮމެންޓް